އައްޑޫ ސިޓީ ކައުންސިލުން ދާދިފަ ހުން ވަނީ މުނިފޫހިފިލުވުމާއި ރިކްރުއޭޝަނަލް ޚިދުމަތްތައްދޭ މަރުކަޒެއް އެ ސިޓީގެ ސަވާހިލީގައި ތަރައްޤީކުރުމަށާއި، ހިންގުމަށާއި އަދި ބެލެހެއްޓުމަށް އާންމު ބީލަމަށް ހުޅުވާލާފައިވާކަން އިޢުލާނުކޮށްފައެވެ. މިއީ ހަމައެކަނި ތަރައްޤީގެ އާދައިގެ މަޝްރޫޢެއް ނޫނެވެ. މިއީ އައްޑޫގައި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަށާއި، ދާއިރާގެ ވިޔަފާރިތަކަށް ދިރުންދިނުމަށާއި، އަދި މުޖުތަމަޢު ބައިވެރިވާ ފަތުރުވެރިކަން (ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް) ވަރުގަދަކުރުމަށްޓަކައި އެތައް ދުވަހަކަށް އިންތިޒާރުކުރެވުނު ފުރުޞަތެކެވެ.
ފޭދޫ ޓޫރިޒަމް ޒޯނުގެ ކުރިމަތީގައި އޮންނަ ސަވާހިލިއަކީ، ސިޓީގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ، މުނިފޫހިފިލުވުމުގެ ދިރުންހުރި މަންޒިލަކަށް ވުމުގެ ޤާބިލުކަން ލިބިފައިވާ ރަށެކެވެ. މިއީ ޒުވާނުންނަށް މާނަހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އަދި ފަތުރުވެރިކަމުގެ އިޤްތިޞާދީ ފައިދާ ދާއިރާގެ މުޖުތަމަޢުގެ ތެރޭގައި ހިފެހެއްޓޭނެކަން ކަށަވަރުކޮށްދޭނެ ފަދަ މަޝްރޫޢެއް ހިންގިދާނެ ތަނެކެވެ. އައްޑޫ ސިޓީ ކައުންސިލް އިން އިސްނަންގަވައިގެން ފެއްޓެވީ އެ މަސައްކަތް ކުރާށެވެ.
ނަމަވެސް، އައްޑޫގެ ރައްޔިތުން އެމީހުންގެ މުސްތަޤްބަލާ މެދު އުންމީދުތަކެއް ކުރަން ފެށިތަނާހެން، ސަރުކާރުން މިވަނީ އެ މަޝްރޫޢުގެ ތެރެއަށް ވަދެފައެވެ. އެއީ މަޝްވަރާގެ އުޞޫލަކުން ނޫނެވެ. ނަމަވެސް މަތިން ތިރިއަށް އެއްފަރާތުން ނިންމި ނިންމުމެއްގެ ޒަރީޢާއިންނެވެ. އައްޑޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމެއްނެތި، ޑިމޮކްރެޓިކް އުޞޫލުން އިންތިޚާބުކޮށްފައިވާ ސިޓީ ކައުންސިލާ މަޝްވަރާކުރުމެއްނެތި، އަދި ލާމަރުކަޒީ ނިޒާމުގެ އަސާސްތަކަށް އިޙްތިރާމްކުރުމެއްނެތި، ސަރުކާރުން މިވަނީ ސަވާހިލި، އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކޮށްފައެވެ.
މި ނިންމުމަކީ ހަމައެކަނި އިދާރީ އިމުގެ މައްސަލައެއް ނޫނެވެ. މިއީ މުޖުތަމަޢަކަށް އެ މުޖުތަމަޢެއްގެ މުސްތަޤްބަލް އަމިއްލައަށް ކަނޑައެޅުމަށް ލިބިގެންވާ ޙައްޤާ ގުޅިފައިވާ ކަމެކެވެ. އައްޑޫގެ ރައްޔިތުން ދާއިރާގެ ކައުންސިލެއް އިންތިޚާބުކުރީ އެމީހުންގެ ނިންމުންތައް އެފަރާތްތަކުގެ އިންތިޚާބީ ކައުންސިލަކުން ނިންމުމަށެވެ. އެ މެންޑޭޓަށް އިހުމާލުވުމަކީ ލޯކަލް ޑިމޮކްރަސީ ބަލިކަށިކޮށްލާ ކަމެކެވެ. އަދި ސިޔާސީ ގޮތުން ފަސޭހަ ކޮންމެ ވަގުތެއްގައި ރައްޔިތުންގެ އަޑު އެއްފަރާތްކޮށްލެވިދާނެކަމުގެ ބިރުވެރި މެސެޖެއް މީގެއިން ލިބިގެންދެއެވެ.
ތަރައްޤީގެ މަޝްރޫޢުތައް ހިންގަންވާނީ މުޖުތަމަޢުތަކާ ގުޅިގެންނެވެ، މުޖުތަމަޢުގެ ބޯމަތީގައި ފަތުރާލާ ބާރެއްގެ ގޮތުގައެއް ނޫނެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަން ބިނާވަނީ ދާއިރާގެ ބައިވެރިވުމާއި، ހާމަކަން ބޮޑުވުމާއި، އަދި އާންމުންގެ އިތުބާރުގެ މައްޗަށެވެ. އެ އަސާސްތައް ދޫކޮށްލުމުން، ސަރުކާރުގެ ނިންމުންތަކަށް އޮންނަ އިތުބާރު ލަސްތަކެއްނެތި ބަލިކަށިވެގެންދާނެއެވެ.
އައްޑޫގެ ރައްޔިތުން އެދެނީ ޚާއްޞަ އިނާޔަތްތަކަކަށް ނޫނެވެ. އެފަރާތްތަކުން އެދެނީ އިޙްތިރާމަށެވެ. އެއީ އެފަރާތްތަކާ މަޝްވަރާކުރުމުގެ އިޙްތިރާމަށާއި، އަމިއްލަ ކަންކަން އަމިއްލައަށް ބެލެހެއްޓުމުގެ އިޙްތިރާމަށާއި، އަދި އަމިއްލަ ރަށްތަކުގެ ތަރައްޤީއިން ފައިދާ ލިބިގަތުމުގެ އިޙްތިރާމަށެވެ.
ސަރުކާރުގެ ނިންމެވުން ވަގުތުން އަނބުރާ ގެންދަވައި، ސަވާހިލި އަލުން އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއަށް އިޢާދަކުރައްވަން ޖެހެ އެވެ. އައްޑޫގެ ފަތުރުވެރިކަމުގެ މުސްތަޤްބަލް ބައްޓަން ކުރަންވާނީ އެތަނުގައި ދިރިއުޅޭ، މަސައްކަތްކުރާ އަދި އޭގެ ކާމިޔާބީއަށް އުންމީދުކުރާ ރައްޔިތުން އެދޭ ގޮތެއްގެ މައްޗަށެވެ. ދުރުގައި ތިބެގެން މަޖުބޫރުކުރާ ނިންމުންތަކަކުން ނޫނެވެ.
އައްޑު އަކީ ނިދާފައިވާ ބިޔަ ޤާބިލިއްޔަތެކެވެ. އައްޑޫގައި މަދުވެގެން މިއުޅެނީ ޤާބިލިއްޔަތެއް ނޫނެވެ. އޭގެ ބަދަލުގައި، ދިވެހިރާއްޖެއަށް މަދުވެގެން މިއުޅެނީ އައްޑޫގެ ޤާބިލިއްޔަތުކަން ޙަޤީޤަތަކަށް ހެދުމުގެ ޢަޒުމާއެކު ތެދުވާނެ ވެރިއެކެވެ. މިއީ އައްޑޫއަށް ދުނިޔޭގެ މުހިންމު މަންޒިލެއްގެ ދަރަޖަ ހޯދައިދޭންވީ ވަގުތެވެ. މިހާރު އެކަން ނުކުރެވިއްޖެނަމަ، އައްޑޫގެ ފަތުރުވެރިކަމުގެ 'އިބްތިދާއީ މަރުޙަލާ' ދާއިމީ ޙާލަތަކަށް ވެގެންދާނެއެވެ. އަދި އެފަދަ ކަމެއް ވެގެންދާނީ އެ އަތޮޅުގެ ރައްޔިތުންނާއި، ޤައުމީ ތަރިކައާއި، އަދި އާދަޔާޚިލާފު ޤުދުރަތީ ހަދިޔާތަކަށް ދެވޭ ބޮޑު އަނިޔާއަކަށެވެ. އައްޑޫ ވަރުގަދަވުމަކީ މުޅި ދިވެހިރާއްޖެ ވަރުގަދަވުމެވެ.
ސުވާލަކީ، މި ޤާބިލިއްޔަތުކަން ހޭލައްވާލުމަށް ދިވެހި ސަރުކާރުން ބޭނުންނުވެގެން އުޅެނީ ކީއްވެގެންތޯ އެވެ؟