Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެއާ ކާގޯ ޗައިނާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ

ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއާ ކާގޯ ޗައިނާ" މައުރަޒުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ހިދުމަތްތަކަށް ލިބެމުންދާ ތަރުހީބާއި ކުރިއެރުންތައް ދައްކާލައިފި އެވެ.

އެ ކުންފުނިން ބުނީ މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށެވެ.

މި ފެއާގެ ހަވާސާގައި ދުނިޔޭގެ އެކި އެއާލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު އެމްއޭސީއެލަށް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ. އެ

ކުންފުނިން ބުނީ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލީ ވެލާނާ އެއާޕޯޓާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަ ކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓާ ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަ ށްކަމަށެވެ.

ވީއައިއޭ އަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއާޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 ޕަސެންޓްގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 ޕަސެންޓްގެ އިތުރުވުމެކެވެ.

ފްރައިޓާ އޮޕަރޭޝަންތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާ އިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މި މަހުގެ 12 ވަނަ ދުވަހު 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއާޕޯޓުގެ ތާރީހުގައި އައު ރެކޯޑެއް ވަނީ ވެސް ގާއިމުކޮށްފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު، ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ ޗައިނާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި ސްރީ ލަންކާ އޮތް އިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ. އެއީ ގާތްގަނޑަކަށް 1,618 ޓަނުގެ މުދަލެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ "ސީ-ޓު-އެއާ" ޚިދުމަތަކީ މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. ދެހާސް ސައުވީހުގައި އެ ޚިދުމަތް ފެށި ފަހުން، 17 އެއާލައިނަކާ ގުޅިގެން 5,000 ޓަނަށް ވުރެ ގިނަ ކާގޯ އުފުލާފައިވެ އެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.

އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި މި އަހަރާއި އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއާލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އައު މަންޒިލްތަކަށް ދަތުރުތައް ފެށޭނެ އެވެ. މި ކުރިއެރުންތަކާއެކު، ވީއައިއޭ އަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.