Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝަބާނާ އަށް ސްވައިން ފްލޫ ޖެހިއްޖެ

އިންޑިއާގެ ދަރިވަރުން ކުރަމުން އަންނަ މުޒާހަރާތަކަށް ތާއީދުކޮށް، ބައިވެރިވަމުން ވެސް އަންނަ އެ ގައުމުގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ އަށް ސްވައިން ފްލޫ (އެޗް1އެން1) ޖެހިގެން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ މިއަދު ބުނީ އެ ބައްޔަށް ފަރުވާ ހޯދަން ޖެހުނީ އިއްޔެ މުމްބާއީގެ ޝިވާޖީ ޕާކްގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިފައި ވަނިކޮށް ކަމަށެވެ. އެކަމަކު ސްވައިން ފުލޫ ޖެހުނުކަން އެނގުމާ ގުޅިގެން ޑޮކްޓަރުން މިހާރު އިރުޝާދު ދީފައި އޮތީ ކުރިއަށް އޮތް ފަސް ދުވަހު އެކަހެރިވެގެން ހުންނަން ކަމަށް ޝަބާނާ ބުންޏެވެ.

އޭނަ ބުނީ އިއްޔެގެ މުޒާހަރާގައި ބައިވެރިނުވެވުނީތީ ދެރަވާ ކަމަށެވެ. އެކަމަކު ދަރިވަރުންގެ ހައްގުގައި އަބަދު ވެސް ސާބިތުވެ ހުންނާނެ ކަމަށާއި އެ މީހުންގެ ހައްގުތައް ކަށަވަރު ކުރަން ކުރާ މަސައްކަތަށް އަބަދު ވެސް އަޑު އުފުލުގައި ދެމިހުންނާނެ ކަމަށް މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ އަންހެނުން ބުންޏެވެ.

މިހާތަނަތަށް އެތައް ފިލްމެއް ކުޅެ، ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ޝަބާނާ، 75، ގެ ދެ ފިލްމެއް އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވެ އެވެ. އެއީ އޮގަސްޓް 14 އަށް ތާވަލުކޮށްފައި އޮތް ސަނީ ޑިއޯލްގެ 'ބަޓްވާރާ 1947' އާއި އިމްރާން ހާޝިމީގެ 'އާވާރާޕަން 2' އެވެ.