އަންނަ މަހު ށ. ފުނަދޫގައި ބާއްވަނަ ހަމަޖެހިފައިވާ އަންހެނުންގެ ލީޑަޝިޕް ތަމްރީނު ޕްރޮގްރާމް "އިސްނަގައިގެން، ސިޔާސީ މައިދާނުގައި އަންހެނުން" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް ބާއްވާ ޕްރޮގްރާމް ކުރިއަށް ގެންދާނީ އޮގަސްޓް 18–20 އަށެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ ލީޑަޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ މިންވަރު އިތުރުކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ގާއިމުކޮށް ދިނުން ކަމަށް ސޯޝަލް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮ ށްދިނުމެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށް ދާނެ އެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮ ތުން ވެސް މަޝްވަރާ ކުރެވޭނެ އެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށެވެ.
ނަދޫގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރު ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން އައްޑޫ، ފުވައްމުލައް، ހއ. ދިއްދޫ، އަދި އދ. މަހިބަދޫގައި ޕްރޮގްރާމް ބާއްވާފައިވެ އެވެ.