Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޑްރަގާ އެކު ލަންކާ އިން ދިވެހިންތަކެއް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެެއްގައި ސްރީ ލަންކާ އިން ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 10 މިލިއަން ރުޕީސްގެ އައިސް (ކްރިސްޓަލް މެތެމްފެޓަމީން) ލަންކާ އަށް އެތެރެކޮށް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 40 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ފިރިހެނުންނެވެ.

މީޑިއާތަކުން ބުނީ ދެ މީހުންގެ ތެރެއިން 40 އަހަރުގެ މީހާ ހައްޔަރުކުރީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނަގެ އަތުން 602 ގްރާމް ކްރިސްޓަލް މެތު ފެނިފައިވެ އެވެ

މަސްތުވާ ތަކެތީގެ މައްސަލާގައި ދެވަނަ މީހާ ހައްޔަރުކުރީ އިއްޔެ ރޭ ކޮލޮމްބޯގެ ހޮޓަލެއްގެ ތެރެއިންނެވެ. އޭނަގެ އަތުން 680 މިލީގްރާމުގެ އައިސް ފެނިފައިވެ އެވެ.

މި މައްސަލައިގައި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ނެގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 14 ދުވަސް ޖަހައިފަ އެވެ.

މީގެ ކުރިން ވެސް މަސްތިވާތަކެއްޗާއި އެ ނޫން ވެސް މައްސަލަތަކުގައި އަވައްޓެރި ލަންކާ އިން ދިވެހިން ހައްޔަރުކޮށްފައިވެ އެވެ. ގިނަ ދިވެހިންތަކެއް ލަންކާ އަށް ދަތުރުކުރާ އިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.