އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެކަމުގައި ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
އެ ޖަމާއަތުގައި ރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، މުސްލިމު ޤައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގައާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގައި އޯއައިސީން އަދާކުރަމުންދާ ދެމެހެއްޓެނިވި ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ބައި ޤަރުނު ފާއިތުވެގެން ދިޔައިރު ވެސް، ބައިނަލްއަޤްވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ މުހިންމުކަން ކުޑަނުވާކަން ފާހަގަކުރައްވައި، އަދުގެ ދުނިޔޭގައި އެ ޖަމާޢަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެމިއޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފާއިތުވި 50 އަހަރުގެ ތެރޭގައި، އިސްލާމިކް ސަމިޓްތަކުގައާއި، ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުންތަކުގައާއި، އެ ނޫން ވެސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޯއައިސީގެ މަސައްކަތްތަކުގައި ރާއްޖެއިން ފުޅާ ދާއިރާއެއްގައި ޙިއްޞާވެފައިވާ ކަމަށެވެ.
މީގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް އަދި އޯއައިސީގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ އާއި އޯއައިސީއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި ޢާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށް ވުރެ ހަރުދަނާ ގުޅުމެއްކަމަށާއި، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުޞޫލުތަކާއި އިންޞާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއް ކަމަށެވެ.
ހެއްކެއްގެ ގޮތުގައި، ފަލަސްޠީނު ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ޙައްޤުތަކަށް ރާއްޖެއިން މެދުކެނޑުމެއް ނެތި ވަކާލާތުކުރަމުން އައުމާއި ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް އިންޞާފު ހޯދައިދި ނުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުންތައް ފާހަގަ ކުރެއްވި އެވެ.
އޯއައިސީގެ މެންބަރަކަށް ރާއްޖެވީ ޖުލައި 20، 1976 ގަ އެވެ.