އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ އަދާނީ ގްރޫޕުން އެއާލައިނެއްގެ ހިދުމަތް ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މިކަމާ އެ ކުންފުނިން ވަރަށް ސީރިއަސް ވިސްނަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ މިކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.
އެއާލައިންގެ ވިޔަފާރީގެ ތެރެއަށް އަދާނީ ގްރޫޕުން ވަންނަން ތައްޔާރުވަމުން އަންނަ އިރު، އެ ކުންފުންޏަކީ މިހާރު ވެސް އިންޑިއާގެ ބޮޑެތި އެއާޕޯޓްތަކެއް އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މުމްބާއީގެ ދެ އެއާޕޯޓެއް ހިމެނޭހެން ޖުމްލަ 8 އެއާޕޯޓެއް އަދާނީ ގްރޫޕުން އަންނަނީ ހިންގަމުންނެވެ.
މީޑިއާތަކުން ބުނީ އަދާނީ ގްރޫޕުން އެއާލައިިނެއްގެ ހިދުމަތް ފެށުމާ މެދު މި ފަހުން ސީރިއަސްކޮށް ވިސްނަން ފެށީ އެ ގައުމުގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ބޯޓެއް މިދިޔަ އަހަރުގެ ތެރޭގައި ވެއްޓި ގިނަ ބަޔަކު މަރުވި ހާދިސާގެ ފަހުން އެ އެއާލައިނަށް އޮތް އިރުބާރު އާންމުންގެ ތެރޭގައި ކުޑަވެގެން ދިއުމާއި އެއާ އިންޑިއާ އަށް ދިމާވެފައި އެކި ކަހަލަ ގޮންޖެހުންތަކާ ހެދި އޮޕަރޭޝަންތަކަށް އަންނަ ލޮޅުންތަކާ ހެދި، މި ދަނޑިވަޅުގައި އާ އެއާލައިނެއް އުފައްދައިގެން އޭގެ ފައިދާ ކުންފުންޏަށް ވަރަށް ބޮޑަށް ނެގިދާނެ ކަމަށް ބެލެވޭތީ އެވެ.
މީގެ އިތުރުން މިހާރު އިންޑިއާގެ އެންމެ ވާދަވެރި އެއާލައިން ކަމަށްވާ ބަޖެޓް އެއާލައިން އިންޑިގޯއާ ވާދަކުރަން އާ އެއާލައިނެއް ވުޖޫދަށް އައުމަކީ ވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަދާނީ ގްރޫޕުން ދެކޭ ކަމަށް ވެސް މީޑިއާތަކުންނެވެ.
ނަމަވެސް އެ ކުންފުނިން އެއާލައިނެއް އުފައްދަން އުޅޭ ވާހަކައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އަދާނީން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަދާނީ ގްރޫޕްގެ ވެރިޔާ އަދާނީ އަކީ މިހާރު ދެވަނަ އަށް އިންޑިއާގެ އެންމެ މުއްސަނދި މީހާ އެވެ. އޭނަގެ މިލްކިއްޔާތު 89.6 ބިލިއަން ޑޮލަރަށް އަރަ އެވެ.