Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިރޭ

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މީރުމާ ހޮޓަލުގައި ބާއްވާ ކޮންގްރެސް މައިގަނޑު ތިން ކަމެއް އެޖެންޑާކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ހުށަހަޅިފައިވާ އިސްލާހުތައް ހުށަހެޅުމާއި، އެ އިސްލާހުތަކަށް ވޯޓަށް އެހުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން އެފްއޭއެމްގެ ދަށުން ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ނިންމުން ފާސްކުރުމެވެ.

އަދި ރާއްޖޭގެ އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައިވާތީ އެ ޕްލޭނަށް ވެސް ވޯޓް އަހާނެ އެވެ.

އެފްއޭއެމުން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ މިދިޔަ މާޗް 4 ގަ އެވެ. އޭރު ބޭއްވި އޯޑިނަރީ ކޮންގްރެސްގެ ޔައުމިއްޔާ ފާސް ކުރުމަށް ވެސް މިރޭ ވޯޓަށް އަހަން ހަމަޖެިފައިވެ އެވެ.

މިރޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން، އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރީ މި މަހުގެ 4 ގަ އެވެ.