ސަނީ ޑިއޯލްގެ އާ ފިލްމު 'ބަޓްވާރާ 1947' ސެންސަރު ބޯޑުން އޭ ސެޓްފިކްޓްގައި ފާސްކޮށްފި އެވެ.
ތަފާޅޮޅުންތަކާއި ގިނަ އަދަދަކަށް ލޭ އޮހޮރުވުމުގެ މަންޒަރުތައް ވެސް ހިމެނޭތީ އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން އޭ ސެޓްފިކެޓް ދިނުމާ ގުޅިގެން މި ފިލްމު ހާއްސަވާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.
އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ 'ބަޓްވާރާ 1947' އަކީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.
އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓްކުރީ މީގެ ކުރިން ސަނީއާ އެކު ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ބަޓްވާރާ 1947' ގެ ކާސްޓްގައި ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އާއި ޝަބާނާ އާޒްމީ އާއި އަލީ ފަޒަލް އާއި އަބިމަންޔޫ ސިންގްގެ އިތުރުން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ހިމެނެ އެވެ.
މި ފިލްމަކީ މި އަހަރު ރިލީޒްކުރާ ސަނީގެ ތިން ވަނަ ފިލްމެކެވެ. މި އަހަރު ގެނެސްދިން އޭނަގެ އެހެން ފިލްމުތަކަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އާއި މި މަހުގެ 10 ގައި ނެޓްފްލިކްސް އިން ގެނެސްދިން 'އިއްކާ' އެވެ.
'ބަޓްވާރާ 1947' އަކީ އޭ ސެޓްފިކެޓް ދިން ސަނީ ހަ ވަނަ ފިލްމެވެ. ކުރިން އޭ ސެޓްފިކެޓް ދިން އޭނަގެ ފިލްމުތަކަކީ 2022 ގެ 'ޗުޕް' އާއި 2018 ގެ 'މޮހައްލާ އައްސީ' އާއި 2002 ގެ 'ޖާނީ ދުޝްމަން' އާއި އެ އަހަރުގެ ކަރްޒު އާއި 2001 'ފަރްޒު' ގެ އިތުރުން 2000 ވަނަ އަހަރުގެ 'ޗެމްޕިއަން' އެވެ.