އަބޫ ނަޖީޙު އަލްޢިރްބާޟު ބިން ސާރިޔާ -رضي الله عنه- ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ;ރަސޫލު ﷲ ﷺ ތިމަންމެންނަށް ވަރަށް އަސަރުގަދަ ވަޢުޡެއް އިއްވެވިއެވެ. އެވަޢުޡުގެ ސަބަބުން ހިތްތައް ބިރުވެތިވެ، ލޯތަކުން ކަރުނަ އޮހޮރުނެވެ. ދެން ތިމަންމެން ދެންނެވީމެވެ: އޭﷲގެ ރަސޫލާއެވެ! މިއީ ވަދާޢުވާ މީހަކު ދޭފަދަ ވަޢުޡެކެވެ. އެހެންކަމުން އަޅަމެންނަށް ވަޞިއްޔަތެއް ކުރައްވާށެވެ!
ޙަދީޘްކުރެއްވިއެވެ: ;ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވުމަށާއި، ކިޔަމަންތެރިކަން އަދާކުރުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތް ކުރައްވަމެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ވެރިކަންކުރަނީ އަޅަކު ކަމުގައި ވިޔަސްމެއެވެ.
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދިރިހުރި މީހަކަށް ގިނަގުނަ ޚިލާފުތަކެއް ފެންނާނެއެވެ. ފަހެ، އެހިނދު ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ދެކެވަޑައިގެން ތިއްބެވި ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި އެސުންނަތުގައި ކޮލު ދަތްތަކުން ބާރަށް ހިފަހައްޓާށެވެ. އަދި ދީނުގެ ތެރެއަށް އަލަށް އުފައްދާ ކަންތައްތަކުން (ބިދުޢަތަކުން) ދުރުހެލިވާށެވެ.
ހަމަކަށަވަރުން ކޮންމެ އާ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.; (ރިވާކުރެއްވީ އަބޫ ދާއޫދު އަދި ތިރްމިޛީ، އަދި މިއީ ޙަސަން ޞަޙީޙް ޙަދީޘެއް ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ).
އިސްލާމްދީނުގެ ފަތިހުން ފެށިގެން، ބިދުޢަވެރިން ވަނީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިންނާއި ދެކޮޅަށް ޢަދާވާތްތެރިކަން ފާޅުކޮށްފައެވެ. އަހުލުއްސުންނާ އާއި ދެކޮޅަށް އެންމެ ބޮޑު ދުޝްމަނުކަމެއް ދެއްކީ ބާޠިނީ ފިރުޤާތަކުގެ މީހުންނެވެ. އެބައިމީހުންނަކީ އިހުޒަމާނުގައްޔާއި މިހާރުވެސް ދުޝްމަނުކަމާއި ޢުދުވާނުގެ
އަސްލެވެ. ތާރީޚީ ހާދިސާތައް މިކަމަށް ހެކިދެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ހާދިސާއަކީ، ހިޖުރައިން ތިންވަނަ ޤަރުނުގައި އަބޫ ޠާހިރު އަލްޤަރާމިޠީ މައްކާގެ ޙައްޖާޖީންނަށް ދިން ހަމަލާއެވެ. އެއީ މަސްޖިދުލް ޙަރާމްގެ ތެރޭގައި ހިނގި އެންމެ ބޮޑު ޤަތުލުޢާއްމެވެ. އެހާދިސާގައި ޙަރަމްފުޅު ތެރޭގައި އެކަނިވެސް ތިރީސް ހާހަށް ވުރެ ގިނަ މީހުން މަރާލެވުނެވެ.
ޢައްބާސީ ޚިލާފަތް ވެއްޓިގެން ދިޔައީވެސް މޮންގޯލުންނާ ގުޅިގެން މިބައިމީހުންވީ ޚިޔާނާތުގެ ސަބަބުންނެވެ.
ބާޠިނީންގެ ހިތްތަކުގައި އަހުލުއްސުންނާ އާއި މެދު ވަރަށް ބޮޑު ނަފުރަތާއި ރުޅިވެރިކަމެއްވެއެވެ. މި ނަފުރަތުން ރިގެންވާ ބާޠިނީންނަކީ ބިންމަތީގައިވާ އެންމެ ނުބައި، އަދި އިސްލާމްދީނާއި މުސްލިމުންނަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. މިޒަމާނުގައި އަހުލުއްސުންނާގެ މައްޗަށް އޮތް އެންމެ ނުބައި އެއް ފިރުޤާއަކީ ޙޫޘީންނެވެ. މިހަރަކާތް އުފެދިގެން އައީ މީލާދީން 1990 ގެ އަހަރުތަކުގެ ކުރީކޮޅު، ޔަމަނުގެ ޞަޢުދާ ޕްރޮވިންސުންނެވެ. އެއީ ;އައްޝަބާބުލް މުއުމިން; (އީމާންތެރި ޒުވާނުން) ގެ ނަމުން ފެށިގެން އައި ޖަމާޢަތެކެވެ. މިޖަމާޢަތް އުފެއްދި އެންމެ އިސް މިހަކީ ބަދުރުއްދީން އަލްޙޫޘީއެވެ. އޭގެ ފަހުން އެޖަމާޢަތުގެ ރިޔާސަތާ ޙަވާލުވީ އޭނާގެ ދަރި ޙުސައިން ބަދުރުއްދީން އަލްޙޫޘީއެވެ.
ޔަމަނުގެ ދެބައި އެއްވެ، ގިނަ ސިޔާސީ ޕާޓީތަކަށް ފުރުޞަތު ހުޅުވިގެން ދިޔުމާއެކު، ޒައިދީންގެ ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި މިޖަމާޢަތަށް ޔަމަނުގެ މަޖިލިސް (މަޖިލިސުއް ނައްވާބު) އިން ގޮނޑިއެއް ލިބުނެވެ. އެ ދުވަސްވަރު ޒައިދީ ޢިލްމުވެރިންނާއި ބަދުރުއްދީން އަލްޙޫޘީއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއްއުފެދި، ގުޅުން ކެނޑިގެން ދިޔައެވެ. އެއީ ޒައިދީ މަޛްހަބާ ޚިލާފަށް ހޫޘީ ގެންގުޅުނު ބައެއް ފިކުރުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި، ޝީޢީ އިމާމީ (އިސްނާ ޢަޝަރީ) މަޛްހަބަށް އޭނާ ކުރި ވަކާލާތާއި، އެމަޛްހަބަށް ބުރަވުމާއި، އެބައިމީހުންގެ ބައެއް ޢަޤީދާތަކަކީ ޞައްޙަ އެއްޗެއްގެ ގޮތުގައި ދެއްކުމަށް ކުރި މަސައްކަތް ހިމެނެއެވެ. މިކަމާ ގުޅިގެން ޒައިދީ ޢިލްމުވެރިން ބަޔާނެއް ނެރެ، ހޫޘީއާއި އޭނާގެ ފިކުރުތަކާއި އެމީހުންނާއި އެއްވެސް ގުޅުމެއް
ނެތްކަން ހާމަކުރިއެވެ.
އެހިސާބުން ހޫޘީ އީރާނަށް ހިޖުރަކުރަން މަޖުބޫރުވިއެވެ. އެތަނުގައި އޭނާ އެތައް އަހަރެއް ވަންދެން ދިރިއުޅުނެވެ. އެ ދުވަސްވަރު އޭނާގެ ފިކުރުގެ ތެރެއަށް ;ޞަފަވީ; ޢަޤީދާތައް ވަދެ، ޝިޔަޢީ އިމާމީ މަޛްހަބަށް އޮތް ޔަޤީންކަން އިތުރުވިއެވެ. 2002 ވަނަ އަހަރު އޭނާ އެނބުރި ޤައުމަށް އައިސް، އައު ފިކުރުތަކެއް ކިޔަވައިދޭން ފެށިއެވެ. އޭގެ ތެރޭގައި: ނަބިއްޔާ ﷺ ގެ ޞަޙާބީންނަށް ލަޢުނަތްދީ ކާފަރުކުރުމާއި، ;ޚުމުސް; (މުދަލުގެ ފަސްބައިކުޅަ އެއްބައި) ނެގުން ވާޖިބުކުރުން ފަދަ ޝީޢީ އިމާމީ މަޛްހަބުގެ ކަންކަން ހިމެނެއެވެ.
ހަމައެއާއެކު، ޔަމަނުގެ ކުދިން އީރާނުގެ ;ޤުމް; އަށާއި ޢިރާޤުގެ ;ނަޖަފް; އަށް ތަޢުލީމު ހާސިލުކުރަން ފޮނުވަން ފެށިއެވެ. އެތަންތަނުން އެކުދިންގެ ސިކުނޑިތަކަށް ވައްދައި ދިނީ ;އިމާމް މުންތަޡަރު; (އިންތިޒާރު ކުރެވޭ އިމާމް) ގެ ނައިބެއްގެ ގޮތުގައި ހުންނަ ;ވަލިއްޔުލް ފަޤީހު; ގެ ވެރިކަން ފިޔަވައި އެހެން ކޮންމެ ސަރުކާރަކީ ބާޠިލު، ޣައިރު ޤާނޫނީ ސަރުކާރެއް ކަމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ޔަމަނުގެ ސަރުކާރާއި ދެކޮޅަށް
އުފެދުނު ނުރުހުމާއި އިންގިލާބީ ފިކުރުގެ ސަބަބުން ފަސް ހަނގުރާމައެއް ހިނގައި، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ޔަމަނަށް ލިބުނެވެ.
އެހެންކަމުން ޙޫޘީންނަކީ އީރާނުގެ ޚުމައިނީ އިންޤިލާބަށް އެހީތެރިވާ ބައެއްގެ ގޮތުގައި ވެގެންދިޔައެވެ. އެމީހުން ޔަމަނުގެ އިޤްތިޞާދީ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގައި، އީރާނުގެ އެހީތެރިކަމާއެކު މީހުންގެ ފަޤީރުކަން ބޭނުންކޮށްގެން އެމީހުންގެ ފިކުރު ފެތުރިއެވެ.
ޔަމަނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދިޔަ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިތަކާއި، އީރާނުގެ ޞަފަވީންގެ ފަރާތުން ލިބުނު އަސްކަރީ އަދި މާލީ އެހީތެރިކަމަކީ، މަދު އަހަރުތަކެއްގެ ތެރޭގައި މި ހަރަކާތް މިހާ ބޮޑަށް ފާހަގަވެގެން ދިޔުމުގެ މައިގަނޑު ސަބަބުތަކެވެ. މީގެ އިތުރުން، ;އެމެރިކާއަށް މަރު;އިސްރާއީލަށް ލަޢުނަތް; ފަދަ އޮޅުވާލުންތެރި ޝިއާރުތަކުގެ ސަބަބުން ޔަމަނުގެ ގިނަ ބައެއްގެ ހަމްދަރުދީ އެބައިމީހުން ހޯދިއެވެ. މިއީ އަނިޔާ ލިބެމުންދާ އިސްލާމީ އުއްމަތުގެ އިހުސާސްތަކާ ކުޅެލައިގެން މީހުންގެ ލޯބި ހޯދުމަށް ;ރާފިޟީން; ބޭނުންކުރާ އުކުޅެކެވެ.
ހޫޘީންގެ ޢަޤީދާ އަށް ބަލާއިރު، ފިކުރުގެ ބާތިލުކަމާއި ޢަޤީދާގެ މަގުފުރެދުން އޭގެ އެންމެ ސާފު ސިފައިގައި ފެންނަން އެބައޮތެވެ. މި ހަރަކާތުގެ އަސްލު ގުޅިފައިވަނީ ޒައިދީންގެ ގޮފިތަކުގެ ތެރެއިން އެންމެ ހައްދުފަހަނައަޅާފައިވާ ;ޖާރޫދިއްޔާ; ފިރުޤާއަށެވެ. އެބައިމީހުންގެ ޢަޤީދާއަކީ، ނަބިއްޔާ ﷺ ސީދާ ނަންފުޅު ވިދާޅުނުވި ނަމަވެސް، ސިފަކޮށް ދެއްވުމުގެ ތެރެއިން ޢަލީގެފާނު އިމާމަކަށް (ޚަލީފާއަކަށް) އިސްކުރެއްވި ކަމަށާއި، ޢަލީގެފާނަށް ބައިޢަތު ނުހިފުމުގެ ސަބަބުން ޞަޙާބީން ކާފަރުވި ކަމަށް ބުނުމެވެ. މަގުފުރެދިފައިވާ ބަދުރުއްދީން އަލްޙޫޘީ އޭނާގެ ފޮތް ;އިރުޝާދުއް ޠާލިބު; ގެ 16 ވަނަ ސަފުޙާގައި ލިޔެފައިވެއެވެ:
;ރަސޫލުﷲ ﷺ އަށްފަހު ވެރިކަން (ވިލާޔަތު) އޮތީ ޢަލީގެފާނަށެވެ. އެކަލޭގެފާނުގެ ކުރިން އިސްވި އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނުގެ ވެރިކަން ޞައްޙައެއް ނޫނެވެ. އަދި އެބޭފުޅުންގެ މައްޗަށް އުއްމަތް އިޖުމާޢުވުންވެސް ޞައްޙައެއް ނޫނެވެ. މީސްތަކުން އެކަމާ ރުހުނަސް ނުރުހުނަސް މެއެވެ.; އަދިވެސް ބަދުރުއްދީން އަލްޙޫޘީ ބުނެފައިވެއެވެ: ;ތިމަންނާ އަމިއްލައަށް އެބައިމީހުން (ޞަޙާބީން) ކާފަރުކުރުމަށް އީމާންވަމެވެ.; އަދި އޭނާގެ ދަރިފުޅު ޙުސައިން އަލްޙޫޘީ ބުނެފައިވެއެވެ: ;ޔަމަނުގެ އެތެރެ އާއި ބޭރުގައި ތިބި ސުންނީންގެ އިހުސާސްތަކަށް އިޙްތިރާމް ކުރުމުގެ ގޮތުން، އަބޫބަކުރުގެފާނާއި ޢުމަރުގެފާނަކީ ކުށްވެރި، އުރެދިފައިވާ، މަގުފުރެދިފައިވާ ބައެއް ކަމަށް ޤަބޫލުކުރާ ޙާލު، ތިމަންމެން ހަނުހުރީމެވެ ; އޭނާ އިތުރަށް ބުނެފައިވެއެވެ: ;މުޢާވިޔަތުގެފާނަކީ ޢުމަރުގެފާނުގެ ނުބައިކަމުގެ ތެރެއިންވީ ކަމެކެވެ. އަދި އަބޫބަކުރުގެފާނާއި ޢުޘްމާނުގެފާނަކީ ވެސް އޭނާގެ ނުބައިކަމުގެ ތެރެއިންވީ ބައެކެވެ.; މިބައިމީހުން ޚާއްޞަކޮށް ޢުމަރުގެފާނަށް މިހާ ބޮޑަށް ނަފްރަތުކުރާ ސަބަބަކީ، ފާރިސީންގެ (ޕާޝިއަނުންގެ) އަލިފާނަށް އަޅުކަންކުރާ މަޖޫސީންގެ ބާރު ކަނޑުވާލައްވައި، ފާރިސީ ރަސްކަން ބިންމާ ހަމަކުރެއްވީ ޢުމަރުގެފާނު ކަމަށް ވުމެވެ.
މިހަރަކާތަކީ ހަމައެކަނި ނިގުޅައިގަނެވިފައިވާ ޙައްޤުތަކަކަށް ވަކާލާތުކުރާ، ސިޔާސީ އިދިކޮޅު ހަރަކާތެއްގެ ގޮތުގައި ބެލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މިޝީޢީ ބާޠިނީ ހަރަކާތުގެ ފަހަތުގައިވާ ޢަޤީދާގެ އަސާސްތައް ދޫކޮށްލުމަކީ ބޮޑު ކުށްހީއެކެވެ. މުސްލިމުންގެ ތާރީޚުގައި ޤަރާމިޠާއިންނާއި، ޢުބައިދީންނާއި، ޞަފަވީން ފަދަ ޝީޢީ ހަރަކާތްތަކުގެ ސަބަބުން އިސްލާމީ އުއްމަތަށް ލިބުނު ބޮޑެތި ގެއްލުންތަކާއި، އުފެއްދި ދާޚިލީ ހަމަނުޖެހުންތައް ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިހަރަކާތަކީ މުޅި ދުނިޔެއަށް ޝީޢީ އިންގިލާބު ފެތުރުމަށް ގޮވާލާ ޞަފަވީ ފިކުރުގެ ގޮފިގަނޑެކެވެ.
ކޮންމެ މީހަކަށް ވެސް އެނގޭ ފަދައިން، އަދި ތާރީޚު ހެކިދޭ ފަދައިން، ރާފިޟީންނަކީ އިސްލާމީ އުންމަތާއިއެކު ދުވަހަކުވެސް ސާފު ސޮފްހާއެއް އޮތް ބައެއް ނޫނެވެ. ތާރީޚުގައި އެމީހުންގެ ފާހަގަކޮށްލެވޭ ފަތަޙައެއް ނެތެވެ.
އޭގެ ބަދަލުގައި އެމީހުންނަކީ މުޅި އުންމަތުގެ ބުރަކަށްޓަށް ހަރާލެވޭ ވަޅިއެއް ފަދަ ބައެކެވެ.
ތާރީޚާ ސުވާލުކޮށްބަލާށެވެ: ޢުމަރުގެފާނަށްފަހު، ޞަލީބީންނަށް ޤުދުސް ހަވާލުކުރީ ކޮންބައެއް ހެއްޔެވެ؟ ޙަޖަރުލް އަސްވަދު ވަގަށް ނަގައި، ބާވީސް އަހަރު ވަންދެން އެ ހިފަހައްޓައިގެން ތިބީ ކޮންބައެއް ހެއްޔެވެ؟ އިސްލާމީ ޢައްބާސީ ޚިލާފަތް ވެއްޓުމުގެ ސަބަބަކަށްވީ ކޮންބައެއް ހެއްޔެވެ؟ ވިލާތުގެ މެދުތެރޭގައި ޢުޘްމާނީ ފަތަޙަތަކަށް ހުރަސްއަޅައި، ފަހަތުން ހަމަލާދިނީ ކޮންބައެއް ހެއްޔެވެ؟ މިއީ ފިތުނަވެރިކަމާއި، މަކަރުވެރިކަމާއި، ޚިޔާނާތުގެ ދިގު ސިލްސިލާއެކެވެ.
މިއީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ މީހުން މެރުމަށްޓަކައި ;މަރުގެ ފައުޖުތައް; އުފެއްދި ބާތިނީ ރާފިޟީ ހަރަކާތްތަކެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ: ;އީރާނުގެ އެހީތެރިކަން ނެތްނަމަ، އެމެރިކާއަށް ޢިރާޤާއި އަފްޣާނިސްތާނެއް ހިފައެއް ނުލެވުނީހެވެ.; ޝިޔަޢީ ޙޫޘީން އެންމެ ބޮޑު ޢަދާވާތްތެރިކަމެއް އެބައެއްގެ މައްޗަށް ފާޅުކުރާ ބަޔަކީ ސަޢޫދީޢަރަބިއާއެވެ.
މި ފިތުނަވެރި ޖަމާޢަތުން ސައުދީ ޢަރަބިއްޔާއަށް ރޮކެޓާއި، ބެލިސްޓިކް މިސައިލާއި، ޑްރޯން އެތައް ހަމަލާތަކެއްދީފައިވެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ ސަޢޫދީ ޢަރަބިއާއަކީ އަހްލުއް ސުންނާ ވަލްޖަމާޢަތުގެ ޒަމާނީ މައިތަނބުކަމުގައިވުމެވެ. ޙޫޘީންގެ ރާފިޟީ ބާތިނީ ޢަޤީދާތައް ފަޟީޙަތްކޮށް، އެބައިމީހުންގެ ޙަޤީޤަތް މުސްލިމުންނަށާއި ދުނިޔެއަށް ބަޔާންކޮށްދޭ ބަޔަކީ ސަޢޫދީ ޢަރަބިއާ ކަމުގައިވުމެވެ. އަދި ޔަމަނުގެ ސުންނީ މުސްލިމުންނަށް ވާގިވެރިވެ، އެހީތެރިކަން ފޯރުކޮށް ދެމުންދާކަމަށްޓަކަ އެވެ. އެހެންކަމުން
ޙޫޘީން އެބައިމީހުންގެ ބާތިލް ފިކުރު ފެތުރުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަހަކީ ސަޢޫދީ ޢަރަބިއާކަމުގައި ދެކެއެވެ. ސަޢޫދީ ދައުލަތް ވައްޓާލައި، ޤައުމުގެ އަމުނު އަމާންކަން ނަގާލައި، ދެޙަރަމްފުޅަށް ވެރިވެގަނެ، އަހުލުއްސުންނާގެ ޢިލްމުވެރިންނާއި އަހުލުވެރިން ނައްތާލައިގެން ނޫނީ އެބައިމީހުންގެ މަޤްސަދު ފުރިހަމަވާނެ ގޮތެއް ނެތެވެ.
ރާފިޟީ ޙޫޘީންގެ ނުބައިކަމުން އިސްލާމީ ޞައްޙަ ޢަޤިދާ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ:
1. އިސްލާމީ ދުނިޔޭގައި އަހުލުއްސުންނާ ވަލްޖަމާޢަތުގެ މަޛްހަބު ފެތުރުމަށް މަސައްކަތްކުރުމާއި، އެ މަޤްޞަދު ޙާޞިލުކުރުމަށް މުއައްސަސާތަކަށް އެހީތެރިވުމެވެ. އަދި ޚާއްޞަކޮށް ފަޤީރުކަމާއި ނޭނގުންތެރިކަން އޮތް ސަރަޙައްދުތައް، ރަފަޟީންގެ ފިކުރީ ;ވައިރަސް; އިން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމެވެ.
2. މިނުބައި ބާތިނީ ހަރަކާތްތަކުގެ އަޤީދާގެ ނުބައިކަން ހާމަކުރުމެވެ. ސިޔާސީ ދިރާސާތަކުގެ ތެރޭގައި މީޑިއާތަކުން މިކަން ވަނީ ވަރަށް ބޮޑަށް އިހުމާލުކޮށްލާފައެވެ.
3. އިސްލާމީ ދާޢީންނާއި، މީޑިއާގެ ބޭފުޅުންނާއި، ވިޔަފާރިވެރިން ގުޅިގެން، ފިތުނަ އުފައްދާ ޝީޢީ ޗެނަލްތަކާއި ކުރިމަތިލާނެ އިސްލާމީ ޗެނަލްތައް އުފެއްދުމެވެ. މިއަދަކީ މީޑިއާގެ ޒަމާނެވެ. މީޑިއާގެ ހަތިޔާރަކީ އެންމެ ނުރައްކާތެރި އަދި އެންމެ ބާރަށް ފެތުރޭ ވަޞީލަތެވެ.
4. ސުންނީ އިސްލާމީ ޤައުމުތައް އަމިއްލައަށް ބާރުވެރިވުމެވެ. ފާރިސީން ސުންނީ ޤައުމުތަކަށް އޮތް ދަހިވެތިކަން ހުއްޓުވޭނެ ފަދަ ބާރެއް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. ޚާއްޞަކޮށް ދުޝްމަނުން އެމީހުންގެ ހަތިޔާރުތައް ތޫނުކޮށް، ބާރު ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
5. މިބާތިނީ ހަރަކާތްތަކުން ހިންގާ ކޮންމެ ހަމަނުޖެހުމަކާއި، ބިރުވެރިކަމަކާއި، ފިތުނައަކާއި އަސްކަރީ ގޮތުން ހަރުކަށިކޮށް ކުރިމަތިލުމެވެ. އެއީ ބޯޑަރުތަކުގައިވީ ނަމަވެސް ނުވަތަ މުޤައްދަސް ބިނާތަކުގެ ކައިރީގައިވީ ނަމަވެސްމެއެވެ. މި އަމަލުތައް ހިންގާ މީހުންގެ ބާރު މިހާރުން މިހާރަށް ކަނޑާނުލައިފިނަމަ، ކުރިމަގުގައި އެމީހުންގެ ނުރައްކާ މާ ބޮޑުވާނެ އެވެ.
6. ދާޚިލީ ސަފުތައް ބަދަހިކޮށް، ބަސްމަގު އެއްގޮތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިބައިވުން އުފެދޭނެ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. ދީނީ ކަންކަމުގައި ޢިލްމުވެރިންގެ ބަސް އަހައި، ސިޔާސީ ކަންކަމުގައި ވެރިންގެ ބަހަށް އިޙްތިރާމްކުރަން ޖެހެއެވެ.
އަޅުގަނޑުމެންގެ މައްޗަށް އޮތީ، ޙޫޘީންނާއި އެމީހުންގެ އެހީތެރިން ނެތިކުރައްވައި، ޙައްޤުގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށް ނަޞްރު ދެއްވުން އެދި ދުޢާކުރުމެވެ. ސައުދީގެ ސަލާމަތަށް ނުރައްކާވުމަކީ މުޅި އުންމަތަށް ލިބޭ ނުރައްކަލެކެވެ. އެހެންކަމުން އެމީހުންގެ ނުބައި އަޤީދާއާއި މަޤްޞަދުތައް ދެނެގަނެ، އޭގެއިން މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހެ އެވެ.
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒްގެ ލިޔުއްވުމެކެވެ.