Last Updated: July 24, 20:27
Friday, July 24, 2026
ދުނިޔެ

ކޮންގޯގެ ޖައްލާދު ލިއޮޕޯލްޑް ދެވަނަ

އެފްރިކާގެ 10 މިލިއަން މީހުން މަރާލުމުންވެސް އެއްވެސް މީހަކު އޭނާއަކަށް "ހިޓްލަރެކޭ" ނުކިޔައެވެ. ތިރީގައިވާ ފުރަތަމަ ތަސްވީރަށް ބަލާށެވެ. އެއީ ކާކުކަން އެނގޭ ހެއްޔެވެ؟ ގިނަ މީހުންނަކަށް އޭނާއަކީ ކާކު ކަމެއް ނޭނގޭނެއެވެ. އޭނާގެ ވާހަކަ އަހުރެމެން ދުވަހަކުވެސް އަޑުއަހާފައި ނުވެދާނެއެވެ. އެކަމަކު، އޭނާއަކީ ކާކު އެނގެން ޖެހޭނެއެވެ.

ހިޓްލަރު ނުވަތަ މުސޮލީނީ ފަދަ އަނިޔާވެރިންނާ މެދު ދެކޭގޮތަށް އޭނާއާ މެދުވެސް އިހުސާސް ކުރެވެން ޖެހޭނެއެވެ. ހައިރާން ނުވާށެވެ! އޭނާއަކީ ކޮންގޯގައި 10 މިލިއަނަށްވުރެ ގިނަ މީހުން މަރާލި އަނިޔާވެރި ޤާތިލެކެވެ. އޭނައަކީ ބެލްޖިއަމްގެ ރަސްގެފާނު ލިއޮޕޯލްޑް ދެވަނައެވެ.

ތިރީގައިވާ ދެވަނަ ތަސްވީރާއި، ދެން ހުރި ތަސްވީރުތަކުން ދައްކުވައި ދެނީ 188-1908 އާ ދެމެދު ބެލްޖިއަމްގެ ރަސްގެފާނު ލިއޮޕޯލްޑް 2 ގެ ރަސްކަމުގައި ކޮންގޯގައި ހިންގާފައިވާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކުގެ ބިރުވެރި މަންޒަރުތަކެވެ.

ޖަރުމަނުގެ ޚުދުމުޚުތާރު ވެރިޔާ އެޑޮލްފު ހިޓުލަރު 06 މިލިއަން ޔަހޫދީން މަރާލުމުގެ މާކުރިން، ބެލްޖިއަމްގެ ރަސްގެފާނު ލިއޮޕޯލްޑްވަނީ ކޮންގޯގެ އާބާދީގެ 10 މިލިއަން މީހުން މަރާފައެވެ. އޭނާ އެމީހުންގެ އަތާއި، ފައި ބުރިކުރިއެވެ. ރަބަރު ދަނޑުތަކުގައި ދުވާލެއްގެ މައްޗަށް ކަނޑައެޅިފައިވާ ކޯޓާއާ އެއްވަރަށް މަސައްކަތް ނުކުރެވޭ މީހުންގެ އަތާފައި ބުރިކޮށް، އެތައް ބަޔަކު މެރިއެވެ.

މަރުވި މީހުންގެ ސީދާ ޢަދަދާ މެދު ތާރީޚު ޢިލްމުވެރިން ބަހުސް ކުރާއިރު، ގިނަ އަންދާޒާތަކުން ދައްކާ ގޮތުގައި އޭނާގެ ވެރިކަމުގައި ކޮންގޯގެ އާބާދީ ގާތްގަނޑަކަށް 10 މިލިއަން މީހުން ވަނީ މަރާފައެވެ. މަޖުބޫރުކޮށްގެން މީހުން ލައްވައި އަޅު މަސައްކަތް ކުރުވުމާއި، ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، ދަރިމައިވުން ދަށްވުމުގެ ސަބަބުން އެދުވަސްވަރު ކޮންގޯގެ އާބާދީ ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.

ލިއޮޕޯލްޑަކީ 1885-1909 އާ ދެމެދު ބެލްޖިއަމްގެ ރަސްކަމުގައި ހުރެ، ކޮންގޯއަކީ އޭނާގެ ތަރިކަ މުދާގަނޑަކަށް ހެދި ޖައްބާރެކެވެ. އޭޝިއާއާއި، އެފްރިކާގެ ގިނަ ޤައުމުތަކެއް އިސްތިއުމާރު ކުރުމަށް އޭނާ ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން އޭނާގެ އަމާޒަކަށް ކޮންގޯ ހެދިއެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކޮންގޯ "ގަނެ" އެގައުމުގެ ރައްޔިތުން އަޅުވެތި ކުރިއެވެ. އޭރު ކޮންގޯގެ ބޮޑުމިނަކީ ބެލްޖިއަމްގެ 72 ގުނައެވެ. އަދި ކޮންގޯގެ ޤަބީލާތަކުގެ މީހުންނަކީ ލިޔަންކިޔަން ނޭނގޭ ބައެކެވެ. ލިއޮޕޯލްޑް ދެވަނަ، އެމީހުންނަށް އޮޅުވާލައިގެން އެއްބަސްވުމެއްގައި، އެމީހުން ލައްވައި ސޮއިކުރުވިއެވެ.

"މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކޮންމެ ޤަބީލާއެއްގެ ވެރިއަކަށް، ކޮންމެ މަހަކު އެއް ހެދުން ދިނުމުގެ އިތުރުން، އެމީހުންގެ ވާރިސުންނާއި، އޭގެފަހުން އަންނަ ވެރިންނަށް ހަދިޔާއާއި، އެއް ހެދުން ދިނުމުގެ ބަދަލުގައި، އެމީހުންގެ އަމިއްލަ އިޚުތިޔާރުގައި، އެމީހުންގެ ހުރިހާ ބިމަކާއި، އެ ބިންތަކުގެ ހުރިހާ ޙައްޤުތަކެއް ލިއޮޕޯލްޑް އިސްވެހުރި މަޖިލީހަށް ދޫކޮށްލުމަށް އެއްބަސްވަމެވެ. އަދި މަޖިލީހުން ކުރަން ބޭނުންވާ ކޮންމެ މަސައްކަތަކާއި، އަދި އެހެނިހެން މަރާމާތުތަކާއި، އަދި އެ ބިންތަކުގެ ކޮންމެ ހިސާބެއްގައިވެސް މަޖިލީހުން ބޭނުންވާ އަސްކަރީ ކެމްޕޭންތައް، ކޮންމެ ވަގުތަކު ހިންގުމުގެ ޙައްޤު މަޖިލީހަށް ލިބިގެންވެއެވެ. އެ ޤައުމުގެ ހުރިހާ މަގުތަކާއި، ފެންމަގުތަކާއި، އެ މަގުތަކުން ފީ ނެގުމުގެ ޙައްޤާއި، ޝިކާރަކުރުމާއި، މަސްވެރިކަމާއި، މައިންކުރުމާއި، ޖަންގަލިތަކުގެ ހުރިހާ ޙައްޤުތަކަކީ މަޖިލީހުގެ ފުރިހަމަ މިލްކެކެވެ."

އެދުވަސްވަރު، ލިއޮޕޯލްޑް ދެވަނައަށް، ދުނިޔެއިން މަދުން ނޫނީ ނުފެންނަ މުއްސަނދިކަމުގެ މަސްދަރެއް ކޮންގޯއިން ފެނުނެވެ. އޭރު ދުނިޔެ އޮތީ ވައިޖަހާ ޓައިރާއި، އުޅަނދުތަކުގެ ފުރޮޅު އީޖާދު ކުރުމުގެ މަސައްކަތުގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން ރަބަރުގެ ޑިމާންޑް އުޑާއި ހިސާބަށް މައްޗަށް އުފުލިގެން ދިޔައެވެ. ރަބަރު ގަހުގެ ބޭނުން ކުރެވެނީ ގަސް އިންދާ ދުވަހުން ފެށިގެން 15 އަހަރު ދުވަސް ފަހުންނެވެ. ކޮންގޯގެ ބިމަކީ އެކަމަށް އެންމެ ރަނގަޅު އެއް ބިމެވެ. އަދި ކޮންގޯގެ ޖަންގަލިތަކުގައި ގިނަ ޢަދަދެއްގެ ރަބަރު ގަސް ހުއްޓެވެ.

ލިއޮޕޯލްޑް ދުވަހަކުވެސް ކޮންގޯގައި ދިރިއުޅެފައި ނުވި ނަމަވެސް، އޭނާގެ އަމިއްލަ ތަރިކަ މުދާގަނޑެއްހެން އޭނާ ކޮންގޯ ކޮންޓްރޯލް ކުރިއެވެ. އޭނާގެ ވެރިކަމުގައި ރަށްތަކާއި، އަވަށްތަކުގައި އުޅުނު މީހުންނަށް މަޖުބޫރުކޮށްގެން އެމީހުންނަށް ނުކުޅަދާނަވާ މިންވަރަށް މަސައްކަތް ކުރުވައި ރަބަރު އުފެއްދުމުގެ މަސައްކަތް ކުރުވިއެވެ. ބޭނުމަކީ އޭނާއަށް ލިބޭ ފައިދާ އިތުރުކޮށް، އޭނާގެ މުއްސަނދިކަން އިތުރުކުރުމެވެ.

ލިއޮޕޯލްޑް 02، މުއްސަނދިކަން ހޯދުމުގައި ބޭނުންކުރީ ވަރަށް އަނިޔާވެރި ސިޔާސަތެކެވެ. އޭނާގެ ސިފައިން ކޮންގޯގެ ގަބީލާތަކުގެ އަންހެނުންނާއި، ފިރިހެނުން ރަހީނުކޮށް ރަބަރުގަހުގެ ކިރު އެއްކުރުމަށް ޖަންގަލިތަކަށް ދިއުމަށް މަޖުބޫރު ކުރިއެވެ. އެއް ސަރަޙައްދުގައި ހުރި ގަސްތައް މުޅިން ހުސްވުމުން، ޖަންގަލީގެ އެތެރޭގެ އެހެން ސަރަޙައްދުތަކަށް ދާން އެމީހުންނަށް މަޖުބޫރުކުރިއެވެ.

އަޅު މަސައްކަތް ނުކުރާ މީހުންނާއި، އެމީހުން ބޭނުންވާ މިންވަރަށް މަސައްކަތް ނުކުރާ މީހުންނަށް ލިބުނު އަދަބު ވަރަށް ބޮޑެވެ. އަޅުމަސައްކަތް ކުރާ މީހުން ބެލެހެއްޓުމަށް ލިއޮޕޯލްޑް ދެވަނަ ވަނީ ކުލީ ސިފައިން ބޭނުންކޮށްފައެވެ. އޭނާގެ ކުލީ ސިފައިން އާންމުކޮށް މީހުންގެ އަތާއި، ފައި ބުރިކޮށްފައިވެއެވެ. ޚާއްސަކޮށް، ދުވާލަކަށް ކަނޑައެޅިފައިވާ 20 ކިލޯގެ ރަބަރުކިރު އެއްނުކުރާ މީހުންނާއި، އަދި އަޅު މަސައްކަތް ކުރުމަށް ދެކޮޅު ހަދާ މީހުންނަށް ހަރުކަށި އަދަބުތައްދީ އެތައް ބަޔަކު ވަނީ މަރާފައެވެ.

އަޅު މަސައްކަތް ކުރުމަށް ދެކޮޅު ހެދި ޤަބީލާތަކުގެ މީހުންނާއެކު އެ ޤަބީލާތައް އަންދައި އަޅިއަށް ހަދާލިއެވެ. އަނިޔާގެ ސަބަބުން މަރުނުވި މީހުން، ގިނަ އިރުތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު، ބައެއް ފަހަރު ކާނާއާއި، ބޯފެން ނުލިބުމުގެ ސަބަބުންވެސް މަރުވެފައިވެއެވެ. އަޅުވެތިކޮށްފައި ތިބި އަންހެނުންނާއި، ކުޑަކުދީންވެސް ލިއޮޕޯލްޑުގެ ކުލީ ސިފައިންގެ އަތްދަށުން ސަލާމަތެއް ނުވިއެވެ.

އެމީހުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އަނިޔާކުރުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ބަޔަކު ދުނިޔެއަޅައި ދިޔައީއެވެ. މަސައްކަތް ކުރެވޭވަރުގެ ފިރިހެނުން މަޖުބޫރުން އަޅު މަސައްކަތަށް ގެންދިއުމުން، ރަށްތަކާއި، ޤަބީލާތަކުގައި ތިބި އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި، ބަލިމީހުންނަށް ކާބޯތަކެތި ލިބޭނޭ ގޮތެއް ނެތުމުން ގިނަ ބަޔަކު ބަނޑަށް މަރުވިއެވެ. މުޅި ކޮންގޯގައި ބަނޑުހައި ހޫނުކަން ފެތުރި އާންމުވެގެން ދިޔައެވެ. އޭގެއިތުރުން ޓީބީއާއި، ހިމަބިއްސާއި، އަދި ފުއްޕާމޭގެ ބަލިތައް ފަދަ ބަލިމަޑުކަމުގެ ސަބަބުން ކޮންގޯގެ އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ.

އަތްފައި ކެނޑުން ވެގެން ގޮސްފައިވަނީ ލިއޮޕޯލްޑްގެ ވެރިކަމުގެ އެންމެ އަނިޔާވެރި އެއް ރަމުޒު ކަމުގައެވެ. ކޮންމެ ދުވަހަކު ބޮޑެތި ވަށިވަށިގަނޑު ފުރެންދެން އިންސާނުންގެ އަތާއި، ފައި ބުރިކޮށްގެން އިސްތިޢުމާރީންގެ އޮފީހަށް ހެކީގެ ގޮތުގައި ގެނެވެއެވެ. ބައެއް ފަހަރަށް އޭނާ ބޭނުންވާ ގޮތަށް އަޅު މަސައްކަތް ނުކުރާ މީހުންގެ ޢާއިލާތަކުގެ މެމްބަރުންގެ އަތާއި، ފައިވެސް ބުރިކޮށްފައި ވެއެވެ. އެގޮތުން އެމީހުންގެ ޅަދަރިންގެ އަތާއި، ފައިވެސް ބުރިކޮށްފައިވެއެވެ. ތިރީގައިވާ ދެވަނަ ތަސްވީރަކީ "ވާލާގެ އެންސާލާ" ގެ ނަމުން މަޝްހޫރުވެފައިވާ ފޮޓޯއެކެވެ. އެއީ 1904 ވަނަ އަހަރު، އިނގިރޭސި މިޝަނަރީއެއް ކަމަށްވާ އެލިސް ސީލީ ހެރިސް ނަގާފައިވާ ފޮޓޯއެކެވެ. އެއީ އިސްތިޢުމާރީން ކޮންގޯގައި ހިންގި އަނިޔާވެރިކަން ދައްކުވައިދޭ އެންމެ މަޝްހޫރު އެއް ފޮޓޯއެވެ. ވާލާގެ އެންސާލާ، ދުވާލަކަށް ކަނޑައެޅިފައިވާ ކޯޓާއަށް ވުރެ 01 ކިލޯ ރަބަރުކިރު މަދުން ގެނައުމުން، އޭނާގެ 05 އަހަރުގެ އަންހެން ދަރިފުޅުގެ އަތާއި ފައި ބުރިކޮށްލެވުނެވެ. އެ ފޮޓޯއިން އެ ފެންނަނީ ބުރިކޮށްލެވިފައިވާ އޭނާގެ ދަރިފުޅުގެ އަތާއި، ފައިގެ ކުރިމަތީގައި، އޭނާ ހިތާމަކުރަން އިން މަންޒަރެވެ.

އެންމެ ފަހުން، ނަސާރާދީނުގެ މިޝަނަރީންނާއި، ޑިޕްލޮމެޓުންނާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުން، އެ އަނިޔާވެރި ޢަމަލުތައް ލިޔުންތަކަށް ތިރިކޮށް، އަނިޔާ ލިބުނު މީހުންގެ ވާހަކަތަކާއި، މަންޒަރުދުށް މީހުންގެ ހެކިބަހާއި، ފޮޓޯތަކާއި، ޚަބަރުތައް އާންމުކުރުމުން ބައިނަލްއަޤުވާމީ މައިދާނުގައި ބެލްޖިއަމާއި ދެކޮޅަށް ރުޅިވެރިކަމާއި، ނަފުރަތު އާންމުވެގެން ދިޔައެވެ. ދުނިޔެއިން ބެލްޖިއަމާއި ދެކޮޅަށް ހިންގި ކެމްޕޭނުތަކުގެ ސަބަބުން އެންމެ ފަހުން 1908 ވަނަ އަހަރު ލިއޮޕޯލްޑްގެ އަތުން ކޮންގޯގެ ކޮންޓްރޯލް ގެއްލުނެވެ.

ފަހުން ބެލްޖިއަން ކޮންގޯގެ ގޮތުގައި، ބެލްޖިއަމްގެ އިސްތިޢުމާރުގެ ދަށުގައި ކޮންގޯ ދެމިއޮތެވެ. އެދުވަސްވަރުވެސް، ކޮންގޯގެ ޤުދުރަތީ ވަޞީލަތްތައް، ބެލްޖިއަމުން ދިޔައީ ނަހަމަގޮތުގައި ބޭނުން ކުރަމުންނެވެ. ކޮންގޯއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1960 ވަނަ އަހަރުއެވެ.

މި ޒަމާނުގެ ތާރީޚު ޢިލްމުވެރިން ލިޔެފައިވާ ގޮތުގައި، ލިއޮޕޯލްޑް 02 ގެ ވެރިކަމަކީ ފަހުގެ ތާރީޚެއްގައި ބަޔަކު ދެކޭނެ އެންމެ އަނިޔާވެރި، ލާއިންސާނީ އިސްތިޢުމާރީ ވެރިކަމުގެ ތެރެއިން އެއް ވެރިކަމެވެ. އިސްތިޢުމާރީ ތާރީޚުގެ ތެރެއިން ލިއޮޕޯލްޑް ދެވަނަ އާއި ބެހޭ މާގިނަ އެއްޗެއް އެނގޭކަށް ނުހުރެއެވެ. އަހުރެމެންނަކަށް މީޑިއާއަކުންވެސް އޭނާގެ އަނިޔާވެރިކަމުގެ ވާހަކައެއް އަޑެއް ނީވެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައާއި، ހޮލޮކޯސްޓްފަދަ އަނިޔާވެރިކަމުގެ ރިވާޔަތްތަކުގެ ތެރޭގައި ވެސް އޭނާގެ ވާހަކައެއް ނުހިމެނެއެވެ. ދޮންމީހުން ވަނީ އެމީހުންގެ އަނިޔާވެރި އިސްތިޢުމާރީ ތާރީޚު ފަސްއަޅައި ފޮރުވާފައެވެ. އެއީ އެފްރިކާގެ އިސްތިޢުމާރާއި، އަޅުވެތިކަމާއި، ޤަތުލުއާންމުތަކުގެ ތާރީޚުގެ ބައެކެވެ. އެއީ ދޮންމީހުން ދުނިޔެއާ މެދު ދުށް ގޮތާއި، އެހެން ނަސްލުތަކުގެ މައްޗަށް ތާރީޚީގޮތުން އެމީހުންނަށް މާތްކަމާއި، މަތިވެރިކަން ލިބިގެންވާކަމަށް ޤަބޫލުކުރި ކުރުމުގެ ނަޒަރިއްޔާގެ ބައެކެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.