އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ހުޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ދެކޮޅަށް އެ ރަށުގެ ޕީއެންސީގެ ސަޕޯޓަރުންތަކެއް މުޒާހަރާ ކުރަމުން އެބަދެ އެވެ.
މިއަދު ހެނދުނުން ފެށިގެން ރަށު ކައުންސިލް އިދާރާ ކައިރީގައި މުޒާހަރާ ކުރަމުން އަންނަ އިރު، އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މުޒާހަރާ ކުރާ މީހުން ވަނީ ކައުންސިލް ހޮވާފައި އޮތީ ވަކި ބަޔަކަށް ހިދުމަތް ދޭން ނޫން ކަމަށް ބުނެ ވަކިވަކި ކައުންސިލަރުންގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ. އަދި ހުޅުދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ވެސް އިސްތިއުފާ ދޭން ގޮވާލާފައިވެ އެވެ.
މުޒާހަރާ ކުރާ މީހުން ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާ އެކު ހަރަކާތްތެރިވަމުން އަންނަ އިރު، ބައެއް ކައުންސިލަރުން މުޒާހަރާގެ ބައިވެރިންނާ ބައްދަލު ވެސް ކުރައްވާފައިވެ އެވެ. މުޒާހަރާކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކައުންސިލުން ހަމަހަމަކަމާ އެކު ހިދުމަތް ދޭން މަސައްކަތް ނުކުރުން ކަމަށް ކަމަށް ދަނީ ބުނަމުންނެވެ.
ހުޅުދޫ ބަޔަކު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ދެކޮޅަށް މިއަދު މުޒާހަރާ ކުރަމުުން އަންނަ އިރު ކައުންސިލާއި ކޮމިޓީގެ ކަންކަން ވަރަށް ދޯހަޅިކޮށް ކުރިއަށްދާ ކަމަށް ބުނެ އެކި މީހުން ސޯޝަލް މީޑިއާގައި މި ފަހުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ވެސް ގޮސްފައިވެ އެވެ.
ހުޅުދު އަކީ އައްޑޫގެ އަވަށްތަކުގެ ތެރެއިން ސިޓީ ކައުންސިލާ ވަކިވެ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ރަށު ކައުންސިލެއް ހޮވި ރަށެކެވެ. އެ ރަށާ އިންވެގެން އޮންނަ މީދު އަކީ ވެސް މިހާރު ވަކި ރަށު ކައުންސިލެއް އޮތް ރަށެކެވެ.