Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޓައިގާ އާއި ވިދުޔަތުގެ ފިލްމުގެ ޑައިރެކްޓަރު ބަދަލުވެއްޖެ!

އިންޑިއާގެ ވަރުގަދަ ދެ އެކްޝަން ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ވިދުޔަތު ޖަމްވަލް އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރު ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނަން އަދި ސާފުނުވާ މި ވަރުގަދަ އެކްޝަން ފިލްމު ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ މިލަޕް މިލަން ޒަވޭރީ އެވެ.

ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން ބޮޑު ބަޖެޓުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމު ޑައިރެކްޓް ކުރާނީ އަނޫވަބް ސިންހާ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ރާވާފައިވާ އިރު، ތައްޔާރީތައް އަންނަނީވަމުންނެވެ.

އަނޫވަވް، 61، ގެ އެންމެ ފަހުގެ ފިލްމަކީ ތާޕްސީ ޕައްނޫއާ އެކު ފެބްރުއަރީގައި ގެނެސްދިން ލީގަލް ޑްރާމާ 'އައްސީ' އެވެ. އަނޫބަވް ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޭނަގެ އަލަތުގެ ޑައިރެކްޝަންގެ ގޮތުގައި 2003 ގައި ގެނެސްދިން ލޯބީގެ ފިލްމު 'ތުމް ބިން' އެވެ.

އަނޫބަވް އަކީ ޝާހްރުކް ޚާންގެ ސުޕަހީރޯ ފިލްމު 2011 ގެ 'ރާ.ވަން' ގެ ވެސް ޑައިރެކްޓަރެވެ.

ޓައިގާ އާއި ވިދުޔަތާ އެކު އަނޫބަވް ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތައް ކުރިއަށްދާ އިރު، ކުރިން އަޑުއަރާފައިވާ ގޮތުން މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ އިންޑިއާގެ ދެކުނުގެ ބަތަލާ ކްރިތީ ޝެޓީ އެވެ. ނަމަވެސް ފިލްމު ރަސްމީކޮށް އިއުލާން ނުކުރާތީ މިއާ ބެހޭ ވާހަކަތައް އަދި މުޅިން ކަށަވަރެއް ނުވެ އެވެ.