ގައުމާ ހަވާލުވެވަޑައިގަތް ފަހުން ނިދިކުރައްވަން މިހާރު ލިބިވަޑަައިގަންނަވަނީ އެންނެ ތިން ގަޑިއެއްހާ އިރު ކަމަށް ޖަޕާންގެ ބޮޑުވަޒީރު ސަނައީ ޓަކައިޗީ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ގައުމު ހިންގެވުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެހެންވެ ޒިންމާތަކަށް ދޭ އަހައްމިޔަތާއި ވަގުތަށްޓަކައި އަމިއްލަ ޒަރޫރީ ކަންކަން ވެސް ކުރައްވަން ލިބިވަޑައިގަންނަވަނީ ވަރަށް މަދު ވަގުތުކޮޅެއް ކަމަށް ޓަކައިޗީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ގޮތުގައި ވަކިން ހާއްސަކޮށް ހަފުތާގެ މަސައްކަތުގެ ދުވަސްތަކުގައި ވަރަށް ބިޒީކޮށް އުޅުއްވަން ޖެހިވަޑައިގަތުމުން ގެއަށް ވަޑައިގެން އަމިއްލަ ކަންކަން ކުރައްވަން އެންމެ އެކަށީގެންވާ ވަގުތު ލިބުމަކީ މިހާރު ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެގޮތުން ރޭގަނޑުގެ ވަރަށް ދަންވަންދެން ވެސް ބޮޑުވަޒީރުގެ އޮފީހުގެ ލިޔެކިޔުންތައް މުތާލިއާ ކުރެއްވުމާއި އަނެއް ދުވަހުގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން ގިނަ ވަގުތު ހޭދަކުރައްވަން ހޭދަކުރައްވަން ޖެހިވަޑައިގަތުމުން ނިދިކުރައްވައި އަރާމު ކުރައްވަން ލިބިވަޑައިގަންނަވަނީ ވަރަށް ވެސް މަދު ވަގުތުކޮޅެއް ކަމަށް ޓަކައިޗީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ލިބިވަޑައިގަންނަވާ ކުޑަ ހުސް ވަގުތުކޮޅުގެ ތެރޭގައި އާންމުކޮށް ކުރައްވާ ކަމަކީ އަންނައުނު ދޮންނެވުމާއި އިސްތިރި ކުރެއްވުމާއި ހަލާކުވެފައި ހުންނަ އަންނައުނު އަލުން ތުރުކުރެވޭ ގޮތަށް ހެއްދެވުން ކަމަށެވެ.
ޓަކައިޗީގެ މި ވާހަކަތަކާ ގުޅިގެން ބޮޑުވަޒީރަކީ ކިހާ ޕްރެޝަރެއް އޮތް ބޭފުޅެއްކަން އެނގޭ ކަމަށް ބުނެ ގިނަ ބަޔަކު މިހާރު އަންނަނީ އެ ވާހަކަ ވަރަށް ބޮޑަށް ދައްކަމުންނެވެ.
މިހާރު އުމުރުން 65 އަހަރުގެ ޓަކައިޗީ ޖަޕާންގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ޖަޕާންގެ އަޔަން ލޭޑީގެ ގޮތުގައި ވެސް ސިފަކުރާ ޓަކައިޗީ އަކީ އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.