އައްޑޫ ސަވާހިލި ތަރައްގީ ކުރަން ބީލަމަށް ލާފައި ވަނިކޮށް ސިޓީ ކައުންސިލްގެ އިހުތިސާސުން އެތަން ވަކި ކުރުމަކީ ރައްޔިތުންނަށް ލިބެން އޮތް ތަރައްގީއެއް ހުއްޓުވުމަށްޓަކައި ސަރުކާރުން ނިންމި ޒާތީ ނިންމުމެއް ކަމަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސަވާހިލި ޓޫރިޒަމަށް ހާއްސަ ރަށަކަށް ހަމަޖެއްސީ ސޯބެ މޭޔަރަކަށް ހުންނެވި ދުވަސްވަރު 2021 ގަ އެވެ.
އައްޑޫ ސިޓީގެ އިހުތިސާސުން އެ ރަަށް ވަކިކުރީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.
މިކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި މިހާރު ހުންނެވި ސޯބެ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލާއި ރައްޔިތުންނާ ވެސް މަޝްވަރާ ކުރުމެއް ނެތި ސަވާހިލި އައްޑޫ ސިޓީގެ އިހުތިސާސް އިން ވަކިކުރުމަކީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނަ ވިދާޅުވީ މިއީ އައްޑޫގެ ތަރައްގީ އަށް ރައްޔިތުންގެ މަޝްވަރާއާ އެކީ ސިޓީ ކައުންސިލުން ރާވާފައިވާ އިގުތިސާދީ ތަރައްގީގެ މުހިއްމު ޕްލޭނެއް ކަމަށެވެ.
"[އެހެންވެ] މިކަން ހުއްޓުމަކީ ރައްޔިޔުން ބިކަކޮށް، ރައްޔިތުންނަށް ލިބިދެވެން އޮތް މަންފާތައް ހުއްޓުވަން ނިންމި ވަރަށް ޒާތީ ނިންމުމަކާ ވައްތަރު." ސޯބެ ބިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް މުއިއްޒުގެ އެ ނިންމެވުމަކީ ލާމަރުކަޒީ އުސޫލުން ސިޓީގެ އިގުތިސާދީ ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވަން ކުރެއްވި ކަމެއް ކަމަށެވެ. ސޯބެ ވިދާޅުވީ މި ސަރުކާރަށް ހަންކެޑެ އާއި ހިތަދޫން ޓޫރިޒަމަށް ހިއްކި ބިންތައް ތަރައްގީކޮށް ދޭން އެެއްވެސް މަސައްކަތެއް މިހާތަނަށް ނުކޮށްދެވި އޮތް އިރު، ސަވާހިލި އަށް ވެސް ރަނގަޅު ގޮތެއް މި ސަރުކާރަށް ހަދައި ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެހެންވެ މިކަން ހައްލުކޮށް ރަައްޔިތުްންގެ މަޝްވަރާއާ އެކީ އަލުން ސިޓީ ކައުންސިލްގެ އިހުތިސާސް ބަދަލުކޮށް، އައްޑޫ ރައްޔިތުންނަށް އެންމެ ފައިދާ އޮތް ގޮތަށް ސަވާހިލި ތަރައްގީ ކުރުމުގެ ފުރުސަތު ސިޓީ ކައުންސިލަށް ދިނުމަށް ގޮވާލަން." ސޯބެ ވިދާޅުވި އެވެ.