Last Updated: July 24, 20:27
Friday, July 24, 2026
ރިޕޯޓް

އެދެންވީ ދުނިޔެއަކަށް ނޫން، އާޚިރަތަށް!

ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ކިޔައިދެއްވިއެވެ:

"އެއް ދުވަހެއްގައި ތިމަންކަލޭގެފާނު اللَّه ގެ ރަސޫލާ ގެ އަރިހަށް ޒިޔާރަތް ކުރެއްވީމެވެ. އެކަލޭގެފާނު އޮންނެވީ (ކަދުރުރުކުގެ އޮށިން ވިޔެފައިވާ) ކުނަލެއްގެ މަތީގައެވެ. ތިމަންކަލޭގެފާނު އިށީންނެވީމެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި އިޒާރެއް (ފޫޅުންތިރި ނިވާކުރައްވާ ފޭރާމެއް) ފިޔަވައި އެހެން އެއްޗެއް ނެތެވެ.

(އެކަލޭގެފާނު އޮންނަވާ) އެ ކުނަލުގެ (ހަރުކަމުގެ) ސަބަބުން އެކަލޭގެފާނުގެ އަރިކަށިފުޅުގައި ކުނަލުގެ ނިޝާންތައް ފާޅުވާންހުއްޓެވެ. އަދި ކޮޓަރިކޮޅުގެ އެއްފަރާތުގައި، ޞާޢެއްގެ މިންވަރުގެ ހިމަގޮދަމުގެ މުށަކާއި، ހަންދަމާ ފަތްތަކެއް ހުއްޓެވެ. އަދި ހިއްކަން އަޅާފައި އޮތް ޖަނަވާރު ހަމެއް އެލުވާފައި ހުއްޓެވެ.

މި މަންޒަރު ފެނިވަޑައިގެން ތިމަންކަލޭގެފާނުގެ ލޮލުން ކަރުނަ އޮހޮރިގަތެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭ ޚައްޠާބުގެ ދަރިޔާއެވެ! ކަލޭގެފާނު ތިޔަ ކީރިތިކުރައްވަނީ ކީއްވެގެންތޯއެވެ؟"

ތިމަންކަލޭގެފާނު ދެންނެވީމެވެ.

يا نبيَّ اللهِ وما لي لا أبكي ! وهذا الحصيرُ قد أثَّر في جنبِك وهذه خِزانتُك لا أرَى فيها إلَّا ما أرَى ، وذاك كسرَى وقيصرُ في الثِّمارِ والأنهارِ ، وأنت نبيُّ اللهِ وصفوتُه وهذه خِزانتُك

"އޭ اللَّه ގެ ނަބިއްޔާއެވެ! ތިމަންކަލޭގެފާނު ކީރިތިނުކުރައްވައި ހުންނާނީ ފަހެ ކިހިނެއްތޯއެވެ؟ ކަލޭގެފާނު އަވަހާރަފުޅުލައްޕަވާ އިރު އޮންނަވާ މި ކުނަލުގެ ސަބަބުން ކަލޭގެފާނުގެ އަރިކަށިފުޅުގައި ނިޝާންތައް މިވަނީ ލާފައެވެ. ކަލޭގެފާނުގެ މިލްކިއްޔާތުގައި (ގެކޮޅުގައި މިހުރި އެއްޗެހި ފިޔަވައި) އެހެން އެއްޗެއް ނެތެވެ. (އަދި ގެކޮޅަކީވެސް އެއްވެސް އަގުބޮޑުއެއްޗެއްނެތް ތަނެކެވެ.) އެހެންނަމަވެސް، ކިސްރާ އާއި ޤައިޞަރު (ފާރިސްކަރަ އާއި ރޯމަނުންގެ ރަސްރަސްކަލުން) އުޅެނީ މޭވާ ބަގީޗާތަކާއި ފެންކާރުތަކުގެ ތެރޭގައެވެ. ކަލޭގެފާނަކީ اللَّه ގެ ނަބިއްޔާއެވެ. އެކަލާނގެ އިޚްތިޔާރުކުރެއްވި ރަސޫލާއެވެ. އެކަމަކު ކަލޭގެފާނުގެ ޚަޒާނާއަކީ (މިލްކިއްޔާތުގައިވާ ހަމައެކަނި އެއްޗަކީ) މިއީއެވެ."

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

يا ابنَ الخطَّابِ أما ترضَى أن تكونَ لنا الآخرةُ ولهم الدُّنيا

"އޭ ޚައްޠާބުގެ ދަރިޔާއެވެ! އަހަރެމެންނަށް އާޚިރަތް ލިބި، އަދި އެބައިމީހުންނަށް ދުނިޔެ ލިބުމަށް ތިބާ ނުރުހެނީ ހެއްޔެވެ؟"

ނޯޓް: މިއީ ޝައިޚް މުހައްމަދދު ޢާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.