Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް މިހާރަކު ނެތް

ސިޔާސީ ގޮތުން ބަދަލުހިފުމުގެ ވިހަގަދަ ރޫހުން ރާއްޖެ މިނިވަންކޮށް ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނުު ވިދާޅުވީ އެކި ގޮތް ގޮތުން ރާއްޖެއަށް މިނިވަން ވަރަށް ބޮޑަށް ލިބި ދީފައިވާ ކަމަށެވެ. އެގޮތުން އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި އަނިޔާވެރިކަން ނައްތާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ވެސް، މިހާތަނަށް ނުދޭ މިނިވަންކަން މި ސަރުކާރުން ހޯދައި ދީފައިވާ އެހެންވެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަހެއް ނެތް ކަމަށާއި އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ސްކޫލު ހޯލުތަކާއި ދައުލަތުގެ މުއައްސަސާތައް ދިނުމާއި އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުން ބާއްވަން ވެސް އިންތިޒާމުތައް ހަމަޖައްސައިދެވޭ ކަމަށް ވިދާޅުވި އެވެ.
.
"އަޅުގަނޑުމެން ކުރީގެ އެއްވެސް ލީޑަރަކު ޖަލަކަށް ނުލަން،" ރައީސް ވިދާޅުވި އެވެ. "[ނަމަވެސް] މިއީތޯ މީގެ ކުރިން މިކަންވެފައި އޮތް ގޮތަކީ؟ ސަރުކާރެއް ހުވާކުރާ ތަނުން އަވަސްވެ ގަންނަނީ އެންމެ ފަހުން ފޭބި މީހާ ޖަލަށް ލެވޭތޯ. ބަދަލު ހިފުމުގެ ރޫހު ނޫން ކަމެއް ތަންފީޒުކޮށްފައެއް ނުވޭ."

ރައީސް ވިދާޅުވީ މި ސަރުކާރު އައީ، ސިޔާސީ ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލާނެކަމުގެ ވައުދާ ވެސް އެކީގައި ކަމަށާއި އެ ވައުދު ތަންފީޒުކޮށް، ސިޔާސީ ބަދަލުހިފުމުގެ ވިހަގަދަ ރޫހުގެ އަޅުވެތިކަމުން، މިހާރު މި ގައުމު މިނިވަންކޮށް ދީފައިވާ ކަމަށެވެ.

އެގޮތުން ސިޔާސީ ގޮތުން ހަރަކާތްތެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި އަނިޔާވެރިކަމަށް ހުށަހެޅިފައިވާ އިދިކޮޅު ސިޔާސީ ވެރިންނަށް މިނިވަންކަންދީ، އަނިޔާވެރިވުމުގެ ސަގާފަތަށް ނިމުން ގެނެސްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހުދޫދުގެ ތެރެއިން ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.