ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް އެފްއޭއެމުން ނިންމި ނިންމުން އެސޯސިއޭޝަންގެ މެމްބަރު ކުލަބްތަކުން ފާސްކޮށްފިއެވެ.
އެކަން ފާސްކުރީ ރޭ މީރުމާ ހޮޓަލުގައި ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި މައިގަނޑު ދެ ކަމެއް ފާސްކޮށްފައިވެ އެވެ. އެއީ ރީޖަނަލް އެސޯސިއޭޝަން އުފެއްދުމުގެ އިތުރުން އަންހެން ފުޓުބޯޅަ ތަރައްގީ ކުރުމަށް އެކުލަވާލި ހަތަރު އަހަރުގެ ޕްލޭން ފާސްކުރުމެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމި ގޮތަށް ސަރަހައްދީ ހަތަރު އެސޯސިއޭޝަނެއް އުފެއްދުމަށް ފާސްކޮށްފައިވެ އެވެ. އެގޮތުން އެ އެސޯސިއޭޝަންތައް ހަދާނީ، މިހާރު ވެސް ފުޓުބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދައް ބަހާލައިގެން ކުރިއަށް ގެންދާ ފޯމެޓަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
* ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅު
* ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަަތޮޅު
* ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ
* މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށް ހާއްސަ ރީޖަންއެވެ.
ރޭގެ ކޮންގްރެސްގައި އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ރޭ ފާސްކޮށްފައިވެ އެވެ.