Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ސަވާހިލި ކައުންސިލާ ހަވާލު ކުރަން ޝާހިދު ގޮވާލައިފި

އައްޑޫ ސަވާހިލި ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ބީލަމަށް ލާފައި ވަނިކޮށް، އެ ރަށް ސިޓީ ކައުންސިލްގެ އިހުތިސާސު ވަކިކުރުމާ ގުޅިގެން އެ ނިންމުން ބަދަލުކޮށް، ސަވާހިލި ސިޓީ ކައުންސިލާ އަލުން ހަވާލު ކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ސަވާހިލި އައްޑޫ ސިޓީގެ އިހުތިސާސް އިން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.

މި މައްސަލައާ ގުޅިގެން ޝާހިދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މުސްތަޤްބަލާ ގުޅުން އޮތް ސަވާހެލި އެ ސިޓީގެ ރައްޔިތުންނާއި މި ހިނދުން މި ހިނދަށް އަނބުރާ ހަވާލު ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އޭނަ ވިދާޅުވީ ‏އައްޑޫ ސިޓީގެ އިޚްތިޞާޞުން ސަވާހިލި ވަކިކޮށް މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އެރަށް ގެންދިޔައީ, އައްޑޫ ސިޓީގެ ކައުންސިލުން އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ކުއްޔަށްދީ، ތަރައްޤީކޮށް، ހިންގައި، މެނޭޖްކުރުމަށް ބީލަމަށް ހުޅުވާލިކަން އިޢުލާނުކޮށްފައި ވަނިކޮށް ކަމަށެވެ.

"މި މަޝްރޫޢަކީ އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި، ފަތުރުވެރިކަން ކުރިއަރައި، ޚާއްޞަކޮށް ސަވާހެލި ކުރިމަތިން ފަތުރުވެރިކަމުގެ ޒޯން އޮންނަ ފޭދޫގެ އިތުރުން، އައްޑޫގެ އެހެން ރަށްތަކުގައި ވެސް ގެސްޓްހައުސް ވިޔަފާރި އާއި، ކުދި އަދި މެދުފަންތީވެ ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫޢެއް." ޝާހިދު ވިދާޅުވި އެެވެ.

ނަމަވެސް، އައްޑޫ ސިޓީގެ ރައްޔިތުންނާއި އެ ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ކައުންސިލުގައި ހޭވެސް އަހާނުލައި ސަރުކާރުން ނިގުޅައިގަތީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު ޙައްޤެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތް ނިންމަވަންވާނީ މާލޭގައި ފިނި ކޮޓަރީގައި ތިބޭބަޔެއްނޫން. އެސިޓީގެ ރައްޔިތުންގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރާނެ ގޮތް ކަނޑައެޅުމުގެ ޙައްޤު އެސިޓީގެ ރައްޔިތުންނަށް އޮންނަން ވާނެ." އޭނަ ވިދާޅުވި އެވެ.