ޖުލައި 26، 1965 ގައި އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ މިއަދަށް 61 އަހަރު ފުރުނީއެވެ. މިނިވަންދުވަހަކީ ސިޔާދަތާއި، އަމިއްލަ މުސްތަޤްބަލް އަމިއްލައަށް ކަނޑައެޅުމުގެ ޙައްޤާއި، އަދި ބޭރުގެ އެއްވެސް ބާރަކަށް ދެން ދުވަހަކުވެސް މި ޤައުމުގެ މައްޗަށް ވެރިނުވެވޭނެކަން ކަށަވަރުކުރުމަށްޓަކައި ވެދެވުނު ޤުރުބާނީތައް ފަޚުރުވެރިކަމާއެކު ހަނދާންކޮށްދޭ މުހިންމު ދުވަހެކެވެ.
ނަމަވެސް، މިނިވަންކަމަކީ ހަމައެކަނި ބޭރުގެ އިސްތިޢުމާރީ ވެރިކަމެއްގެ ބާރުގެ ދަށުގައ ނެތުމެއް ނޫނެވެ. ހަގީގީ މިނިވަންކަމުގެ މާނައަކީ އިޤްތިޞާދީ މިނިވަންކަމާއި، ހަމަހަމަ ފުރުޞަތުތަކާއި، އެންމެންނަށް އިންސާފު ޤާއިމުވެފައި އޮތުމެވެ. އަދި އެއީ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވިޔަސް، އަބުރުވެރި މުސްތަޤްބަލެއް ބިނާކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވުމެވެ.
މިނިވަން ކަމަށް 61 އަހަރު ފުރިގެންދިޔަ އިރު، އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް އިޙްސާސް ކުރެވެމުން ދަނީ އެ ފަރާތްތައް ބާކީވަމުންދާ ކަމަށެވެ.

މުޅި ޤައުމަށް އެއްވަރެއްގެ ތަރައްޤީއެއް ލިބުމުގެ ބަދަލުގައި، އިޤްތިޞާދީ ފުރުޞަތުތަކާއި، އިންވެސްޓްމަންޓްތަކާއި، އަދި އާންމު ޚިދުމަތްތައް ގްރޭޓަރ މާލެ ސަރަޙައްދަށް އެކަނި ޖަމާވަމުންދާ މަންޒަރަކީ ފެންނަމުންދާ ހަގީގަތެވެ. ހަމައެއާއެކު، ގިނަ ރަށްތަކަކުން އާބާދީ މަދުވުމާއި، އިޤްތިޞާދު ހީނަރުވުމާއި، އަދި ވަޒީފާގެ ފުރުޞަތުތައް ހަނިވުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އަމިއްލަ ރައްޔިތުންނަށް ދިރިއުޅުން ބިނާކުރުމަށްޓަކައި އެމީހުންގެ އުފަން ރަށްތައް ދޫކޮށް ދާން މަޖުބޫރުވާ ނަމަ، އެއީ ފުރިހަމަ މިނިވަންކަމެއް އޮތް ޤައުމެއް ކަމަށް ދަޢުވާއެއް ނުކުރެވޭނެއެވެ.
މިނިވަންދުވަހުގެ މި މުނާސަބަތުގައި، ގައުމާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން "މިނިވަންކަމަކީ އިންޞާފު" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ. މިއީ ވަރަށް ބާރުގަދަ، އަދި އެހާމެ އަސަރުގަދަ ބަސްފުޅެކެވެ. ނަމަވެސް، މިފަދަ ބަސްފުޅުތަކުގެ އަސަރު ސަރުކާރުގެ ސިޔާސަތުތަކުން ފެންނަންޖެހެއެވެ. އިޤްތިޞާދީ ބާރުތައް އެއް ސަރަޙައްދަކަށް އެކަނި ޖަމާވެ، ޤައުމުގެ ބާކީ ބައި ފަހަތަށް ސޮއްސާލާއިރު، އެއީ އިންޞާފު ޤާއިމުވުމެއް ނޫނެވެ. މަރުކަޒީ އުޞޫލަކީ ޤައުމީ ތަރައްޤީގެ މައިގަނޑު ސިފައަކަށް ވެގެންދާއިރު، އެއީ އިންޞާފު ލިބުމެއް ނޫނެވެ. އިންޞާފަކީ ކޮންމެ ރަށެއްގެ މުޖުތަމަޢަކަށްމެ ކުރިއެރުމާއި ފާގަތިކަން ހޯދުމުގެ ޙަޤީޤީ ފުރުޞަތު ލިބިގެންވުމެވެ.
ހަމައެކަނި ރީތި ތަޤުރީރުތަކުން މިފަދަ ގޮންޖެހުންތަކެއް ޙައްލެއް ނުކުރެވޭނެއެވެ. ވެރިކަމުގެ ފަންވަރު މިނެކިރެނީ އަސަރުގަދަ ބަސްތަކުންނެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުން އާރާސްތުކޮށްދޭ ނިންމުންތަކުންނެވެ. ސިޔާސަތުތަކުގެ ސަބަބުން މުއްސަނދިކަމާއި، ވަޒީފާތަކާއި، އަދި ފުރުޞަތުތައް ޤައުމުގެ އެއް ފަރާތަކަށް އެކަނި ބޮޑުވެ، އެހެން މުޖުތަމަޢުތައް ބަލިކަށިވަމުންދާނަމަ، ތަޤުރީރުތަކުގައި ބަޔާންކުރާ އުޞޫލުތަކާއި ރައްޔިތުން ތަޙައްމަލުކުރާ ޙަޤީޤަތާ ދެމެދު އޮތް ފަރަޤު ބޮޑުވުން ނުވެއެއް ނުދާނެއެވެ.
ދިވެހިރާއްޖޭގެ ބާރާއި ދިރުން އަބަދުވެސް ގުޅިފައިވަނީ މި ޤައުމުގެ ރަށްތަކާއި ރައްޔިތުންނާއެވެ. ޤައުމީ ތަރައްޤީއަކީ މުޅި ޤައުމު އެއްބައިވަންތަކޮށްދޭންޖެހޭ ކަމެކެވެ. އެއީ އެއް ބަޔަކު ކުރިއަރައިދާއިރު، އެހެން ބަޔަކު ނިކަމެތިކަމާއި ހަނގުރާމަކުރަންޖެހޭ ފަދަ މުސްތަޤްބަލެއް އުފަންކުރާނެ ކަމެއް ނޫނެވެ. ޙަޤީޤީ މިނިވަންކަމަކީ ކޮންމެ މުޖުތަމަޢެއްމެ ބާރުވެރިކުރުވުމާއި، ރަށްރަށުގެ އިޤްތިޞާދު ޙިމާޔަތްކުރުމާއި، އަދި ތަރައްޤީގެ ފައިދާ ޤައުމުގެ ހުރިހާ ބިތަކަށް ފޯރުކޮށް ދިނުމެވެ.

މިނިވަންކަން ދެމެހެއްޓުމަށްޓަކައި އޮތް އެންމެ ބޮޑު އައްޑަނައަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ޢަމަލީ ފިޔަވަޅުތަކެވެ. ޙަޤީޤީ މިނިވަން ޤައުމަކީ، އެހެން ތަނެއްގައި ފުރުޞަތުތައް އޮތުމުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން މަޖުބޫރުވުމެއްނެތި، އަމިއްލަ މުޖުތަމަޢުގައި ކާމިޔާބު ދިރިއުޅުމެއް ބިނާކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެފައި އޮތް ޤައުމެވެ.
މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު، އަޅުގަނޑުމެން އަމިއްލަ ނަފްސާ އުނދަގޫ، ނަމަވެސް ސުވާލެއް ކޮށްލަން އެބަޖެހެއެވެ. އަހަރެމެން ޙިމާޔަތްކޮށްގެން މިތިބީ ހަމައެކަނި ސިޔާސީ މިނިވަންކަންތޯ އެވެ؟ ނުވަތަ ހުރިހާ ދިވެހި ރައްޔިތުންގެ އިޤްތިޞާދީ މިނިވަންކަމާއި އަބުރުވެރިކަން ވެސް ރައްކާތެރިކޮށް ދެވިއްޖެތޯ އެވެ؟
މިނިވަންކަމުގެ ޙަޤީޤީ މާނައެއް އޮންނާނީ، ހަމައެކަނި ބަސްތަކަކުންނެއް ނޫނެވެ. ނަމަވެސް ކޮންމެ ރައްޔިތެއްގެ ދުވަހުގެ ދިރިއުޅުމަށް އިންޞާފު ލިއްބައި ދީގެންނެވެ.