ޓެންސެންޓްގެ އިރުޝާދާ އެކު މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނުން ރާއްޖޭގައި އިންތިޒާމުކުރާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ހަމަޖައްސައިފި އެވެ.
މި މުބާރާތަކީ ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ ޓީމެއް ހޮވަން ބާއްވާ މުބާރާތެކެވެ. މި މުބާރާތަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
މުބާރާތް ކުރިއަށް ދާނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ޖުލައި 24-26 އަށް "އިން-ގޭމް ކޮލިފައިންގް" ސްޓޭޖް 2 އޮންލައިންކޮށް ކުރިއަށްދާ އިރު، އަންނަ މަހުގެ 3-7 އަށް "ނޭޝަނަލް ނޮކްއައުޓްސް-ސަވައިވާސް ސާކަލް" އޮންލައިންކޮށް ކުރިއަށް ދާނެ އެވެ.
މުބާރާތުގެ ފޯރިގަދަ "ލޭން ނޭޝަނަލް ފައިނަލްސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13-15 އަށެވެ.
މި މަރުހަލާގައި ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެއެވެ.
ޕާޓްނަޝިޕްއާ ގުޅޭގޮތުން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒު ވިދާޅުވީ، ގޭމިންގަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން، އެއީ ޒުވާން ހުނަރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫން އަބަދުވެސް ދެމިއޮންނާނެ. ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ އަދުނާން ވިދާޅުވީ، ރާއްޖޭގައި ގޭމިން އަށް ހާއްސަ ޕްލެޓްފޯމެއް ތައާރަފުކުރި ފުރަތަމަ ބްރޭންޑުގެ ހައިސިއްޔަތުން، އޫރީދު އަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމަގައި އިސްދައުރެއް އަދާކުރަމުންދާ ކުންފުންޏެއް ކަމަށެވެ.
އަދި ކުރިއަށް އޮތް މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އޫރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ އެވެ.