Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ސަވާހިލި ނެގުމަކީ ސަރުކާރުގެ ހަޑި ހުތުރު އަމަލެއް: އެމްޑީޕީ

ފޭދޫގެ ޓޫރިޒަމް ޒޯނާ ދިމާލުން ސަވާހިލި ފެންނަ ގޮތް.

އައްޑޫ ސިޓީގެ ބިންތައް ފޭރިގަނެ، ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ހުރަސް ނޭޅުމަށް އިދިކޮޅު އެމްޑީޕީމް ގޮވާލައިފި އެވެ.

އެ ޕާޓީގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލުން އައްޑޫ ސަވާހިލި ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ބީލަމަށް ލާފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އެ ރަށް ސިޓީ ކައުންސިލްގެ އިހުތިސާސް އިން ވަކިކުރި މައްސަލައިގައި އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ ކައުންސިލާއި،ދި އައްޑޫ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި ސަވާހިލި ކައުންސިލްގެ އިޚްތިސާސް އިން ވަކި ކުރުމަކީ ރައީސް މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެ ޕާޓީން ބުނީ އެ ނިންމުމަކީ އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްގީ އަށް ހުރަސް އެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށެވެ.

އެމްޑީޕީން ބުނީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭނާއި، އިޚްތިސާސުގައިވާ ބިން ބޭނުން ކުރާނޭ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވައި ފާސްކޮށް ހިންގުން ކަމަށެވެ. އެކަމަކު ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރުވެގެންދާ އިރު ރާއްޖޭގެ ރަށްތަކުގެ ތަރައް އަށާއި، ވަކިން ޚާއްސަކޮށް އައްޑޫ ސިޓީ އަށް އެއްވެސް އެދެވޭ ތަރައްޤީއެއް ގެނެސްދެވިފައި ނުވިޔަސް، ރައްޔިތުންގެ މަޝްވަރާއާއެކު ސިޓީ ކައުންސިލްއިން ވޭތުވެދިޔަ 5 އަހަރު، ރައްޔިތުން ޤަބޫލުކުރާ ފަދަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަން، ނިމިދިޔަ ކައުންސިލް އިންތިޚާބްގެ ނަތީޖާއިން ސާފުކޮށް އެނގެން އޮތް ކަމަށް ވެސް އެ ޕާޓީން ބުންޏެެ.

އެމްޑީޕީން ބުނީ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށް ފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށެވެ. އަދި އޭގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުން ކުރެވޭނެ ބާރެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމާއި، އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ޤާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހިކޮށްދީފައިވީ ހިނދު، ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާޤާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް މި ޕާޓީންން ހަރުއަޑުން ގޮވާލަން." އެމްޑީޕީން ބުންޏެވެ.