Last Updated: July 22, 18:06
Wednesday, July 22, 2026
ރިޕޯޓް

ޓެރަރިޒަމުން ކުރާ އަސަރުތައް (3)

(ޖުލައި 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ފިކުރީ ޓެރަރިޒަމް:

ކުރިން ބަޔާން ކުރެވުނު ހަށިގަނޑަށް ގެއްލުންދޭ ޖިސްމާނީ ޓެރަރިޒަމާއި، ތާރީޚީ ލިޔެކިޔުންތަކުން ފެންނަން ހުރި އޭގެ މިސާލުތަކަކީ، އެއަށްވުރެ ނުރައްކާތެރި އަދި އޭގެ ނުބައި އަސަރު މާބޮޑު އެހެން ބާވަތެއްގެ ޓެރަރިޒަމަކާ ގުޅިފައިވާ ކަމެކެވެ. އެއީ ;ފިކުރީ ޓެރަރިޒަމް; އެވެ. މިއީ އެކި ދުވަސްވަރު އެކި ސިފަސިފައިގައި ފާޅުވާ ކަމެކެވެ.
އެއީ އަމިއްލަ އެދުމާއި ބިދުޢަވެރިކަމުގެ އަހުލުވެރިންނާއި، ޙައްޤު މަގުން އެއްކިބާވެފައިވާ ފިކުރުތަކުގެ މީހުން ރާވާ ރޭވުންތަކެވެ.
;ފިކުރީ ޓެރަރިޒަމްގެ; ނުބައިކަން މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ އޭގެ ސަބަބުން ހިތްތަކަށް ފިތުނަވެރިކަން
ވަދެ، ނަފްސުތައް ހަލާކުވެގެންދާ ފަދަ ގޮތަކަށެވެ.

މި ބާވަތުގެ ޓެރަރިޒަމާ ބެހޭ ގޮތުން ލިޔާއިރު، އިސްލާމީ ތާރީޚުގައި ހިނގި ފުރަތަމަ ހާދިސާއަށް ބަލާލުން މުހިންމެވެ. އެއީ ފިކުރީ ގޮތުންނާއި ޖިސްމާނީ ގޮތުން ހައްދުފަހަނަޅައިދިއުމުގެ އަމަލުތައް އެކުލެވިގެންވި ހާދިސާއެކެވެ. ކީރިތި ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމަށްފަހު، އަބޫބަކުރުގެފާނު ޚިލާފަތާއި ހަވާލުވެވަޑައިގަތް ދުވަސްވަރު، ބައެއް ޢަރަބި ޤަބީލާތަކުގެ މީހުން ދީނުން ބޭރުވެ މުރުތައްދުވިއެވެ.

ބައެއް މީހުން ބުނަމުންދިޔައީ ތިމަންމެން އީމާންވަނީ ހަމައެކަނި ﷲ އަށް ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުންދިޔައީ މުޙައްމަދު ﷺ އަކީ ﷲ ގެ ރަސޫލާ ކަމަށް ތިމަންމެން ހެކިވަމެވެ. ނަމަވެސް ތިމަންމެންގެ މުދާ ޒަކާތުގެ ގޮތުގައި އެހެން ބަޔަކަށް ނުދޭނަމެވެ. މިއީ ފިކުރީ ގޮތުން އުފެދުނު ބޮޑު ފިތުނައެއް ނުވަތަ ޓެރަރިޒަމެއްގެ ތެރެއިން އުފެދުނު ބައެއް ވިސްނުންތަކެވެ. މި ނުރައްކާތެރި ފިކުރާއި ދެކޮޅަށް އަބޫބަކުރުގެފާނާއި، މުހާޖިރުންނާއި އަންޞާރީންގެ ތެރެއިންވާ ﷲ ގެ ލަޝްކަރުގެ ސިފައިން ނުކުމެވަޑައިގަތެވެ.

މި ހަނގުރާމަތައް ވަރުގަދަވެ، މުއުމިނުން އިމްތިޙާނު ކުރެވި، ފިކުރީ ގޮތުންނާއި ޖިސްމާނީ ގޮތުން ޓެރަރިޒަމް ފަތުރަމުންދިޔަ މީހުންނާ ދެކޮޅަށް ކުރި ހަނގުރާމަ ދިގުދެމިގެން ދިޔައެވެ. އެންމެ ފަހުން ﷲ އެބައިމީހުންގެ ނުޖަސްކަމުން ބިންމަތި ތާހިރުކުރައްވައި، ޝައިޠާނާގެ ބައިގަނޑުގެ މައްޗަށް އެކަލާނގެ މަތިވެރި ލަޝްކަރަށް ނަޞްރު ދެއްވިއެވެ.
އަދި މަޖޫސީ އަބޫ ލުއުލުއާ، ޢުމަރު ބިން އަލްޚައްޠާބާއި އެކަލޭގެފާނާއެކު ތިއްބެވި ހަތް ބޭކަލުން އަވަހާރަކޮށްލުމަކީ، ފިކުރީ ހަރުކަށި ފިކުރުވެރިންގެ ނުފޫޒުން ހިންގާފައިވާ ޖިސްމާނީ ޓެރަރިޒަމްގެ ނުބައިވެގެންވާ ސޫރައެކެވެ.

އަދި ހިޖުރައިން 24 ވަނަ އަހަރު، ރަސޫލު اللّٰه ﷺ ގެ އެންމެހާ އަޞްޙާބު ބޭކަލުންގެ އިއްތިފާޤުން ޛުއްނޫރައިން ޢުޘްމާން ބިން ޢައްފާން ޚަލީފާކަމަށް އިސްކުރެވުނެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި اللّٰه ތަޢާލާ ގިނަގުނަ ފަތަޙަތައް ދެއްވައި، މުދާވެރިކަން އިތުރުވެގެން ދިޔައެވެ. އެއަށްފަހު ފިތުނަވެރިކަމާއި އިމްތިޙާނުގެ ދުވަސްތައް ކުރިމަތިވިއެވެ. އެއީ ނަބިއްޔާ ﷺ ގެ އަރިހުން އަބޫ މޫސާ އަލްއަޝްޢަރީ ރިވާކުރައްވާފައިވާ ފަދައިންނެވެ.

އުޘްމާންގެފާނު ނަބިއްޔާ ﷺ ގެ އަރިހަށް ވަދެވަޑައިގަތުމަށް އިޒުނައަށް އެދިވަޑައިގަތް ހިނދު، އެކަލޭގެފާނަށް އިޒުނަދެއްވުމަށާއި، އެކަލޭގެފާނަށް ކުރިމަތިވާނެ ބޮޑު މުސީބާތަކާއެކު ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވުމަށް ރަސޫލާ ﷺ އެންގެވިއެވެ.
މި ފިތުނަވެރިކަމާއި ފިކުރީ ހަރުކަށިކަން ފެށިގެން އައީ ޔަހޫދީއެއް ކަމުގައިވާ ޢަބްދުﷲ ބިން ސަބައުއާ ހިސާބުންނެވެ. އޭނާ އިސްލާމްދީން ފާޅުކުރީ އޭނާގެ ހިތުގައިވާ ނަފުރަތާއި ކާފިރުކަން ފޮރުވުމަށެވެ.

އުޘްމާންގެފާނުގެ ޚިލާފަތުގައި އޭނާ އިސްލާމީ އެކި ރަށްތަކަށް ދަތުރުކޮށް، މީހުން މަގުފުރެއްދުމަށް ގަދައަޅައި މަސައްކަތް ކުރިއެވެ. އެންމެ ފަހުން މިޞްރުގައި ފިޔަވަޅު ޘާބިތުކޮށް، ﷲ އާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވުމުގެ ގޮތުން ފިތުނައިގެ އަލިފާން ރޯކުރިއެވެ.

އޭނާގެ މިފިކުރީ ހަރުކަށިކަމަށް ހެއްލި، ނުލަފާ ބަޔަކު އުޘްމާންގެފާނާ ދެކޮޅަށް ތެދުވިއެވެ. އެކަލޭގެފާނު އަނިޔާވެރި އަމަލުތަކެއް ހިންގެވިކަމަށް ދޮގު ތުހުމަތުތައް ކުރިއެވެ. ޝައްވާލު މަހުގެ ތެރޭގައި، ޚަވާރިޖުންގެ ތެރެއިން ހިމެނޭ ބަޔަކު ޙައްޖުގެ ނަމުގައި މިޞްރުން މަދީނާއަށް ދަތުރުކުރިއެވެ. އެމީހުން ހަތަރު ބަޔަކަށް ބެހިގެން އައިއިރު، ކޮންމެ ބަޔަކަށް އަމީރަކު ހުއްޓެވެ. އެމީހުން އުޘްމާންގެފާނުގެ ގެކޮޅަށް ވަދެގަތެވެ. އެހިނދު ކިނާނާ ބިން ބިޝްރު އައްތަޖީބީ، އެކަލޭގެފާނުގެ ނިތްކުރިފުޅަށް ހަމަލާދިނުމުން، ކީރިތި ޤުރުއާނުގެ ;فَسَيَكْفِيَهُمُ اللَّهُ; (ފަހެ، އެއުރެންގެ ނުބައިކަމުން ﷲ ކަލޭގެފާނު ސަލާމަތްކުރައްވާނެތެވެ) މި އާޔަތަށް ލޭފޮދު ބުރައިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން ނާއިލާގެ އަތްޕުޅު ބުރިކޮށްލުމަށްފަހު، އުޘްމާންގެފާނުގެ އަތްޕުޅާއި މޭފުޅަށް ކަނޑިން ހަމަލާދީ އެކަލޭގެފާނު ޝަހީދުކޮށްލިއެވެ.

އަޚުންނޭވެ! މިއީ މިއަދާއި ހަމައަށް ވެސް މުސީބާތްތަކެއް ކުރިމަތިކުރުވި ބޮޑުވެގެންވާ ހިތާމަވެރި ހާދިސާއެކެވެ.

މީގެ މައިގަނޑު ސަބަބަކީ ފިކުރީ ހަރުކަށިކަމެވެ. އެއީ ދޮގު ފެތުރުމާއި ވާހަކަތައް އޮޅުވާލުމުގެ ތެރެއިން ފާޅުވި ކަމެކެވެ. ހަރުކަށި ފިކުރުގެ މީހުން މިކަންކަން ކުރީ އާންމުންގެ ތެރެއިން ވިސްނުންކޮށި މީހުން އެމީހުންގެ ފަޅިއަށް ލަނބުވައި، ޖިސްމާނީ ހަރުކަށިކަމާއި ފިތުނައިގައި ބައިވެރިކުރުވުމަށެވެ.

ނޯޓް: މި ލިޔުމަކީ ޢައްލާމާ ޒައިދު ބިން މުޙައްމަދު އަލްމަދްޚަލީގެ ލިޔުއްވުމެއްގެ ޚުލާސާ ތަރުޖަމާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު