ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އާއި ލަންޑަންގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ "ސަސްޓެއިނަބަލް ޓައުންޝިޕެއް" ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއު ހިންގަން ނިންމާފައި ވަނީ "ތާ އައިލެންޑް ކްލަސްޓަ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގަ އެވެ. މި މަލްޓި-އައިލެންޑް އިކޯސިސްޓަމްގައި ސޯލާ އަދި ސްޓޯރޭޖް ނިޒާމުތަކާއި ކަނޑުގެ ހަކަތަ ބޭނުންކުރުމުގެ ޕައިލެޓް ޕްރޮގްރާމްތަކާއި މަތީ ފެންވަރުގެ އިކޯ-ރިސޯޓްތައް ހިމެނެ އެވެ.
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިސް ސްޓްރެޓީޖިކް އިރުޝާދު ދެނީ އެމެރަލްޑް ގްރޫޕްގެ ޗެއާމަން ޑރ. ސައިލޭޝް ލާޗޫ ހިރަނަންދާނީ އެވެ. މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތެއް ރާއްޖޭގައި އިސްކޮށް ބަލަހައްޓަވާނީ ބްލޫ ސިނަޖީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. އޭނަ އަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރެކެވެ.
ފަޔާޒް ވިދާޅުވީ މިއީ ތިމާވެއްޓާ ރައްކާތެރި އަދި އަމިއްލައަށް ހަކަތަ އުފައްދާ (ނިއާ-ނެޓް-ޒީރޯ) ޖަޒީރާ މުޖުތަމައުތަކަށް ނަމޫނާއަކަށް މަޝްރޫއަކަށް ވާނެ ކަމަށެވެ.
މި ޖޮއިންޓް ވެންޗާ ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ސަންޖޭ ޝްރަވަން އެވެ. އަދި އޮޕަރޭޝަނަލް މަސައްކަތްތަކުގައި އެހީތެރިވެ ދެއްވަނީ މަހެންދުރަ ޖޯޝީ އެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ނ. އަތޮޅުގައި ވެސް ޓައުންޝިޕެއް ތަރައްގީ ކުރަން މި އަހަރުގެ ޖެނުއަރީގައި ބިންގާ އަޅާފައިވެ އެވެ. އެ މަޝްރޫއު ހިންގަނީ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' ގެ ނަމުގަ އެވެ. އެ މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއު އެވެ.
ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މަޝްރޫއު ކުރިއަށްގެ ގެންދަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގަ އެވެ. މިއީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމެންޓެކެވެ.
އެ ޓައުންޝިޕް 2028 ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް އޮތީ އަމާޒު ހިފައިފަ އެވެ.