ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ހެނދުނު ރައީސް އޮފީހުގައެވެ.
އެ ރަސްމިއްޔާތަށް ހައި ކޮމިޝަނަރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި އެމްއެންޑީއެފްގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވައިފައެވެ.
އައު ހައި ކޮމިޝަނަރުން، މަޤާމުގެ ފަތްކޮޅު ރައީސަށް އެރުވުމުން، ރައީސް ވަނީ އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވެސް ވިދާޅުވެފަ އެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވި ބޭފުޅުން:
1. ނެމީބިއާގެ އައު ހައިކޮމިޝަނަރު އެލެކްސް އެލް. ތުކުހުޕްވެލޭއާ
2. ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހެނާންޑޭޒް
3. ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރު ޕެޓްރިޝިއާ ލާޒާރާ ޕެގޯ ގުއޭރާ
4. ފިޖީގެ އައު ހައިކޮމިޝަނަރު ޖަގަންނާތު ސާމީ
5. ކޮސޯވޯގެ ނޮން-ރެސިޑެންޓް ސަފީރު ލުލްޒިމް ޕްލާނާ
6. ސޯމާލިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާ
7. ސްލޮވީނިއާ ނޮން-ރެސިޑެންޓް ސަފީރު ތޯމަޒް މެންސިން
8، ގަތަރު ނޮން-ރެސިޑެންޓް ސަފީރު ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީ
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުންނާ ބައްދަލުކުރައްވައި ރާއްޖެއާ އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ކޮންމެ ޤައުމަކާއެކު ވެސް މުހިއްމު ދާއިރާތަކުން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.