Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ސަވާހިލި ފޭރިގަތީ މަޖިލިސް މެންބަރުންތަކެއްގެ އެދިގެން

އަައްޑޫ ސަވާހިލި ޓޫރިމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށް އެ ފޭރި ގަނެ، މަޝްހޫރު އަށް ހުރަސް އެޅީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުންތަކެއް އެދިގެން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތެރެއިން މަސައްކަތްތައް މިހާރު އެންމެ ބާރަށް ކުރިއަށްދާ ފޭދޫ ޓޫރިޒަމް ޒޯނާ ދިމާލުން އޮތް ފަޅު ރަށް، ސަވާހިލި އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައި ވަނީ އިއްޔެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު އާންމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ސަވާހިލި ޕްރޮޖެކްޓަށް ސަރުކާރުން ހުރަސް އެޅީ އެ މަޝްރޫއު އަށް ޝައުގުވެރިކަން ފާޅުކޮށް، ބައެއް ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ވެސް ގަނެވެފައި ވަނިކޮށް ކަމަށެވެ. ފޭދޫގެ ޓޫރިޒަމް ޒޯންގައި ތަރައްގީކޮށް ޓޫރިސްޓް ފެސިލިޓާތަކަށް ހާއްސަ ސަޕޯޓް ފެސިލިޓީއެއްގެ ގޮތުގައި ސަވާހިލި ތަރައްގީ ކުރަން ކައުންސިލުން ބީލަމަށްލީ އެންޓަޓައިންމަންޓާއި ރެކްރިއޭޝަން ފެސިލީޓިއެއްގެ ގޮތުގަ އެވެ.

މޭޔަރު ވިދާޅުވީ އެކަން އެގޮތަށް ނިންމީ ޓޫރިޒަމް ޒޯންގެ އޮޕަރޭޝަންތަކަށް ފަސޭހަކޮށް، ރަނގަޅު ގޮތެއްގައި އެކަން ކުރިއަށް ގެންދަން ކަމަށެވެ. ނަމަވެސް ސަވާހިލި ޕްރޮޖެކްޓަށް ހުރަސް އެޅުމުން ފޭދޫގެ ޓޫރިޒަމް ޒޯންގެ އޮޕަރޭޝަން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މި މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން ސާފުކުރި މައުލޫމާތުތަކުން އެނގުނީ ޕީއެންސީ އަށް ނިސްބަތްވާ އައްޑޫގެ މަޖިލިސް މެންބަރުތަކެއް އެދިވަޑައިގެން ރައީސް މުއިއްޒު ސަވާހިލި، އައްޑޫގެ އިހުތިސާސް އިން ވަކިކުރެއްވީ ކަމަށެވެ.

މޭޔަރު ވިދާޅުވީ މިކަން މިގޮތަށް ދިމާވި އިރު، މިކަމަކީ އެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވަން ރައްޔިތުން ގާތު ދެއްކި ވާހަކަތަކާ ވެސް ދިމާ މުޅިން އިދިކޮޅަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑު އަށް އެންމެ ހާއްސަ އުންމީދަކީ ލޯކަލް ޓޫރިޒަމް ކަމަށާއި އެކަމަށް މަގުފަހި ކުރަން ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް، މިކަމަށް ސަރުކާރުން ހުރަސް އެޅުމަކީ އައްޑޫގެ ތަރައްގީއަށާއި ސީދާ ރައްޔިތުންގެ ކުރިއެރުމަށް ވެސް ހުރަސް އެޅުން ކަމަށެވެ.

އޭނަ ވިދާޅުވީ މި ސަރުކާރަށް ތިން އަހަރުވެ، ދައުރު ވެސް ހަމަވާން ގާތްވަމުން އަންނަ އިރު، އައްޑު އަށް ކޮށް ދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. މި ހާލަތުގައި ކަންކަން އޮއްވައި ސަވާހިލި ފޭރިގަނެ، އައްޑޫގެ ތަރައްގީ އާއި އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިކަމަކީ ރައްޔިތުންގެ ނިކަމެތި ކަމުގައި ބޭތިއްބުމަށް ހުދުމުހުތާރު ވިސްނުމުގައި ކުރަމުންދާ ކަންކަން ކަމަށެވެ.

ނިޒާރު ވިދާޅުވީ ސަރުކާރުން ކަމެއް ކޮށް ނުދޭ ތާނގައި ކައުންސިލުން ރައްޔިތުންނަށް ކޮށް ދޭން އުޅޭ ކަންކަމަށް ހުރަސް އަޅާ އިރު، ސިޓީ ކައުންސިލަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކައުންސިލެއް ކަމަށެވެ.

"އައްޑޫގެ ތަރައްގީ އަށް އެއްވެސް ޕްލޭނެއް ނެތި، ރޭވުމެއް ނެތި އެއްވެސް މަޝްވަރާއެއް ނެތި، ސަރުކާރުން މިކުރާ ކަންކަމުގެ ސަބަބުން އަޅުގަނޑުމެން ފަހަތަށް މި ގެންދެވެނީ." މޭޔަރު ވިދާޅުވި އެވެ.

އެެހެންވެ ކައުންސިލުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް ނޭޅުމަށް އޭނަ ވަނީ ގޮވާލައްވައިފަ އެވެ.