Last Updated: July 24, 20:27
Friday, July 24, 2026
ރިޕޯޓް

ސަވާހިލި ނެގުން؛ ނުރައްކާތެރި، ބޭއިންސާފު ނިންމުމެއް!

އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ސަވާހިލި އުނިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ލާމަރުކަޒީ ނިޒާމާއި، ސަރަޙައްދީ ތަރައްޤީ އަދި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް (ރަށު ފަތުރުވެރިކަން) އާއި މެދު ނުހަނު ކަންބޮޑުވުން އުފެދޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ބަދަލު ގެންނެވީ ފަތުރުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، ފޭދޫގެ ފަތުރުވެރިކަމުގެ ސަރަޙައްދާ (ފޭދޫ ޓޫރިޒަމް ޒޯން) އެންމެ ބޮޑަށް ގުޅިފައިވާ ރަށް ކައުންސިލްގެ އިޚްތިސާސްގެ ތެރެއިން ކުއްލިގޮތަކަށް ސަރުކާރުން އުނިކުރުމަކީ، ފަތުރުވެރިކަމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ޤަބޫލުކުރަން ފޭދޫ އަދި އައްޑޫގެ ރައްޔިތުންނަށް ދަތިވެއެވެ. އޭގެ ބަދަލުގައި، މިއީ މުޅި ރާއްޖޭގައި ވެސް މިވަގުތު ކުރިއަށްދާ އެންމެ އުންމީދީ، އަދި ރައްޔިތުންގެ ބައިވެރިވުން ބޮޑު އެއް ފަތުރުވެރިކަމުގެ މަޝްރޫޢު ބަލިކަށިވެގެންދާނެ ކަމެކެވެ.

ސަވާހިލި އޮންނަނީ ފޭދޫ ޓޫރިޒަމް ޒޯނުގެ ސީދާ ކުރިމަތީގައި، ވަރަށް ކައިރީގައެވެ. މި ސަބަބަށްޓަކައި، އެ ރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގެސްޓްހައުސް ސަރަޙައްދުގައި ޤާއިމުނުކުރެވޭނެ ފަދަ ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި، މުނިފޫހިފިލުވުމާއި،ފަތުރުވެރިންނަށް ބޭނުންވާ ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ރަށެކެވެ. އެގޮތުން، ބީޗް ރެކްރިއޭޝަނާއި، ރެސްޓޯރަންޓް، ކެފޭ، ވޯޓަރ ސްޕޯޓްސް އާއި، ވެލްނަސް ޚިދުމަތްތަކާއި، ޙަފްލާތައް ބާއްވާނެ ޖާގަތަކާއި، އަދި ގެސްޓްހައުސް ސަރަޙައްދަށް ހުރަހަކަށް ނުވާނެ ފަދައިން ރޭވުންތެރިކަމާއެކު ބިނާކުރެވޭ ބީޗް އަދި އޯވަރވޯޓަރ ވިލާތަކާއި، ވޯޓާޕާކް ފަދަ ތަންތަން އެ ރަށުގައި ތަރައްޤީކުރެވިދާނެއެވެ.

ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލި އެކުވެގެން، ޓުރެޑިޝަނަލް (ދިވެހި) މެހެމާންދާރީ އާއި މަތީ ފަންތީގެ ޚިދުމަތްތައް އެކުލެވޭ ތަފާތު ފަތުރުވެރިކަމުގެ ކާމިޔާބު މަންޒިލެއް ބިނާކުރެވިދާނެއެވެ. މީގެ ސަބަބުން ބޮޑު ޚަރަދުކުރާ ފަތުރުވެރިން އިތުރުވެ، އައްޑޫގައި އެމީހުން ހޭދަކުރާ މުއްދަތު ދިގުވެ، ވަޒީފާގެ ފުރުޞަތުތަކާއި، އަމިއްލަ އިންވެސްޓްމަންޓްތަކަށް މަގުފަހިވެ، އައްޑޫގެ އިޤްތިޞާދު ވަރުގަދަވެގެންދާނެއެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ ސަވާހިލީގައި ރިކްރިއޭޝަނާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްޤީކުރުމަށް 50 އަހަރުގެ މުއްދަތަށް ބީލަމަށް ހުޅުވާލާފައެވެ. ބައި ގަރުނުގެ މުއްދަތަށް މިފަދަ ރަށެއް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ޚާއްޞަކޮށް މުޅި އަތޮޅެއްގެ މުސްތަޤްބަލާ ގުޅޭ މިފަދަ ނިންމުމެއް ސަރުކާރުން ނިންމަންވާނީ ހާމަކަން ބޮޑު ގޮތެއްގައި، ރައްޔިތުންގެ ޚިޔާލު ހޯދައިގެން، އަދި އައްޑޫގެ ދިގުމުއްދަތުގެ މަޞްލަޙަތަށް އިސްކަންދީގެންނެވެ. އެފަދަ ނިންމުމަކީ ރައްޔިތުންނަށް އެކަށީގެންވާ ސަބަބެއް ބަޔާންކޮށްދިނުމެއް ނެތި، މަތިން ތިރިއަށް މަޖުބޫރުކުރެވޭ ނިންމުމަކަށް ވެގެންނުވާނެއެވެ.

ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް (ރަށު ފަތުރުވެރިކަން) ކާމިޔާބުވަނީ، ފަތުރުވެރިން މީހުން ދިރިއުޅޭ މުޖުތަމަޢުތަކުގައި ވަގުތު ހޭދަކޮށް، އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވެ، އޭގެ އިޤްތިޞާދީ މަންފާ މުޅި މުޖުތަމަޢަށް ފެތުރިގެންދިއުމުންނެވެ. ސަވާހިލިއަކީ މިފަދަ މޮޑެލްއެއް ކާމިޔާބުކުރުމަށް ކޮންމެހެން ބޭނުންތެރި ރަށެކެވެ. އެހެންކަމުން، އެ ރަށް ފޭދޫ ޓޫރިޒަމް ޒޯނުން ވަކިކުރުމުގެ ބަދަލުގައި، އެ ޒޯނުގެ ބައެއްގެ ގޮތުގައި ތަރައްޤީކުރަންޖެހެއެވެ.

ދިގު ޒަމާންތަކެއް ވަންދެން، އިންވެސްޓްމަންޓްތަކާއި ފުރުޞަތުތައް ގްރޭޓަރ މާލެ ސަރަޙައްދަށް އެކަނި ބިނާވެފައި އޮތުމުގެ ސަބަބުން އައްޑޫ އޮތީ އިޤްތިޞާދީ ގޮތުން އެކަހެރިކުރެވިފައެވެ. މިފަދަ ގޮންޖެހުންތަކާއެކުވެސް، އައްޑޫގެ އަމިއްލަ ފަރުދުންތަކެއް ވަނީ އެފަރާތްތަކުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާޢަތެއް ބިނާކުރުމަށް ފޭދޫ ޓޫރިޒަމް ޒޯނުގައި އިންވެސްޓްކޮށްފައެވެ. މި ސަރަޙައްދުގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އެހެނިހެން ކަންކަން އެފަރާތްތަކުން ކުރިއަށް ގެންދަނީ، އައްޑޫއަކީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން ލިބިގެންވާ އިޤްތިޞާދެއް ބިނާކުރެވިދާނެ ތަނެއް ކަމަށް އެބޭފުޅުން ޤަބޫލުކުރައްވާތީއެވެ.

މިފަދަ މަސައްކަތްތަކަށް އެހީތެރިވުމުގެ ބަދަލުގައި، ސަރުކާރުން މިވަނީ ޓޫރިޒަމް ޒޯނުގެ އެންމެ އަގުހުރި އެއް ސަރަޙައްދާ މެދު ގޮތްނޭނގޭ ނިންމުންތަކެއް ނިންމަވާފައެވެ. އިންވެސްޓަރުންނަށް ބޭނުންވަނީ އިތުބާރާއި، ހަމަޖެހުމާއި، ދާއިމީ ސިޔާސަތުތަކެވެ. ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވިފައިވާ މަޝްރޫޢުތަކުގެ އަސާސީ ބިންގާ ބަދަލުވެގެންދާ ފަދަ ނިންމުންތަކެއް ނޫނެވެ. އައްޑޫގެ ރައްޔިތުން އެދެނީ ޚާއްޞަ އިނާޔަތްތަކަކަށް ނޫނެވެ. އެފަރާތްތަކުން އެދެނީ އިންސާފަށެވެ. އެއީ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، އަމިއްލަ އިޤްތިޞާދު ވަރުގަދަކުރުމާއި، މާލެއަށް ބަރޯސާވުން ކުޑަކުރުމުގެ ފުރުޞަތަށެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމާއި، ހަމަހަމަ ތަރައްޤީއާއި، ރަށު ފެންވަރުގައި ރައްޔިތުން ބާރުވެރިކުރުވުން އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރާނަމަ، މި ނިންމުން އަލުން މުރާޖަޢާކުރަންޖެހެއެވެ. ސަވާހިލި އަކީ ފޭދޫ ޓޫރިޒަމް ޒޯނުގެ މައިގަނޑު އަސާސްގެ ގޮތުގައި ދެމިއޮންނަންޖެހޭ ރަށެކެވެ. އެއީ އައްޑޫގެ ރައްޔިތުންނަށް ދާއިމީ އިޤްތިޞާދީ ފުރުޞަތުތައް ހޯދައިދިނުމަށެވެ.
އައްޑޫގެ ރައްޔިތުން ހަޤީޤީ ތަރައްޤީއަށް އިންތިޒާރުކުރާތާ ދިގު ޒަމާންތަކެއް ވެއްޖެއެވެ. އިންސާފުވެރިކަމާއި، ލާމަރުކަޒީ އުޞޫލުތަކާއި، ރައްޔިތުންގެ ބައިވެރިވުން އެކުލެވޭ ޤައުމީ ތަރައްޤީގެ އަސާސްތަކާ ރައްޔިތުން ދުރުކޮށްލާ މިފަދަ ނިންމުމެއްގެ ސަބަބުން، އަތޮޅަށް ލިބިފައިވާ އެންމެ ބޮޑު އެއް ފުރުޞަތު ގެއްލިގެންދާތަން ބަލަން އައްޑޫގެ ރައްޔިތުން މަޑަކުން ނުތިބޭނެއެވެ.