އަލިފާނުގެ ހާދިސާއެެއްގައި ޕެރޫގެ އާއިލާއެއްގެ 10 މީހަކު މަރުވެއްޖެ އެވެ.
އިއްޔެ ވެރިރަށް ލީމާގެ ލަ ވިކްޓޯރިއާ ޑިސްޓްރިކްޓްގައި ހިނގި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 3-15 އަހަރާ ދެމެދުގެ ފަސް ކުއްޖަކާއި އެ ކުދިން ނިސްބަތްވާ އާއިލާގެ ފަސް މީހެކެވެ. އެއީ 72 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 29 އަހަރުގެ އަހަރު މީހެއްގެ އިތުރުން އުމުރު ކަށަވަރު ނުވާ މީހެކެވެ
އާއިލާ ދިރިއުޅޭ ގޭގައި ރޯވި އިރު، ގޭގައި ޖުމްލަ 17 މީހަކު ތިއްބެވެ.
އޭގެ ތެރެއިން ހަތް މީހަކު ސަލާމަތްވެފައިވާ އިރު، ހާދިސާގައި ފިހުނު އިތުރު ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވއެ އާއިލާ ދިރިއުޅޭ ގޭގެ ބޭރުގައި ޕާކްކޮށްފައި ހުރި ސައިކަލްތަލުތަކެއްގައި ބަޔަކު ރޯކޮށްލުމާ ގުޅިގެން އަލިފާން ފެތުރި ގޭގައި ރޯވުމާ ގުޅިގެންނެވެ. މީޑިއާތަކުން ބުނީ އެ އާއިލާ އަކީ ގޮދަޑި އުފައްދައި އޭގެ ވިޔަފާރި ކުރަމުން އަންނަ އާއިލާއެެއް ކަމަށާއި އެ މީހުނގެ ގޭގައި ރޯވުމުގެ ކުރިން ބައެއްގެ ފަރާތުން އާއިލާ އަށް އިންޒާރުތަކެއް ވެސް ދީފައިވާ ކަމަށެވެ.
އެއީ ލިބެން ޖެހޭ ފައިސާތަކެއް ނުލިބިގެން އެކަމުގެ ޝަކުވާތަކެއް ކުރުމާ ގުޅިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.