މިހާރުގެ ޕާކިސްތާނުގައި، ގާ ކިޔާ ބަސްތީއެއް ނުވަތަ ވިލެޖެއް އޮތެވެ. އެ ބަސްތީއަށް 1932 ވަނަ އަހަރު މަންމޯހަން ކިޔާ ފިރިހެން ކުއްޖަކު އުފަންވި އެވެ. އެ ބަސްތީގައި ސްކޫލެއް ނެތްތާނގައި، ކަރަންޓެއްވެސް ނެތެވެ. ޑޮކްޓަރެއްގެ ޚިދުމަތެއް އަދި ސާފު ބޯފެނެއްވެސް ލިބޭކަށް ނުހުރެއެވެ. އޭނާ، ސްކޫލަށް ދިއުމަށްޓަކާ ކޮންމެ ދުވަހަކު، އެތައް މޭލު ދުރަކަށް ހިނގަންޖެހެއެވެ. އަދި ރޭގަނޑު ސާފު ތެޔޮ އަޅައިގެން ދިއްލާ ފުޅިބައްތިއެއްގެ ފަނޑު އަލީގައި، އޭނާ ފިލާވަޅު ދަސްކޮށް ހެދިއެވެ.
އޭނާގެ މަންމަ ވަނީ، އޭނާ ވަރަށް ކުޑައިރު މަރުވެފައެވެ. އޭނާ ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރީ އޭނާގެ މާމައެވެ. އޭނަގެ މާމަ، އޭނައަށް ބުނާނެއެވެ. "ދަރިފުޅާއެވެ. ކިޔަވާށެވެ! ދަރިފުޅާއެވެ. ހުރިހާ އެއްޗެއް ކިޔަވާށެވެ! އެއްވެސް މީހަކަށް ދަރިފުޅު ކިޔެވި އެއްޗެއް އަތެއް ނުލެވޭނެއެވެ."
އޭނާ، އޭނާގެ މާމަގެ ބަސް އަޑުހައި، ކިޔަމަންތެރިވި އެވެ.
ޕަންޖާބު ޔުނިވަސިޓީގައި ކިޔަވަމުން ދަނިކޮށް، ކެމްބްރިޖް ޔުނިވަސިޓީން އޭނާ އަށް ސްކޮލަޝިޕެއް ލިބުނެވެ. ޢުމުރުން 23 އަހަރުގައި، 1955 ވަނަ އަހަރު ސެއިންޓް ޖޯންސް ކޮލެޖުގައި ކިޔަވަން ފެށިއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ކިޔެވުން ފުރިހަމަކޮށް، އެންމެ ފަހުގެ އިމްތިޙާނުގައި ފަސްޓް ކްލާސް އޮނަރ ޙާޞިލުކުރިއެވެ. އެ އަހަރު އިކޮނޮމިކްސް އިން އެއްވަނަ ދަރަޖައިގެ އެވޯޑް ޙާޞިލުކުރި ހަމައެކަނި ދަރިވަރަކީ އޭނާއެވެ. ސްކޫލެއް ނެތް ގާގެ، އެ ފިރިހެން ކުއްޖާއަކީ ކެމްބްރިޖް ޔުނިވަރސިޓީގެ އެންމެ މޮޅު ދަރިވަރެވެ.
އޭނާގެ މޮޅުކަމާއި، ޤާބިލުކަމުގެ ސަބަބުން، ޕްރޮފެސަރު ސަރ ޑެނިސް ރޮބަޓްސަން އަމިއްލަފުޅަށް، އޭނާއަށް "ސިޔާސީ އިޤުތިޞާދީ ކުލަބާ" ގުޅެން ދަޢުވަތު ދިނެވެ. އެ ކުލަބަކީ 1909 ވަނަ އަހަރު ކޭންސް އުފެއްދެވި ކުލަބެކެވެ. އެހާތަނަށް އަންޑަގްރެޖުއޭޓް ދަރިވަރަކު، އެ ކުލަބާއި ގުޅުމުގެ ވާހަކައަކީ ދުވަހަކުވެސް ބަޔަކު އަޑުއެހި ވާހަކައެއް ނޫނެވެ.
އެއަށް ފަހު، އޭނާ އޮކްސްފޯޑް ޔުނިވަރސިޓީއިން ޑޮކްޓަރޭޓް ޑިގްރީ ޙާސިލު ކުރުމަށްފަހު އިންޑިއާއަށް ގޮސް، ތިން އަހަރު ދުވަހު ކިޔަވައިދިނުމުގައި ހޭދަކުރިއެވެ. އޭނާއަށް ހުޅަނގުގެ ޤައުމުތަކުގައި މަސައްކަތް ކުރުމުގެ ދަޢުވަތު ކިތަންމެ ފަހަރަކު ލިބުނެވެ. އޭނާ ބޭނުންނަމަ، އޭނާއަށް ތަރައްޤީވެފައިވާ ހުޅަނގުގެ ދުނިޔޭގައި، އެއަރކަންޑިޝަން އޮފީސްތަކުގައި ބޮޑުމުސާރައިގައި، އަރާމު ދިރިއުޅުމެއް ބިނާކުރެވުނީހެވެ. އެކަމަކު، އޭނާ އިސްކުރީ އޭނާގެ ޤައުމެވެ. އޭނާ އިންޑިއާގައި މަޑުކުރީއެވެ.
ކިޔަވައި ދިނުމުގެ އިތުރުން، އޭނާ ރިޒާވް ބޭންކު އޮފް އިންޑިއާގެ ގަވަރުނަރުކަމާއި، ޗީފް އިކޮނޮމިކް އެޑްވައިޒަރުކަމާއި، އަދި ޑިޕާޓްމަންޓް އޮފް އިިކޮނޮމިކް އެފެއަރޒްގެ ސެކްރެޓަރީކަމާއި، ޕްލޭނިން ކޮމިޝަންގެ މެމްބަރުކަމާއި، ޑެޕިއުޓީ ޗެއަރމަންގެ މަޤާމު އަދާކުރިއެވެ. ދެން އައީ 1991 ވަނަ އަހަރެވެ.
އިންޑިއާ އޮތީ އިޤުތިޞާދީ ބޮޑު އަނދަވަޅެއްގެ ތުންފަތް މަތީގައެވެ. ފޮރިން އެކްސްޗޭންޖް ރިޒާވް ހުރީ ގާތްގަނޑަކަށް އެއްކޮށް ހުސްވެފައެވެ. ބައިނަލްއަޤުވާމީ ދަރަނިތައް ދެއްކޭނޭ ގޮތެއް ނެތި އިންޑިއާ އޮތީ ޑިފޯލްޓްވުމުގެ މަގުމަތީގައެވެ. އެންމެފަހުން ކޮލެޓްރަލްގެ ގޮތުގައި ޚާލިސް ރަން އިންޑިއާއިން ބޭރަށް ފޮނުވަން ޖެހުނެވެ. އެއީ އިންޑިއާއަށް ކުރިމަތިވި ޙަޤީޤީ އިޤްތިޞާދީ ބޮޑު ކާރިސާއެކެވެ.
ޖުލައި 24، 1991 ގައި ގާގެ، އެ ކުއްޖާ، އޭރުގެ އިންޑިއާގެ މާލީ ވަޒީރު ޝްރީ މަންމޯހަން ސިންގް، ޤާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި ހުރެ، ޤައުމެއްގެ އިޤުތިޞާދީ ދަތުރު އެއްކޮށް ބަދަލުކޮށްލާނެ ބަޖެޓެއް ހުށަހެޅިއެވެ. އެދުވަހު، އޭނާގެ ވާހަކަ ނިންމާލީ ވިކްޓަރ ހޫގޯގެ ޤައުލަކަށް ޙަވާލާދީފައެވެ. "އޭގެ ވަގުތު އައިސް ޖެހިފައިވާ ޚިޔާލެއް، ދުނިޔޭގެ އެއްވެސް ބާރަކަށް ނުހުއްޓުވޭނެއެވެ." "އަހުރެން މި މަޖިލީހަށް ލަފާއަރުވަނީ ދުނިޔޭގެ އިޤުތިޞާދީ ބޮޑު ބާރެއްގެ ގޮތުގައި އިންޑިއާ އުދަވެގެން އަންނާނެ ފަދަ ޚިޔާލެކެވެ." އޭނާގެ އަޑު، އެހެން މީހުންނަށް ކިރިޔާ ކިރިޔާ އިވޭ ވަރަށް ވާހަކަ ދައްކާ މަންމޯހަން ސިންގު، އެ ދުވަހު ވާހަކަ ދެއްކީ ޔަޤީންކަމާ، އިތުބާރާއެކު ވަރަށް ބާރަށެވެ. އެ ދުވަހުގެ މެންދުރުފަހު، އޭނާ ތަޢާރަފުކުރި އިޤުތިޞާދީ އިސްލާޙީ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ އެތައް ސަތޭކަ މިލިއަން މީހުން ފަޤީރުކަމުން ސަލާމަތް ކުރެވުނެވެ.
އިންޑިއާގެ މިނިވަންކަމަށް ފަހު، އެ ޤައުމުގެ ފައިގައި އެޅިފައިވާ މާލީ، އަދި އިޤުތިޞާދީ ކަސްތޮޅުން، އެ ޤައުމު މިނިވަން ކޮށްދިނެވެ. ދުވަހަކުވެސް އޭނާ އެކަމާ މެދު ފަޚުރުވެރިވެ، އެވާހަކައެއް ނުދައްކައެވެ. ދުވަހަކުވެސް އޭނާ އެކަމާ ގުޅިގެން ރެލީތަކާއި، އެއްވުންތަކެއް ނުބާއްވައެވެ. އޭނާ ބޭއްވި ނޫސްވެރިންގެ އެތަކެއް ބައްދަލުވުންތަކުގައި ވެސް، އެންމެ ފަހަރަކުވެސް އެކަމާ ބެހޭގޮތުން އޭނާ ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ކަން ކޮށްފައި، ކުރިއަށް ދިޔައީއެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޖެނުއަރީ މަހު، ބޮޑުވަޒީރުކަމުގެ މަގާމުގައި 10 އަހަރު ހޭދަކުރުމަށްފަހު އޮފީސް ދޫކޮށް ދާން އުޅެނިކޮށް، ނޫސްވެރިން އޭނާއާ ސުވާލުކުރަމުން، އޭނާގެ ސަރުކާރަކީ ވަރަށް ބަލިކަށިި ސަރުކާރެއް ކަމަށް ބުންޏެވެ. އޭނާގެ ޖަވާބު ސާދާވެފައި ވަރަށް ކުރެވެ. "އަހުރެން ތެދުވެރިކަމާއެކު ޤަބޫލުކުރާ ގޮތުގައި، މިޒަމާނުގެ މީޑިއާތަކަށްވުރެ، ނުވަތަ ޤާނޫނުހަދާ މަޖިލީހުގައި ތިބި އިދިކޮޅު ޕާޓީތަކަށް ވުރެ، ތާރީޚު އަހުރެންނަށް އޯގާތެރިވާނެއެވެ." އޭނާގެ ވާހަކަ މުޅިން ތެދެވެ. އޭނާ، އިނދަޖެހިފައި އޮތް އިންޑިއާގެ އިޤުތިޞާދު ނަގައި ކޮޅަށްޖެހިއެވެ. ތާރީޚު އެކަމަށް ހެކި ވާނެއެވެ.
ޑިސެމްބަރު 26، 2024 ގައި ދުނިޔެ ދޫކުރިއިރު، އޭނާގެ ޢުމުރަކީ 92 އަހަރެވެ. ދެހާސް ދިހަ ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. "އަހުރެން މިއަދު މިފެންނަ، އަހުރެންނަށް ވެފައިވަނީ ތަޢުލީމުގެ ސަބަބުންނެވެ. އަހުރެން އެދެނީ އިންޑިއާގެ ކޮންމެ ކުއްޖަކީވެސް ތަޢުލީމުގެ އަލިކަން ބީހިފައިވާ ކުއްޖަކަށް ވުމެވެ." އޭރުވެސް ސާފު ތެލުން ދިއްލި ފުޅިބައްތީގެ އަލިކަމުގެ މަތިން، އޭނާ ހަނދާނެއް ނުނެތެއެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.