Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ހިދުމަތަށް އަލަށް 16 ދިވެހި ޑޮކްޓަރަކު ނުކުމެއްޖެ

Screenshot

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގަމުން އަންނަ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާ މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރަކު ގުޅިވަޑައިގެންފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެ އެވެ

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އަލަށް ގުޅިވަޑައިގެންނެވި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ދާއިރާތަކުން ތަމްރީނު ހާސިލުކުރައްވާފައިވާ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ޕީޑިއަޓްރިކް ޑެންޓިސްޓްރީ ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ ދާއިރާތައް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ކަށީގެ ބަލިތަކާއި އެތެރެހައްޓާއި ނިއުރޮލޮޖީ އާއި ރޭޑިއޮލޮޖީ އާއި ކަންފަތާއި ނޭފަތާއި ކަރު (އީއެންޓީ) އާއި ގެސްޓްރޯއެންޓްރޮލޮޖީއާއި ޕްލާސްޓިކް ސާޖަރީއާއި ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ ތަފާތު ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުން ވެސް ޚިދުމަތާ ގުޅިވަޑައިގެންފައިވެ އެވެ.

ހަލީމް ވިދާޅުވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ކާޑިއޯތޮރެސިކް އެންޑް ވެސްކިއުލާ ސާޖަރީ އާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފުކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށް ޒަމާނީ ޚިދުމަތްތައް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

މި ފިޔަވަޅުތަކަކީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.