މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ.
ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުން އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މަގާމުތަކުފެ މުސާރަ އާއި އިނާޔަތްތަކަށާއި، އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލު:
* ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17- އަސާސީ މުސާރަ އަށް 23،935ރ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065ރ.
* ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17- އަސާސީ މުސާރައަށް 23،935ރ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 23،065ރ.
* ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 – އަސާސީ މުސާރައަށް 18،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 6،620ރުފިޔާ.
ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16- އަސާސީ މުސާރައަށް 10،000ރ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 7،000ރ.
މީގެ އިތުރަށް އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސާ ސަޕޯޓް ޓެކްނީޝަންގެ ޖޮބް މެޓްރިކްސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މެނޭޖަރުންގެ ޖޮބް މެޓްރިކްސް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖޯ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
މީގެ ކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި 53،000ރ. ލިބެ އެވެ.