ބޮލީވުޑްގެ ކާމިޔާބު ތުރިލާ ފްރެންޗައިޒް 'ކަހާނީ'ގެ ތިިން ވަނަ މި އަހަރު އެންމެ މޮޅި ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި ޔާމީ ގޯތަމްއާ އެކު ހަދަން ނިންމައިފި އެވެ.
ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު ސުޖޯއި ގޯޝް މިހާރު އާ ބަޔަށް ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އެހެންވެ ވަރަށް އަވަހަށް 'ކަހާނީ 3' ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުި ކަހާނީގެ ދެ ބައިގެ ލީޑް ބަތަލާ އަކީ ވިދިއާ ބާލަން އެވެ. އެގޮތުން 2012 ގައި 'ކަހާނީ' ގެނެސްދިނުމަށް ފަހު 'ކަހާނީ 2؛ ދުރުގާ ރާނީ ސިންގް' ގެނެސްދިނީ 2016 ގަ އެވެ. މި ދެ ފިލްމުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ ފުރަތަމަ ބައެވެ. އެންމެ 8 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 104 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
ޖުމްލަ 17 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި 'ކަހާނީ 2' ގެ އާމްދަނީ އަކީ 54.7 ކްރޯޑް ރުޕީސް އެވެ.
ޕިންކްވިލާ އިން ބުނީ ވިދިއާއާ ނުލައި ކަހާނީ 3 ހަދަން ސުޖޯއި ތައްޔާރުވަމުން އަންނަ އިރު، ކުރީގެ ދެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމަ އަދި ޝައުގުވެރި ފިލްމެއް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރު އަމާޒު ހިފައިގެން ހުރި ކަމަށެވެ. ސުޖޯއިގެ އެންމެ ފަހުގެ ފިލްމަކީ ކަރީނާ ކަޕޫރާ އެކު 2023 ގައި ގެނެސްދިން މިސްޓްރީ ތުރިލާ 'ޖާނެ ޖާ' އެވެ.
'ކަހާނީ 3' ގެ ލީޑަށް ޔާމީ ގެންނަން ނިންމި އިރު، އޭނަ އަކީ މި ފަހުން ކޮންމެ ފިލްމެއްގައި ވެސް ވަރަށް މޮޅު އެކްޓިންއެއް ދައްކަމުން އަންނަ ބަތަލާއެކެވެ.
ޔާމީ އަކީ މިހާރު އިންޑިއާގެ ކުޅަދާނަ އަދި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ކަމަށްވާ 'ދުރަންދަރު' ގެނެސްދިން އަދިތިއާ ދާރްގެ އަންހެނުންނެވެ. ޔާމީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ތައުރީފު އޮހުނު ކޯޓްރޫމް ޑްރާމާ 'ހަޤް' އެވެ.