ދުވަހުން ދުވަހަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީތަކަށް ދިވެހިން އަހުލުވެރި، ބޭނުން ކުރަން އެނގުން ވަރަށް މުހިިއްމު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޛުކުރުމުގަ އަދި މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ކުރިއަށް ގެންދާ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ މި ކެމްޕޭނާ އެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށާއި އިޤްތިސާދު ބިނާކުރުމަށް ޤާއިމުކޮށްފައިވާ އަދި ކުރިމަގަށް ރާވާފައިވާ ޤައުމީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތައް މެދުވެރިކޮށް އިޤްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދުމަށް ޑިޖިޓަލް ރޮނގުން ލޯހުޅުވިފައި ތިބި ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުން ބިނާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އިހްސާން ވިދާޅުވީ ޤައުމު ކުރިއަރައިގެން ދާނީ، ރައްޔިތުންގެ ކިބައިގައި ޑިޖިޓަލް ސުލޫކާއި އިތުބާރު ހުރެ، ޢަމަލީ ހުނަރުތައް އަށަގަނެ، އަދި އަލަށް އަންނަ ޓެކްނޮލޮޖީތައް ރައްކާތެރިކަމާއެކު ބޭނުންކުރަން އެނގިގެން ކަމަށެވެ.
"ޓެކްނޮލޮޖީގެ ދާއިރާގެ މަސްއޫލިއްޔަތު ހަވާލުވެހުރި މިނިސްޓަރުގެ ހައިސިއްޔަތުން، އަޅުގަނޑު ދަންނަވަން އޮތީ ހަމައެކަނި ޓެކްނޮލޮޖީއަކުން ޤައުމެއް ބަދަލެއް ނުކުރެވޭނެ ވާހަކަ. އަޅުގަނޑުމެންނަށް ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ، ޑިޖިޓަލް ޕޭމަންޓް ހެދުމުގެ ނިޒާމުތައް ޤާއިމުކޮށްދީ ޑިޖިޓަލް ޕްލެޓްފޯމްތައް ޚިދުމަތް ދިނުމަށް ޤާއިމުކުރެވި ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. " ނަމަވެސް، އެ ތަކެތި އަދި ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު އަޅުގަނޑުމެންގެ ރައްޔިތުންގެ ކިބައިގައި ނެތް ނަމަ، އަޅުގަނޑުމެން ވާނީ އާޚިރުގައި ނާކާމިޔާބު."
އެހެންވެ މި ރޮނގުން ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ޤައުމާއިގެން ކުރިއަށް ދާނެ، ޑިޖިޓަލް ގޮތުން ޤާބިލު ރައްޔިތުން އުފެއްދުން ކަމަށް ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0 ގެ އެއް އަމާޒަކީ އެއްވެސް ރައްޔިތަކަށް ލިބޭ ފުރުޞަތެއް އޭނާ ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނިނުވާނެ ފަދަ "ޑިޖިޓަލް ފަސްޓް" ޤައުމެއް ބިނާކުރުން. އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ ރައްޔިތުންނަށް ފުރިހަމަ އިތުބާރާއެކު އޭއައި ފަދަ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، މި މަޝްރޫޢުގެ ދަށުން ޤާއިމު ކުރުވިގެންދާ ޑިޖިޓަލް އެކޯސިސްޓަމްގެ ތެރޭގައި ދާންވީ މިސްރާބު ނުވަތަ ނެވިގޭޓްކުރަން އެނގިގެން." އިޙްސާން ވިދާޅުވި އެވެ.