އިޙުތިރާމު ކުރުމަކީ ގަދަރުކުރުމާއި އަޅާލުމާއި އޯގާތެރިކަމާއި ކަމޭހިތުމެވެ. މިއީ ޢާއިލާތަކާއި މަސައްކަތުގެ މާހައުލާއި،، މުޖުތަމަޢުގެ ހަމަޖެހުމާއި ގުޅުންތައް ބަދަހިކުރުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ އެއް ކަންތަކެވެ. މިއީ އެކަކު އަނެކަކުގެ ޚިޔާލަށާއި، ޙައްޤުތަކަށް، އަދި އަމިއްލަ ނަފުސަށް ވެސް ޤަދަރުކުރުން ދައްކުވައިދޭ މާތް އަޚްލާޤެކެވެ. އިޙުތިރާމުކުރާ ވަރާއި، އިޙުތިރާމު ކުރާގޮތް ފެނިގެން ދަނީ ޢަމަލާއި ބަހާއި އިޝާރާތާއި ރަވައްޔާއިންނެވެ. އިޙުތިރާމުކުރުމުގެ ފަލްސަފާ ބިނާވެގެންވަނީ އިންސާނާގެ އަމިއްލަ އަގުތަކާއި، އެހެން މީހުންގެ އަގު ވަޒަންކުރުމުގެ މައްޗަށެވެ. މިއީ އަޚުލާޤީ ޢިލްމުގެ އެންމެ މުހިންމު އެއް އަސާސެވެ.
އިޙުތިރާމުކުރުގެ ފަލްސަފާގެ އަސާސްތައް
އިޙުތިރާމުކުރުމުގެ ފަލްސަފާގެ ފުރަތަމަ އަސާސަކީ އިންސާނީ ކަރާމާތަށް އިޙުތިރާމު ކުރުމެވެ. ކޮންމެ އިންސާނަކީ ވެސް، އޭނާގެ ކިބައިގައި ހުންނަ ސިފަތަކަކަށް ނުވަތަ މުޖުތަމައުގައި އޭނާގެ މަޤާމަކަށް ބެލުމެއްނެތި، އިޙުތިރާމު ލިބެންޖެހޭ ފަރާތެއްކަމަށް ގަބޫލުކުރުމެވެ.
ދެވަނަ އަސާސަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އިޙުތިރާމެވެ. ތިމާއަށް އެހެން މީހުންގެ ފަރާތުން ލިބެން އެދޭފަދަ ހެޔޮ މުޢާމަލާތް، އެހެން މީހުންނާ މެދުގައި ވެސް ކުރުމެވެ. އިޙުތިރާމަކީ ދެކޮޅަށް ހިނގާ އެއްޗެއްކަމާއި އިޙުތިރާމު ލިބޭނީ، ތިމާވެސް އެހެން މީހުންނަށް އިޙުތިރާމު ކޮށްގެންކަން ގަބޫލުކުރުމެވެ.
ތިންވަނަ އަސާސަކީ ތަފާތުތަކަށް ބޯލެނބުމެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަމާއި އިންސާނުންގެ ކިބައިގައި ހުންނަ ތަފާތުކަމާއި އުނިކަން ތިމާއާއި އެހެން މީހުންގެ ކިބައިގައި ވެސް ހުންނާނެ ގަބޫލުކުރުމެވެ. އަދި ކޮންމެ މީހެއްގެ ވެސް ޙައްޤުތަކެއް ވާނެކަމާއި އެ ޙައްޤުތަކަށާއި، އޭނާގެ މިނިވަންކަމަށް އިޙުތިރާމުކުރުމެވެ. މިއީ އެންމެންނަށް ހަމަހަމައަށް ކުރަންޖެހޭ އިޙުތިރާމެކެވެ. މި އަސާސްގެ ތެރޭގައި މީހެއްގެ ހުނަރަށް، ނުވަތަ އޭނާ ކުރާ ރަނގަޅު މަސައްކަތަކަށް ނުވަތަ އަޚުލާޤީ މާތް ސިފަތަކަށް ދެވޭ އިޙުތިރާމު އޮންނާނެއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު އިޙުތިރާމުކުރުމަށް އިސްލާމްދީން ވަނީ ބާރުއަޅުއްވާފައެވެ. އަދި އިސްލާމް ދީނުގައި އިންސާނީ ކަރާމާތާއި އަބުރާއި ޙައްޤުތައް ވަނީ ރައްކާތެރި ކޮށްދެއްވާފައެވެ. އިންސާނާއަކީ މާތްﷲ އުފެއްދެވި އެންމެ މާތް އެއް މަޚުލޫޤެވެ. މިކަން ކީރިތި ޤުރުއާނުގެ الإسراء ސޫރަތުގެ 70 ވަނަ އާޔަތުގައި މާތްﷲ ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެ އާޔަތުގައި ވެއެވެ.
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމްގެދަރިން މާތްކުރެއްވީމެވެ. އަދި އެއްގަމާއި ކަނޑުގައި އެއުރެން އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ މައްޗަށް، އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."
ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ.
"لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا، وَيُوَقِّرْ كَبِيرَنَا"
މާނައަކީ، "އަހަރެމެންގެ ތެރެއިން ބޮޑެތި މީހުންނަށް އިޙުތިރާމް ނުކުރާ އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ އަހަރެމެންގެ (މުސްލިމުންގެ) ތެރެއިންވާ މީހެއް ނޫނެވެ." (އަބޫ ދާޢޫދު 4943)
މި ޙަދީޘްފުޅުގެ ޝަރަހައިގައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ "ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނޭ" އޮންނަ ބަހުގެ މާނައަކީ، އެފަދަ މީހަކީ މުސްލިމުންގެ ރިވެތި އަޚްލާޤާއި، ނަބަވީ ސުންނަތާއި، އިސްލާމީ ހިދާޔަތުން ބޭރުވެފައިވާ މީހެކެވެ.
އިޙުތިރާމުކުރުމުގެ ފަލްސަފާ ޢިލްމުގައި އެންމެ މަތީ ދަރަޖައަކީ އިސްލާމް ދީނަށް އިޙުތިރާމުކުރުމެވެ. އެއީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށާއި، އިސްލާމް ދީނަށް އިޙުތިރާމު ކުރުމެވެ. މިއީ އީމާންކަމުގެ އެންމެ މަތިވެރި އަދި އެންމެ މުހިންމު އެއް ޝަރުތެވެ. މިއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ، ދީނުގެ ހަމަތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ ބިންގަލެވެ.
އިޙުތިރާމު ކުރުމުގެ މައިގަނޑު 4 ދާއިރާ:
އިޙުތިރާމުކުރުމުގެ މައިގަނޑު ހަތަރު ދާއިރާއަކީ އަމިއްލަ ނަފުސަށް އިހުތިރާމުކުރުމާއި، އެހެން މީހުންނަށް އިޙުތިރާމުކުރުމާއި، ގަވާއިދުތަކަށް އިޙުތިރާމުކުރުމާއި، ވެށްޓަށް އިޙުތިރާމުކުރުމެވެ. މީގެ ތެރެއިން އަމިއްލަ ނަފްސަށް އިޙުތިރާމުކުރުމަކީ ތިމާގެ އަގު ވަޒަންކުރުމާއި، ޞިއްޙަތަށް ބެލުމާއި، ނުރަނގަޅު ކަންކަމުން ދުރުހެލިވުމެވެ. އެހެން މީހުންނަށް އިޙުތިރާމުކުރުމަކީ ވެރިންނަށާއި މައިންބަފައިންނާއި، މުދައްރިސުންނާއި، ބޮޑެތި މީހުންނަށް ކިޔަމަންތެރިވުމާއި އެންމެންނަށް އޯގާތެރިވުމެވެ.
ޤަވާއިދުތަކަށް އިޙުތިރާމުކުރުމަކީ ދިރިއުޅޭ ގެއާއި ފުލެޓާއި ސުކޫލުތަކާއި އޮފީސްތަކާއި ދެންވެސް އެ މީހަކު އެ އުޅޭ ތަނެއްގައި ޢަމަލުކުރާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންވުމެވެ. އަދި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ކިޔަންމެ، ޢަމަލުތައް އެގޮތަށް ބައްޓަންކުރުމެވެ. ވެށްޓަށް އިޙުތިރާމުކުރުމަކީ ތިމާ ދިރިއުޅޭ މާޙައުލާއި، ގުދުރަތީ ވަސީލަތްތަކަށް ރައްކާތެރިވުމާއި، ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމެވެ.
މުޖުތަމަޢުގައި އިޙުތިރާމުކުރުން އާލާކުރުން:
މުޖުތަމަޢުގެ ތެރޭގައި އިޙުތިރާމުކުރުން އާލާކުރެވޭނީ ކޮންމެ މީހަކު ވެސް އެހެން މީހުންގެ ޚިޔާލަށް އިޙުތިރާމްކޮށްގެންނެވެ. އެކި މީހުން ވިސްނާގޮތް ތަފާތުވާނެކަން ޤަބޫލުކޮށް، އެހެން މީހުންގެ ވާހަކަތައް ކަނުލައި އަޑުއަހައިގެންނެވެ. ޚާއްޞަކޮށް މުޖުތަމަޢުތަކުގައި ބައިމަދު މީހުން (މައިނޯރިޓީ) އާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އިޙުސާސާއި ބޭނުންތަކާއި ވާހަކަތަކަށް އާބާދީގެ ބައިގިނަ މީހުން (މެޖޯރިޓީ) އިން އަޅާލުމާއި ސަމާލުކަން ދީގެންނެވެ. އެއަށްފަހު އެންމެ މުހިންމު ކަމަކީ އަދަބުވެރިކަމާއެކު މުޢާމަލާތުކުރުމެވެ.
މުޚާތަބުކުރާއިރު ރީތި ބަހުރުވަ ބޭނުންކުރުމާއި، އެކަކު އަނެކަކަށް ހިނިތުންވުމާއެކު ބައްދަލުކުރުމެވެ. އަބަދުވެސް މާފުކުރުމުގެ ޤާބިލުކަން ލިބިފައިވާ ހިތެއްގެ ވެރިޔަކަށްވުމެވެ.
މުޖުތަމަޢުތަކުގައި އިޙުތިރާމުކުރުން އާލާކުރުމުގައި ޤާނޫނުގެ ވެރިކަން ހިންގުމާއި، ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔަކަށްވުމާއި، ޢަދުލް އިންސާފު ޤާއިމުވުން ހިމެނެއެވެ. އެންމެންނަކީ ވެސް ޤާނޫނާއި ގަވާއިދަށް ބޯލަނބާ ބަޔަކަށް ވުމާއި، މުޖުތަމަޢުގެ އާންމު އުސޫލުތަކާއި ޤާނޫނުތަކަށް އެންމެން ވެސް އިޙުތިރާމުކުރުން މުހިންމެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަތުމާއި އާންމުތަންތަނުގައި އުޅޭއިރު ހެދުން އެޅުމުގައާއި، ވާހަކަ ދެއްކުމުގައި އާންމު އިޖުތިމާޢީ މިންގަނޑުތަކަށް ވެސް އިޙުތިރާމުކުރަން ޖެހެއެވެ.
ކޮންމެ މީހަކު ނުވަތަ ކޮންމެ ޝަޚުސެއް ބިނާވަނީ ޒާތީ ސިފަތަކެއްގެ މައްޗަށެވެ. މިއީ ޖާގަ ދޭން ޖެހޭ ސިފަތަކެކެވެ. އެހެން މީހުންގެ އަމިއްލަ ދިރިއުޅުމަށާއި، އިޚްތިޔާރުތަކަށް ފާޑުކިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެހެން މީހުންގެ މައްޗަށް ނޭދެވޭ ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ޢާއިލާ ތެރޭގައި އިޙުތިރާމުކުރުން
މުޖުތަމަޢުގައި އިޙުތިރާމުކުރުން އާލާކުރެވޭނީ ޢާއިލާތަކާއި އޮފީސް ނުވަތަ ވަޒީފާގެ މާހައުލުގައާއި، އާންމު އިޖުތިމާޢީ ގުޅުންތަކުގައި އިޙުތިރާމުކުރުމުގެ ރިވެތި ސިފައާއި އާދަތައް އަށަގެންނުވިގެންނެވެ. މިގޮތުން ބަލާއިރު އިޙުތިރާމުކުރަން ދަސްކޮށްދިނުމުގެ ބިންގާ އެޅިގެން ދަނީ ޅަދަރީންގެ ތަރުބިއްޔަތުގެ ތެރެއިންނެވެ. އެއީ ކުއްޖާގެ ޢާއިލާ ނުވަތަ ގެއާއި، އޭނާގެ މަދަރުސާއެވެ. ނުވަތަ ކުއްޖާ އުޅެބޮޑުވާ މާހައުލެވެ.
އާއިލާގެ ތެރޭގައި އިޙުތިރާމު އަދާކުރުމަކީ މައިންބަފައިންނާއި ބޮޑެތި މީހުންނަށް ޤަދަރާއި އިޙުތިރާމު ކުރުމެވެ. އެމީހުންގެ ބަސްއަހައި، އޯގާތެރިކަމާއެކު އަޅާލައި، އަޑުގަދަނުކޮށް، ރިވެތި ގޮތުގައި މުޢާމަލާތުކުރުމެވެ. މީގެއިތުރުން ކުޑަކުދިންނަށް ލޯބިދީ، އޯގާތެރިވުމެވެ. ކުޑަކުދިންނަށް ވެސް އިޙުތިރާމް ލިބެންޖެހޭކަން ޤަބޫލުކޮށް، އެކުދިންގެ ޝުޢޫރުތައް އަޑުއެހުމެވެ.
ޢާއިލާގެ ކޮންމެ މެންބަރެއްގެ އަމިއްލަ މިނިވަންކަމަށް ޖާގަ އޮންނަން ޖެހެއެވެ. ޢާއިލާގެ މެންބަރެއް ނަމަވެސް އެމީހެއްގެ ޒާތީ ކަންކަމާއި ސިއްރުތަކަށް އިޙުތިރާމުކުރަން ޖެހޭނެއެވެ. ޢާއިލާގެ މެންބަރުގެ މެދުގައި އެ މީހަކު އެ މީހެއްގެ ދައުރު ފުރިހަމައަށް އަދާކުރުމާއި ގޭތެރޭގެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ބުރަލުއިކޮށްދިނުމާއި އުފަލާއި ހިތާމައިގައި ބައިވެރިވުމަކީ ވެސް އެކަކު އަނެކަކަށް އިޙުތިރާމުކުރުމެވެ.
މަސައްކަތުގެ މާހައުލުގައި އިޙުތިރާމު ކުރުން
އޮފީސް ނުވަތަ ވަޒީފާ ނުވަތަ މަސައްކަތުގެ މާހައުލުގައި އިޙުތިރާމުކުރުން އަށަގަންނުވަން ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގަޑިއަށް ފަރުވާތެރިވުމެވެ. ގަޑިއަށް ސަމާލުވުމެވެ. ބައްދަލުވުންތަކަށާއި މަސައްކަތަށް ގަޑިއަށް ހާޒިރުވުމަކީ އެހެން މީހުންގެ ވަގުތަށް އިޙުތިރާމުކުރުމެވެ. މިއަށްފަހު ދެން އޮންނަ އެންމެ މުހިންމު ކަމަކީ ޚިޔާލުތަފާތުވުންތައް ބަލައިގަތުމެވެ. މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޚިޔާލުތަފާތުވުންތަކުގައި ޒާތީނުވެ، ހަމަޖެހިގެން ވާހަކަދެކެވެން ޖެހެއެވެ.
މަސައްކަތުގެ މާހައުލުގައި ހުރިހާ އެންމެންގެ މަސައްކަތްތައް ބަލައިގަތުމަކީ ވެސް އެ ފަރާތްތަކަށް ކުރެވޭ އިޙުތިރާމެކެވެ. އެކުގައި މަސައްކަތްކުރާ މީހުންނާއި ދަށުން މަސައްކަތްކުރާ މުވައްޒަފުން ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންކުރުމަކީ ވެސް އިޙުތިރާމުކުރުމެވެ.
އޮފީސްތަކާއި އެހެނިހެން މަސައްކަތުގެ މާހައުލުތަކުގައި އިޙުތިރާމުކުރުން ގެއްލި ބައިބައިވެ ފިތުނަވެރިކަން އުފެދޭ އެއްކަމަކީ މުއާމަލާތްކުރުމުގައި ރިވެތި އަޚުލާޤީ މިންގަނޑުތައް ނުގެންގުޅުމާއި މިފަދަ މިންގަނޑުތައް ނުވެސް އެނގުމެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާނީ ފާޑުކިޔުމުގައި ބިނާކުރަނިވި ފާޑުކިޔުމުން ބޭރުވާތީއެވެ. ކަމެއް ރަނގަޅުކުރަން ބުނާއިރު ނުވަތަ ކަމަކަށް ފާޑުކިޔާއިރު ވެރިއެއް ވިޔަސް އަދި އެކުގައި މަސައްކަތްކުރާ މީހެއް ނުވަތަ ދަށުގައި މަސައްކަތްކުރާ މީހަކަސް އެ މީހަކު ނިކަމެތިކޮށްނުލައި، އަދަބުވެރި ބަހުރުވައިން އެކަހެރިކޮށް ވާހަކަދައްކާނަމަ މި ދެމެދުގައި އިޙުތިރާމުކުރުން ވަރުގަދަވާނެއެވެ.
އިޖުތިމާޢީ ގުޅުންތަކުގައި އިޙުތިރާމު ކުރުން
އިޖުތިމާޢީ ގުޅުންތަކުގައި އިޙުތިރާމުކުރުން އަށަގެންނެވުމަށް އާންމު ތަންތަނުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދެވެއެވެ. މަގުމަތީގައި ހިނގާބިނގާވާއިރުގައާއި ސައިކަލާއި ވެހިކަލު ދުއްވާއިރު ވެސް އެކަކު އަނެކަކަށް ޖާގަދިނުމާއި އެންމެންގެ ސަލާމަތްތެރިކަމަށް ބެލުމާއި ފިހާރަތަކާއި ހޮސްޕިޓަލްތަކާއި ޚިދުމަތް ހޯދާ އެހެން ތަންތަނުގައި ވެސް ކިޔޫތަކުގައި ތިބޭއިރު އަނެކާއަށް އިސްކަންދޭތަން ފެންނަނަމަ އެ ފެންނަނީ އިޙުތިރާމުކުރުމުގެ ނަމޫނާއެވެ. އަދި ޚިދުމަތްދޭން ތިބޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން، އެއް ބަޔަކު އަނެއްބަޔަކަށް ބަލައިގަތުމާއި ކެތްތެރިކަމާއި ހިނިތުންވުމުން ބަޔާންކޮށް ދެނީ އިޙުތިރާމުކުރުމެވެ.
މީގެ އިތުރުން މީސްމީޑިއާގެ ތަފާތު މަންސަތަކުގައި ހަރަކާތެރިވާ މީހުންނާއި ޚިޔާލުފާޅުކުރާ މީހުން ހުތުރު ބަސްތަކާއި މަންޒަރުތަކުން ދުރުހެލިވެ އެކަކު އަނެކަކަށް ހަޖޫޖަހައި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ދުރުހެލިވެ އާންމު އަޚުލާޤީ މިންގަނޑުގައި ދެމި ތިބޭނަމަ އެ ފެންނަނީ ވެސް މުޖުތަމަޢު އޮތީ އިޙުތިރާމުކުރުމުގެ ރާސްތާގައިކަމެވެ.
މުޖުތަމަޢުގައި އަބަދުވެސް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދީ އެހީތެރިވުމަކީ އިޙުތިރާމުކުރުމުގެ އެންމެ މުހިންމު އެއް ބައެވެ. އަދި ތިމާވެށްޓަށް އިޙުތިރާމްކޮށް، އާންމު ތަންތަނަށް ކުނިނޭޅުމާއި، މުޖުތަމަޢުގެ އެންމެންގެ ލާބައަށް ހުންނަ ތަންތަން ދިގު މުއްދަތަކަށް ދެމެހެއްޓުމުގެ ޒިންމާ މުޖުތަމަޢުގެ އަފުރާދުން އުފުލަމުންދާނަމަ އެ ބައެއްގެ ތެރޭން އެ ފެންނަނީ އިޙުތިރާމުކުރުމުގެ އައުލާ މިސާލުތަކެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.