Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ވޯލްޑް ކަޕް ފައިނަލްގައި ކުރި ދޮގުވެރި ދަޢުވާ!

ނިމިދިޔަ ވޯލްޑް ކަޕްގެ ފައިނަލް އޮތް ދުވަހު ދަނޑުމައްޗަށް ލަވަކިޔާ މީހުންނާއި ފިލްމު ކުޅޭ މީހުން އަރުވައިގެން ނަށައި ލަވަ ކިޔައި ހެދިތަން ފެނުނެވެ. މި ލަވަތަކުގެ އެއް ތީމެއް ނުވަތަ މަޥްޟޫޢެއް ކަމުގައި ހިމެނެނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް ލޯބިވުމާއި ޞުލްޙަ މަސަލަސްކަން ފަދަ ކަންކަމެވެ. އެހެން ދުނިޔެއަކުން މީހަކު އައިސް މި މަންޒަރު ބެލި ނަމަ އޭނާ ހިތަށް އެރީހެވެ: މި އާތު ދުނިޔޭގެ ހުޅަނގު ބިތުގައި މިއުޅޭ އިންސާނުންނަކީ ހާދަހާވާ މާތް، ހާދަހާވާ ރަނގަޅު، ހާދަހާވާ ޞުލްޙަވެރި އިންސާނުން ތަކެކެވެ. އެމީހުން ފާޅުކުރާ މަތިވެރި ޝުޢޫރުތަކަކީ މިހުރީ ވިއްޔާއެވެ.

އޭނާ އަށް ނޭނގުނީ މި ބުނެވުނު ހުޅަނގު ކަމުގައިވާ އެމެރިކާ އާއި ޔޫރަޕްގެ ކޮންޓިނެންޓްގެ މީހުން އިންސާނީ ޙައްގު ތަކަށާއި ޢަދުލު އިންސާފަށާއި ސުލްޙަ މަސަލަސްކަމަށް ކުރާ ދަޢުވާއަކީ ކަނޑައެޅިގެން ދޮގު ދަޢުވާއަކާއި ދެފުށް ދެގޮތް އެއްޗެއް ކަމެވެ. އެމީހުންގެ މިދިޔަ 200 ވަރަކަށް އަހަރުގެ ތާރީޚަކީ އަނިޔާވެރި ކަމާއި، އިންސާނުން އަޅުވެތި ކޮށް އިސްތިޢުމާރު ކުރުމާއި، ފޭރުމާއި، ގަތުލު ޢާންމު ތައް ހިންގުމުގެ ކަޅު ސަފްޙާތަކެކެވެ.

މި ރޮނގުން އެމީހުން ވަނީ ދުނިޔޭގެ އެހެން ކޮންމެ ބަޔަކު ފަހަތަށް ޖައްސާލާފައެވެ. މިއަދުވެސް އެމީހުން އެވަނީ އެއްވެސް ލަދެއް ޙަޔާތެއްނެތި އެތައް މިލިއަން އިންސާނުންގެ ގަތުލު ޢާންމެއް ހިންގުމުގައި މަޝްޣޫލު ވެފައި ކަމެވެ. އެމީހުންގެ ތެރޭގައިވާ އިންސާނިއްޔަތު ވަންތަކަން ހުރި މަދު ބަޔަކު ފިޔަވައި ދެންތިބި ގިނަ މީހުންނަކީ ޣައްޒާގައި އެހިންގާ ގަތުލު ޢާންމަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ތާއީދު ކުރާ ބައެއް ކަމެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އެތައް ހާސް އިންސާނުންގެ ޖައްލާދެއްކަމެވެ.

ހުޅަނގުގައި މޮޅެތި ބައެއް ކަންތައް އެބަ ހުއްޓެވެ. މިޒަމާނުގެ ޢިލްމާއި ސައިންސް ގެ ރޮގުން އެންމެ ކުރީގައި ތިބީ އެމީހުންނެވެ. ވަގުތަށް ކަމޭ ހިތުންފަދަ ރަނގަޅު އާދަތައްވެސް އެމީހުންގެ ކިބައިގައި އެބަހުއްޓެވެ. މިފަދަ ކަންތަކުގައި އެމީހުން ކޮޕީ ކުރަން ވީއެވެ. ނަމަވެސް ހުރިހާ ޒުވާނުން މިއަދު ގަބޫލު ކުރަން ޖެހިފައިވާ ޙަގީގަތަކީ އެމީހުންގެ ޙަޟާރަތަކީ ބޭރުފުށް ކިތަންމެ ރީތިވެފައި އޮފްދާރު ވިޔަސް އެތެރޭގައި އެއްވެސް އޮއްޓަރެއްނެތް އެއްޗެއް ކަމެވެ. އަޚުލާގިއްޔާތު ނުވަތަ މޯރާލިޓީ އާއި، އިންސާނީ ޙައްގުތަކާއި، ޢަދުލު އިންޞާފާއި ސުލްޙަ މަސަލަސް ކަމަށް އެމީހުން ކުރާ ދަޢުވާއަކީ ދޮގު ދަޢުވާ ތަކެއް ކަމެވެ.

މުސްލިމުންގެ ކަންތައް މިހާ ދަށްވެފައިވާ މި ޒަމާނުގައިވެސް އިސްލާމީ ޢަގީދާ އާއި، އަޚުލާގިއްޔާތާއި، ޢާއިލީ އަދި އިޖުތިމާޢީ ވެލިއުތައް މާ ވަރުގަދަކަމެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.