އިބްނުލް ޖައުޒީ ވިދާޅުވިއެވެ. “އިންސާނާއަށް ހަވާލުކުރެވިފައިވާ ތަކުލީފުތަކުގެ ތެރޭގައި، އޭނާއަށް އެންމެ އުނދަގޫ ކަމަކީ ﷲ ގެ ނިޔާކުރެއްވުމަށް ކެތްތެރިވުމެވެ. އަދި އެކަމުގައި އެންމެ މޮޅުއިތުރީ އެކަމާމެދު ރުހެމެވެ.”
ދުނިޔޭގެ ކަނޑު ދައުރުވާ ގޮތާ މެދު ވިސްނާ، އެތަނުގައި ރާޅު ނަގާގޮތް ދެނެގަނެ، ދިމާވާ ކަންކަމަށް ކެތްކުރާނެ ގޮތް އެނގިއްޖެމީހަކު މުސީބާތެއް ޖެހިގެން އެކަމާ ފަސްނުޖެހޭނެއެވެ. އަދި ދުނިޔޭގައި ލިބޭ ފަސޭޙަކަމާމެދު މާބޮޑަށް އުފާނުކުރާނެއެވެ. ފަހެ ދުނިޔަވީ ކަންކަން ފާއިތުވުމުން އެކަންކަމާ ހިތާމަ ނުކުރާ ހުށިކަމެވެ…އިބްނުލް ޤައްޔިމް ވިދާޅުވިއެވެ. “ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) އެއްފަހަރަކު، ތިމަން ގާތުގައި ވިދާޅުވިއެވެ. ދިމާވާ އެކި ކަންތައްތަކާއި އިމްތިޙާނުތަކަކީ އެއީ ފިންޏާއި ހޫނުފަދަ ކަންކަމެވެ. އެކަންކަމާ ކޮންމެހެންވެސް ދިމާވާނެކަން އަޅާއަށް ވިސްނިއްޖެނަމަ، އެކަންކަން މެދުވެރިވުމުން އޭނާ އެކަމާ ރުޅިއިސްނުކުރާނެއެވެ. އަދި އެކަމާ ކަންބޮޑުވެ ހިތާމަވެސް ނުކުރާނެއެވެ.”
ޙަޔާތުގައި ދިމާވާ އެކި ކަންކަމާމެދު ކަންބޮޑުވެދާނެއެވެ. މީސްތަކުންނަށް މިޙަޔާތުގައި އުޤޫބާތް ދެއްވެނީ އެމީހަކު ދުނިޔަވީ ކަންކަމާ އުޅުނު މިންވަރަކަށެވެ. އެތަނުގައިވާ ކަމަކާމެދު އުފާކުރާނަމަ އެވެގެންދަނީ ހަމަ އެއާމެދު ހިތާމަވެސް ކުރަންޖެހޭކަމަށެވެ. ދުނިޔޭގެ ދަތިއުނދަގޫތައް ނުކުމެގެން އަންނަނީ ހަމަ ދުނިޔަވީ ލައްޒަތުތަކުންނެވެ. އަދި ހިތާމަތަށް ނުކުންނަނީ އުފާތަކުންނެވެ.
އަބުއްދަރްދާ ވިދާޅުވިއެވެ. “ﷲ ގެ ޙަޟްރަތުގައި މިދުނިޔޭގެ އެއްވެސް އަގެއް ނެތްކަން އަންގައިދޭ އެއްކަމަކީ، އެއިލާހަށް އުރެދެވޭ ހަމައެކަނި ތަނަކީ މިދުނިޔެކަމުގައި ލެއްވުމެވެ. ދުނިޔެ ދޫކޮށްލައިގެން މެނުވީ އެއިލާހުގެ ޙަޟްރަތުގައިވާ އެއްޗެއް ނުހޯދޭނެ އެވެ.”
ﷲ ތަޢާލާގެ ނިޔާކުރެއްވުމާއި ޚަލްޤުކުރެއްވުމާ އަދި ތަދުބީރުކުރެއްވުމާމެދު ޔަޤީންކުރާށެވެ. އަދި އެއިލާހު މެދުވެރިކުރެއްވާ އިމްތިޙާނުތަކާއި ކުރައްވާ ޙުކުމްފުޅުތަކަށް ކެތްތެރިވާށެވެ. އަދި އެއިލާހުގެ އަމުރުފުޅަށް ބޯލަނބާށެވެ. ފަހެ ދުނިޔެ ވަށާލެވިގެންވަނީ އުނދަގޫތަކާއި ކިލަނބުކަމުންނެވެ. އަދި އެތަނުގެ ތަބީޢަތުގައިވަނީ ދަތިކަމާއި ނާމާންކަމެވެ.
އިބްނު މުފްލިޙު ވިދާޅުވިއެވެ. ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ)، ވަރަށް ގިނައިން މިބައިތުތަކުން މިޘާލު ޖައްސަވައެވެ.
بَينا يَرى الإِنسان فيها مُخبِراً … حَتّى يُرى خَبَراً مِنَ الأَخبارِ
طُبِعَت عَلى كدرٍ وَأَنتَ تُريدُها … صَفواً مِنَ الأَقذاءِ وَالأَكدارِ
މާނައީ: އެއްދުވަހު، އިންސާނާއީ ޚަބަރު ފަތުރާ މީހަކަށް ވެދާނެއެވެ. އެހެން އުޅެނިކޮށް ފެންނާނީ އޭނާވެސް ޚަބަރަކަށްވެފައި ވަނިކޮށެވެ.
ކިލަނބުކަމެއްގައި (ދުނިޔެ) ލެއްވިފައިވާއިރުވެސް ތިބާ ތިޔަ ބޭނުންވަނީ އެއްވެސް ހަޑިކަމެއް، ކިލަނބުކަމެއް ނުވާ ސާފު އެއްޗެއްގެ ގޮތުގައި އެހޯދާށެވެ. (މިޅެމަކީ އަބުލް ޙަސަން އައްތިހާމީ، އެކަލޭގެފާނުގެ ދަރިކަލުން ނިޔާވުމުން ލިޔުއްވި ޅެމެކެވެ.)
ޤަޟާ ޤަދަރަށް އީމާންވާށެވެ. އެއަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ތިބާ އެދޭ ކޮންމެ ކަމެއް ޙާޞިލެއް ނުވާނެއެވެ. މެދުނުކެނޑި ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވާށެވެ. އަދި ﷲ އަށްޓަކައި އިޚްލާޞްތެރިވާށެވެ. ތިބާއަށްޓަކައި ދޮރުތައް ހުޅުވިގެންދާނެއެވެ. އަދި އެދޭ ކަންތައްތައް ޙާޞިލުވަމުން ދާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ އެއްޗަކާމެދު އުންމީދު ކަނޑާލާށެވެ. އޭރުން ތިބާވާހުށީ އެންމެ ފުދުންތެރި މީހާއަށެވެ. އަދި މާޔޫސް ނުވާށެވެ. އެއީ ތިބާ ނިކަމެތިވެގެންދާނެ ކަމެކެވެ.
އަދި ﷲ ތަޢާލާ ތިބާއަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދުމަކުރާށެވެ. އަދި ﷲ ތަޢާލާގެ ނިޔާއާމެދު ރުހި، ހިތާމަތައް ފިލުވާލާށެވެ. ރޭގަނޑު ދިގުލައިގެން ދިޔަސް ހެނދުނުގެ އަލިކަމާއެކު އެކަން ނިމޭނެއެވެ. ކަންބޮޑުވުމުގެ އެންމެ ފަހު ކޮޅަކީ ލުއިކަމުގެ ފެށުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދަންނަވާށެވެ. ތިބާއަށް ދިމާވެފައިކަން، ލުއިފަސޭހަކަމަށް ބަދަލުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދޭމީހަކު، ކެތްތެރިކަމުގެ ތަށިން އުނދަގުލާއެކު ވިޔަސް ބޮއެފި ނަމަ އެމީހަކަށް (އުނދަގޫތަކުން) ނުކުންނާނެ މަގެއް ފެނިގެން ދާނެ އެވެ.
މަސްދަރު: ދިސަލަފިއްޔާ