Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އަހާން ބިރުވެރި ފިލްމަކަށް ސޮއިކޮށްފި

މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' ގެ ރޯލެއް ކުޅުނު ޒުވާން އެކްޓަރު އަހާން ޝެޓީ ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހާން އަކީ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިއެކެވެ.

ދެހާސް އެކާވީހުގެ 'ތަޅަޕް' އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސޮއިކުރި ބިރުވެރި ފިލްމަކީ ޑައިރެކްޓަރު ވިކްރަމް ބަޓް ގެނެސްދެމުން އަންނަ '1920' ފްރެންޗައިޒްގެ ހަ ވަނަ ބައެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ މި ފިލްމުގެ ނަމަކީ '1920 ކޯލްޑް ވިންޓާ' އެވެ.

އަހާން، 30، މި ފިލްމަށް ސޮއިކޮށްފައިވާ އިރު، ފިލްމަށް ބަތަލާ އަކު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ރާޒް' ވެސް ގެނެސްދިން ވިކްރަމްގެ '1920' ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމަކީ އޭނަގެ ދަރިފުޅު ކްރިޝްނާ ބަޓް ޑައިރެކްޓްކޮށް 2023 ގައި ގެނެސްދިން '1920 ހޮރޯސް އޮފް ދަ ހާޓް' އެވެ.

ވިކްރަމްގެ އެންމެ ފަހުހެ ފިލްމަކީ މިތުން ޗަކްރަބަތީގެ ދަރިފުޅު މިމޯޗް ޗަކްރަބަތީ ހިމަނައިގެން އޭނަ ގެނެސްދެމުން އަންނަ ބިރުވެރި ފިލްމު ފްރެންޗައިޒްގެ ދެވަނަ ފިލްމު 'ހޯންޓެޑް ތުރީޑީ؛ އެކޯސް އޮފް ދަ ޕާސްޓް' އެވެ. މިދިޔަ މަހު ރިލީޒްކުރި މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

ވިކްރަމްގެ '1920 ކޯލްޑް ވިންޓާ' އިން އަހާން ފެންނާނެކަން އަދި ރަސްމީކޮށް ފިލްމުގެ ޓީމުން އިއުލާންކޮށްފައިވާ އިރު، އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 'ސާންކީ' ހިމެނެ އެވެ.