ރަޙްމަތްތެރިންނާއި ގާތްމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ސޯޝަލް މީޑިއާއަށް ތިލަކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކާ ޚިލާފު ކަމެކެވެ. އިޖްތިމާޢީ ގޮތުން ބެލިޔަސް އެއީ ރަނގަޅުކަމެއް ނޫނެވެ.
އިސްލާމް ދީން ބާރުއަޅަނީ ވީހާ ވެސް ބޮޑަށް މީހުންގެ އައިބުތައް ފޮރުވުމަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ" (صحيح مسلم) "އަދި މުސްލިމެއްގެ އައިބު ފޮރުވައިދީފި މީހާގެ އައިބު، ޤިޔާމަތް ދުވަހުން ﷲ ފޮރުވައިދެއްވާނެއެވެ."
އަދިވެސް މިމޭރުމުން ހުރި ޙަދީޘްތައް ވަރަށް ގިނައެވެ. ރަޙްމަތްތެރިއަކާ މައްސަލައެއް ޖެހިގެން އޭނާގެ އުނި ސިފަތަކާއި ކުރި ކަންތައްތައް ސޯޝަލް މީޑިއާގައި ހާމަކުރުމަކީ މި އަދަބުވެރި "ޢައިބުތައް ވަންހަނާކުރުމުގެ" ސިފައާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ.
އިސްލާމްދީން ބާރުއަޅަނީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށެވެ. ސޯޝަލް މީޑިއާގައި މީހުންގެ އަބުރަށް އަރައިގަނެ، އެމީހުންގެ އުނިސިފަތައް ހާމަކުރުމަކީ "ޣީބަ" ބުނުމާއި ދެބައޮޑުވުމުގެ ތެރޭގައި ހިމެނޭ ޢަމަލެކެވެ.
އަދި ބައެއްފަހަރު އެފަދަ ގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެސް ވެދާނެއެވެ. ދެމީހެއްގެ ދެމެދުގައި ޖެހޭ މައްސަލައެއް ޢާންމުކުރުމުން، އެކަމުގެ ތެރެއަށް އެހެން މީހުން ވަދެ، އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފަށައެވެ. މީގެ ސަބަބުން ކުޑަ މައްސަލައެއް ބޮޑުވެ، އަލުން ޞުލްޙަވުމަށް އޮންނަ ފުރުޞަތު ހަނިވެގެންދެއެވެ.
ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ޢާންމުކުރުމަކީ މީހާގެ އަމިއްލަ އަބުރާއި ގަދަރަށްވެސް އޭގެ އަސަރުކުރާނޭ ކަމެކެވެ. މީހެއްގެ ނުބައި ވާހަކަ ސޯޝަލް މީޑިއާގައި ލިޔުމުން، އެއީ ހަމައެކަނި އެމީހާގެ އަގު ވެއްޓޭ ކަމެއް ނޫނެވެ. އެފަދަ އެއްޗެހި ޕޯސްޓްކުރާ މީހާއަކީ އަޚްލާގީ ގޮތުން ދަށް، އަދި ސިއްރު ހިފަހައްޓަން ނޭނގޭ މީހެއްގެ ގޮތުގައި މުޖުތަމައު ދެކެން ފަށާނެއެވެ.
އެންމެ ރަނގަޅު ގޮތަކީ މައްސަލައެއް ދިމާވުމުން އެކަކު އަނެކަކާ ވާހަކަދައްކައިގެން ނުވަތަ އިތުބާރު ހިފޭ މީހެއްގެ އެހީގައި އެކަން ހައްލުކުރުމެވެ. ސޯޝަލް މީޑިއާއަކީ އަމިއްލަ ދިރިއުޅުމުގެ ނުތަނަވަސްކަން ހާމަކުރާ ތަނަކަށް އަދި އެހެންމީހުންގެ އަބުރާ ބެހޭ ތަނަކަށް ނުހަދާށެވެ.
އިސްލާމް ދީން ބާރުއަޅަނީ މައްސަލައެއް ޖެހިއްޖެނަމަ އެކަކު އަނެކަކަށް ނަސޭހަތްތެރިވެ، ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށެވެ. މީހުންގެ އަބުރާއި ސިއްރުތައް އާންމުކޮށް ބާޒާރުމަތީގައި ނުވަތަ ސޯޝަލް މީޑިއާގައި ކިޔުމަކީ އިސްލާމީ މަތިވެރި އަޚްލާގާ މުޅިން ޚިލާފު ކަމެކެވެ.
ނޯޓް: މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.