ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ، ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅިއްޖެ އެވެ.
އޭނާގެ އިތުރުން ބައެއް އެހެން ކުޅުންތެރި ންވެސް އެ ޓީމަށް ސޮއިކުރުމަށް ޙާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ.
އާ ސީޒަނުގައި ނިއުގެ ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެއީ ބްރެޒިލްގެ ދެ ކުޅުންތެރިއަކާއި ލައިބީރިއާގެ ދެ ކުޅުންތެރިއެކެވެ. މީގެ ތެރެއިން ލައިބީރިއާ އަށް ނިސްބަތްވާ ދެ ކުޅުންތެރިންނަކީ އެ ޤައުމުގެ ޤައުމީ ޓީމަށް ވެސް ކުޅޭ ދެ ކުޅުންތެރިއެކެވެ. ލައިބީރިއާގެ އަބްދުﷲ ބިލިޓީގެ އިތުރުން ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާ އަކީ މިދިޔަ ސީޒަނުގައި ވެސް ނިއު އަށް ކުޅުނު ދެ ކުޅުންތެރިންނެވެ.
އަލަށް އެ ޓީމުގެ ސްކޮޑާ ގުޅުނީ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯގެ އިތުރުން ލައިބީރިއާގެ އަލްބާޓް ކޭ ސްވަންއެވެ.
ނިއުއާ އަލަށް ގުޅުނު ޑޮރިއެލްޓަން އަކީ ބްރެޒިލްގެ އެންމެ މަތީ ޑިވިޝަންގައި ކުޅޭ ފްލުމިނެންސްއިން 2008 ގެ ސީނިއާ ކެރިއަރު ފެށި ކުޅުންތެރިއެކެވެ. ފަހުން ލޯނު އެއްބަސްވުމުގެ ދަށުން ބްރެޒިލްގެ އެހެން ބައެއް ޓީމުތަކާއި ޗައިނާގެ ބައެއް ޓީމުތަކުން ވެސް ޑޮރިއެލްޓަން ކުޅެފައިވެ އެވެ.
ޗައިނާގައި ގިނަ ދުވަސްތަކެއް ވަންދެން ކެރިއަރުގެ ބޮޑުބައެއް ހޭދަކުރުމަށްފަހު ޑޮރިއެލްޓަން ބަންގްލަދޭޝްގެ ޓީމުތަކަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ބަޝުންދަރާ ކިންގްސްއަށް ލީގު ޓައިޓަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑޮރިއެލްޓަން ވަނީ އިންޑިއާގެ ފޯސާ ކޮޗީ އެފްސީ އަދި އޮޑިޝާ އެފްސީއަށް ވެސް ކުޅެފައެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ މުސާރަ އާއި އިނާޔަތްތަކާ އެކު ގާތްގަނޑަކަށް މަހަކު 350،000ރ. ރުފިޔާ ޑޮރިއެލްޓަން އަށް ލިބޭނެ ކަމަށެވެ.