މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ބޮލީވުޑްގެ ފިލްމު 'ސައްޔާރާ' އިން ވިދި އާ އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމު ރިލީޒްކުރާ ތާރީހު ހާމަކޮށްފި އެވެ.
'ސައްޔާރާ' ވެސް ގެނެސްދިން ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ހަދާ ރޮމޭންޓިކް އެކްޝަން ޑްރާމާ ތާވަލުކުރީ އަންނަ އަހަރުގެ މާޗް 26 އަށެވެ.
މިދިޔަ އެޕްރީލުން ފެށިގެން މީގެ ޝޫޓިން ކުރިއަށްދާ އިރު، އަދިވެސް ފިލްމުގެ ނަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލީ އައްބާސް ޒަފަރު ޑައިިރެކްޓްކުރާ ފިލްމުގެ ނަމަކީ 'ފިއާ' އެވެ. މީގެ ބަތަލާ އަކީ ވައިއާރްއެފުން މި މަހުގެ 3 ގައި ރިލީޒްކުރި 'އަލްފާ' ގެ ކާސްޓްގައި ވެސް ހިމެނޭ ޝަރްވާރީ ވާގެވެ. އަހާންގެ ދެވަނަ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮބީ ޑިއޯލް އާއި އައިޝްވަރީ ތާކްރީ ވެސް ހިމެނެ އެވެ.
'ސައްޔާރާ' އިން ލިބުނު ބޮޑު މަޝްހޫރުކަމާ އެކު އަހާން ވަރަށް ބޮޑަށް ވިދާފައިވާ އިރު، އަލީގެ ފިލްމުގެ ނިންމައިލުމަށް ފަހު، އަހާން އަނެއްކާ ވެސް އޭނަގެ އަލަތު ފިލްމި ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމެއްގެ ޝޫޓިން ފަށާނެ އެވެ. ނަން އަދި ހާމަނުކުރާ މި ފިލްމުގެ ބަތަލާ އަކީ ވެސް ސައްޔާރާ' އިން ވިދި އަނީތު ޕައްޑާ އެވެ. އަދި އެ ފިލްމު އުފައްދަނީ ވެސް ވައިއާރްއެފުންނެވެ.
އިނގިރޭސިވިލާތުގައި ބޮޑު ބައި ޝޫޓްކުރާ އަހާންގެ ދެވަނަ ފިލްމުގެ ޑައިރެކްޓަރު އަލީގެ އެންމެ ފަހުގެ ފިލްމަކީ 2024 ގައި އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފާ އެކު ގެނެސްދިން 'ބަޅޭ މިޔާ ޗޯޓޭ މިޔާ' އެވެ. އޭނަ އަކީ ހިޓް ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ 'ސުލްތާން' އާއި 'ޓައިގާ ޒިންދާ ހޭ' ގެ ވެސް ޑައިރެކްޓަރެވެ.