Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ބޭރުގައި ދިވެހިން ކުރާ ހޭދަ ސާވޭ ފަށައިފި

ދިވެހިން ރާއްޖެ އިން ބޭރަށްދާ ދަތުރުތަކުގައި ކުރާ ހޭދަ ބަލަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ ސާވޭ މިއަދު ފަށައިފި އެވެ.

މި ސާވޭ މި މަހުގެ 31 އާ ހަމައަށް ކުރިއަށް ދާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.

ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ހަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ހަރަދުތަކާ ގުޅޭ މައުލޫމާތެވެ. ސާވޭގައި ކުރެވޭ ސުވާލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިޔަ ސަބަބާއި ދަތުރުކުރި ގައުމާއި އެ ދަތުރަށް ޓިކެޓަށް ހޭދަކުރި ވަރާއި ބޭރުގައި ހުރުމާއި ކެއުމަށް ހަރަދުކުރި ވަރުގެ އިތުރުން ދަތުރުގައި ދެން ކުރި އެހެން ހަރަދުތައް ވެސް ހިމެނެ އެވެ.

މި ސާވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭއެއް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

އެތަނުން ބުނީ ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް ސާވޭގައި ބޭނުން ނުކުރާނެ ކަމަށާއި، އަދި، އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ވެސް ހިފަހައްޓާނެ ކަމަށެވެ.

މީގެ ކުރިން ވެސް މި ސާވޭ ހަދާފައިވެ އެވެ.