ރާއްޖޭގެ ނުފޫޒު ގަދަ ވިޔަފާވެރިން ކަމަށްވާ ޗަމްޕާ އާއިލާ އަށް ނިސްބަތްވާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވައިފި އެވެ.
ޗަމްޕާ އާއިލާގެ އެ ދެ ބޭފުޅުންނަށް އެ ޝަރަފު އެރުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒެވެ.
ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި ޗަމްޕާ އާއިލާގެ ނުފޫޒު ވަރަށް ގަދަ އެވެ.
އުއްޗު އަކީ 2013 ގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) ވެސް އަރުވާފައިވާ ބޭފުޅެކެވެ. އޭނަ ލިބިވަޑައިގެންފައިވާ އެހެން އެވޯޑުތަކުގެ ތެރޭގައި، 2022 ގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި، 2024 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސް (SATA) ގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ލިބިވަޑައިގެންފައިވެ އެވެ. ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ 1989 ގަ އެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004 ގަ އެވެ.
މީގެ އިތުރުން 2010 ގައި ޢަފީފަށް "ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ"ގެ ލަޤަބުވެ ސް ސަރުކާރުން އަރުވާފައިވެ އެއެވެ. އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އޭނަ އަށް އެރުވީ 2013 ގަ އެވެ.