Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

އައްޑޫން ގޫގުލް އަށް ދިން ބިމުން ކުލި ނަގާނަން

* ގޫގުލްއަށް އައްޑޫން ވަނީ 1.5 ހެކްޓަރުގެ ބިމެއް ދީފައި
* މި ބިމުން އަހަރަކު މަދުވެގެން 18 މިލިއަން ރުފިޔާ އައްޑޫ ރައްޔިތުންނަށް ލިބޭނެ
* ދިވަރު މަޝްރޫއު ސަރުކާރުން އިއްލާން ކުރީ 17 ނޮވެމްބަރ 2025 ގައި.

ގޫގުލް އިން އައްޑޫ ސިޓީގައި ހަދާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުމަށް ސަރުކާރުން ގޫގުލްއަށް ދިން ބިމުން ކުލި ނަގާނެކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ވީޑިއޯ މެސެޖެއް މެދުވެރިކޮށް އައްޑޫ ރައްޔިތުންނާ މުހާތަބުކުރައްވަމުން ނިޒާރު ވިދާޅުވީ ގޫގުލްއަށް އައްޑޫން ބިން ސަރުކާރުން ދިނީ ކައުންސިލްގެ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެކަމުގައި ސިއްރު ޑީލްތަކެއް ހިމެނޭކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ.

ގޫގުލްއަށް އައްޑޫ ސިޓީ ހިތަދޫން ވަނީ 1.5 ހެކްތަރުގެ ބިމެއް ހަމަޖައްސާފައެވެ. ރާއްޖެއާއި އޮމާނާއި އަދި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާ މަޝްރޫއު ސަރުކާރުން އިއްލާން ކުރީ ނޮވެމްބަރު 17، 2025 ގަ އެވެ.

"ދިވަރު" ނަންދީފައިވާ މި މަޝްރޫއުގެ ބޭނުމަށް 1.5 ހެކްޓަރުގެ ބިމެއް ސަރުކާރުން ގޫގުލްއަށް ދިން އިރު އެ ބިމުން އައްޑޫގެ ރައްޔިތުންނަށް ކުލި ލިބެން ޖެހޭނެކަމަށާއި އެކަމަށް ގޫގުލްއިން ތައްޔާރުވެ ތިބުމަށް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަމާއެކު ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ ގޫގުލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ. އަދި ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް ކުރެވިފައި ހުއްޓަސް، އެ އިންވެސްޓްމަންޓާ ގުޅޭ ވަރަށް އަޅުގަނޑުމެންނަށް ކައުންސިލަށް އަދި ރައްޔިތުންނަށް ކުލި ލިބެންޖެހޭނެ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މިހާތަނަށް އެ މަޝްރޫއާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށާއި މިހާތަނަށް ސަރުކާރުން އެދުނު ކޮންމެކަމަކަށް އައްޑޫ ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށެވެ.

"ކުލި ނަގާނަން އަޅުގަނޑުމެން. ގޫގުލްގެ ވެރިންނަށް ވެސް އަޅުގަނޑު ދަންނަވާނީ އެ ބިމުން އަޅުގަނޑުމެން ކުލި ނަގާނަމޭ. އަދި މިހާރު ޑީލްތައް ހަދައިގެން ހިލޭ ބިން ނަގައިގެން ތިއްބަސް އަޅުގަނޑުމެން ކުލި ނަގާނަން. އެ ކުއްޔަށް ތައްޔާރުވެގެން ތިބެންޖެހޭނީ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ބިންތަކުން ރައްޔިތުންނަށް އިގްތިސާދެއް ބިނާ ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ޕީޕީއެމް ފިކުރުގެ ސަރުކާރުތަކުން އެކަމަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ.