ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުޙައްމަދު ލަޠީފަށް އަރުވައިފި އެވެ.
އެ ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ލަޠީފް ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާއިރު އެމަނިކުފާނުގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ.
އެގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތް ކުރައްވައިފަ އެވެ. ކިޔަވައި ދިނުމުގެ މަންހަޖު އެކުލަވައިލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީންކުރުމަށްޓަކައި އަލަށް ގާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" އުފެދިގެން ދިޔުމުގައްޔާއި، "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީ ކުރެވިގެން ދިޔުމުގައި ވެސް ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިއްމެވެ.
ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ލަޠީފެވެ. ރާއްޖޭގައި ސާނަވީ ތަޢުލީމު ފުޅާ ކުރައްވައި، މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާ ކުރެއްވުމަށްޓަކައި "ބިލްޓް-އިން ސުޕަވިޝަން ސިސްޓަމް" އެއް އެމަނިކުފާނު ޤާއިމު ކުރެއްވިއެވެ.
ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިޔުކޭޝަން" 1998 ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔައިރު، އެ ކޮލެޖު ގާއިމުކުރެއްވުމަށްޓަކައި ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ލަޠީފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް ޚިދުމަތްކުރައްވައި، އެ ދާއިރާއިން ވެސް ތަޖުރިބާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.
ލަޠީފް އެންމެ ފަހުން ހުންނެވީ ޤައުމީ ޔުނިވަސިޓީގެ ޗާންސެލަރިގެ މަގާމުގައެވެ. އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ލަޠީފް، ޕީއެޗްޑީ. ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަސޓީ އޮފް ވޭލްސް އިން އެޑިޔުކޭޝަނަލް ޕްލޭނިންގެ ރޮނގުން 1992 ގަ އެވެ. އަދި މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލު ކުރެއްވީ ވެސް އެ ޔުނިވަރސިޓީންނެވެ.