Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޓޯކިއޯގެ ފިރިހެނުން އޮފީސްތަކަށް ސޯޓް ލައިގެން!

މި ދުވަސްވަރު ޖަޕާނަށް ވަރަށް ބޮޑަށް ހޫނު ގަދަވެފައިވާތީ ވެރިރަށް ޓޯކިއޯގެ ފިރިހެނުން ސޯޓް ލައިގެން ވަޒީފާތަކަށް ދާން އެ ސިޓީގެ ސަރުކާރުން ހުއްދަކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުންސިޓީގެ ގަވަރުނަރު ޔުރިކޯ ކޮއިކޭ ވިދާޅުވީ ކޯޓްފަޓްލޫނުގައި އޮފީހަށް ދާން މިހާރު ހާލަތު ތަން ނުދޭ ކަމަށެވެ. އެހެންވެ ގަދަ ހޫނުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ހުރިހާ ފިރިހެން މުވައްޒަފުންނަށް ވެސް ސޯޓް ލައިގެން ވަޒީފާތަކަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޓޯކިއޯގައި މިކަން ތައާރަފުކުރީ ޓޯކިއޯ ކޫލް ބިޒް އިނިޝިއޭޓިވެއްގެ ދަށުންނެވެ. މި އުސޫލު ތައާރަފުކުރީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާރު ހޫނުން ސަލާމަތްވާން ކެޝުއަލްކޮށް ހެދުން އަޅައިގެން ވަޒީފާތަކަށް ދާ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ބައެއް އަންހެނުން ވަނީ ފިރިހެނުންނަށް އެކަނި ސޯޓް ލައިގެން ދާން ހުއްދަ ދިނުން އިންސާފުވެރި ނޫން ކަމަށް ބުނެފަ އެވެ. އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި ވަކި އެއްޗެއް ލައިގެން ވަޒީފާ އަށް ދާން އެންގުމަށް ވުރެ ބޮޑަށް، އެކަން އިހުތިޔާރަށް އެކަން ދޫކޮށްލުން މާ ރަނގަޅުވާނެ އެވެ.

އެގޮތުން އަންހެނުންނަށް ވެސް ވަޒީފާތަކަށް ދާން ހެދުން އެޅުމުގައި ލުއިކަން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ފިރިހެން މުވައްޒަފުންނަށް ސޯޓް ލައިގެން އޮފީސްތަކަށް ދާން ހަމަޖެއްސި އުސޫލާ ގުޅިގެން ބައެއް އަންހެނުން ވަނީ އެ މީހުންނަށް އެކަން މައްސަލައަކަށް ނުވާ ކަމަށް ބުނެފަ އެވެ. ސަބަބަކީ ފައި ހާމަވާ ގޮތަށް ހެދުން އަޅަން ޖެހިއްޖެ ނަމަ ފައިގައި އިސްތަށި ހުރުމުގެ ލަދުވެތިކަމާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް ބައެއް އަންހެނުން ބުނެފައިވެ އެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ޖަޕާނަކީ އޮފީސް މާހައުލުގައި އަންހެނުން ވަރަށް އާންމުކޮށް ކުރު ސްކާޓް ބޭނުންކުރާ ގައުމެއްކަމެވެ.