ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ބުނެ ބްލެކްމެއިލްކޮށްގެން ފިރިހެނެއްގެ އަތުން 300،000ރ. އަށް ވުރެ ގިނަ ފައިސާ ފޭރުނު އައްޑޫ ފޭދޫ، ލިލީގަސްދޮށުގޭ މުހައްމަދު ފަވާޒް ލުތުފީގެ މައްސަލަ އަލުން ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އޭނަ އެކި ދުވަސްމަތިން ފައިސާ ފޭރުނު ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 19، 2024 ގަ އެވެ. އަދި އެ މައްސަލައިގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފަވާޒް، 33، ހައްޔަރު ވެސް ކުރި އެވެ.
ނަމަވެސް އޭނަ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ނިންމި އެވެ. ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށްފަ އެވެ.
އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި ސުޕްރީމް ކޯޓުން އަމުރުކުރީ އެ މައްސަލަ އަލުން ކުރިއަށް ގެންދިއުމަށެވެ. އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވާ ބެންޗުން ކުރެއްވި ހުކުމުގައި ވަނީ، 7 ދުވަހުގެ ތެރޭގައި ދައުލަތުން އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ، މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދަން އަމުރުކޮށްފަ އެވެ.