Last Updated: July 26, 18:11
Sunday, July 26, 2026
ދުނިޔެ

އެމެރިކާގެ 40،000 ސިފައިންނަކީ ކީއްކުރާ ބައެއް؟

ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށް ދަޢުވާކުރާ އެމެރިކާގެ އަސްކަރިއްޔާ މިވަގުތު ބޮނދައިގެން ތިބީ ފަސްތަރީގެ ހޮޓާތަކުގެ ކޮޓަރިތަކުގައެވެ. އަދި އީރާނުން ބުނަނީ އެ ހޮޓާތައްވެސް، އީރާނުގެ އަމާޒަކަށް ހަދައިލާނެ ކަމަށެވެ. މި މަގާލު ކިޔާލުމުން ނޫސްތަކުން ނުދައްކާ ކިތަންމެ ވާހަކައެއް ތިބާއަށް ފަހުމުވެގެން ދާނެއެވެ.

ތިމާމެންގެ އަމިއްލަ ޢަސްކަރީ މަރުކަޒުތައް ޙިމާޔަތް ނުކުރެވޭ 40،000 އަސްކަރީ ސިފައިންނަކީ ކީއްކުރާ ބައެއް ހެއްޔެވެ؟ އެފަދަ ބަޔަކަށް އީރާނާއެކު ބިން މަތީގެ ހަނގުރާމައެއް ކުރެވިދާނެ ހެއްޔެވެ؟ ފަސްތަރީގެ ހޮޓާތަކުގައި ބޮނދައިގެން ތިބޭ މީހުންނަކަށް ޙަޤީޤަތުގައި ހަނގުރާމައެއް ނުކުރެވޭނެވެ.

ކުވައިތު، ޤަޠަރު، ބަހުރެއިން އަދި އުރުދުންގެ އެކި ހިސާބުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޕެންޓަގަނުން ދަނީ ހޮޓާތަކާއި، އޮފީސް ޢިމާރާތްތަކަށް ސިފައިން ބަދަލު ކުރަމުންނެވެ. ފަސްތަރީގެ ހޮޓާތަކަކީ ބަންކަރުތަކެއް ނޫނެވެ. އަދި އީރާނުން އެ ހޮޓާތަކަށް އިންޒާރުދެމުން ބުނެފައިވަނީ، އެމެރިކާގެ ސިފައިންނަށް ހިޔާވަހިކަންދޭ ކޮންމެ ތަނަކީ އީރާނުގެ އަސްކަރިއްޔާއަށް ޖާއިޒު އަސްކަރީ އަމާޒެއް ކަމަށެވެ. މިއީ ދެކެވޭ ޔޯލަ ވާހަކައެއް ނޫނެވެ.

މިއީ ރެކޯޑު ކުރެވިފައިވާ ތެދު ވާހަކައެވެ. ކުވައިތުގައި ހުންނަ އެމެރިކާގެ ބުއެރިންގް އަސްކަރީ މަރުކަޒު އީރާނުން ވަނީ ހަލާކުކޮށްލާފައެވެ. އީރާނުން ވަނީ ޕޯޓް ޝުއައިބާ ބަނދަރަށް ޙަމަލާދީ އެތަން ހަލާކުކޮށް، އެމެރިކާ ސިފައިންގެ ހަމީހަކު މަރާލާފައެވެ. ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު އީރާނުން ވަނީ ހަލާކުކޮށްލާފައެވެ. ބަހުރެއިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ފްލީޓްގެ މަރުކަޒު އީރާނުންވަނީ ހަލާކުކޮށްލާފައެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނާ ގޮތުގައި ގާތްގަނޑަކަށް އެމެރިކާގެ 40،000 ސިފައިންނަށް މިވަގުތު ވަނީ އެ ސަރަޙައްދުގެ އެކިއެކި ތަންތަނަށް ބަދަލުވާން ޖެހިފައިވެއެވެ. ބައެއް ސިފައިން ޔޫރަޕާއި ހިސާބަށް ގެންދަން ޖެހުނެވެ. ސަބަބަކީ އެމީހުންގެ އަމިއްލަ އަސްކަރީ މަރުކަޒުތަކުގައި ތިބުމަކީ ނުރައްކާތެރިކަން ބޮޑު ކަމަކަށް ވެގެން ދިއުމެވެ. ސިކުންތުކޮޅަކަށް މިކަމާ މެދު ވިސްނާލާށެވެ. މި ގުރަހެލީގައި އެންމެ ބޮޑު އަސްކަރީ ބަޖެޓެއް އޮތް ޤައުމުގެ އަސްކަރިއްޔާއަށް ރައްކާތެރި އެއްވެސް އަސްކަރީ މަރުކަޒެއް ނެތެވެ. ވީމާ އިންސާނީ ތާރީޚުގައި ވެސް ފަންނީ ގޮތުން އެންމެ ކުރިއަރާފައިވާ އަސްކަރީ ބާރުގެ ޙާލަތާ މެދު ތަޞައްވުރު ކޮށްލާށެވެ.

ސްޓެލްތު ބޮންއަޅާ ބޯޓާއި، އެއަރކްރާފްޓް ކެރިއަރުތަކާއި، ފަޒާގެ ތެރޭގައި ހުންނަ ސެޓެލައިޓް ނެޓްވޯކްތަކުން އަހުރެމެން ގެންގުޅޭ އުޅަނދުތަކުގެ ނަންބަރު ޕްލޭޓަށް ދަންދެން އެމީހުންނަށް ބަލައިލެވެއެވެ. އެކަމަކު، އެމީހުންގެ އަސްކަރީ މަރުކަޒުތައް ފުނޑާލުމުން އެމީހުންގެ ކޮންޓިންޖެންސީ ތަދުބީރަކީ ފަސްތަރީގެ ހޮޓާތަކަށް ވަދެ ބޮނދައިގެން ތިބުމެވެ. އެމެރިކާގެ ރައީސް ދެ ދުވަހުން އެއް ދުވަހު އީރާނު ހަނގުރާމަ ކާމިޔާބު ކުރެއެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި 27 ފަހަރު، އޭނާ މި ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށް މިހާތަނަށް އިޢުލާންކޮށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ރިޓަޔަރޑް މާސްޓަރ ސާޖަންޓަކު ވާހަކަ ދައްކަމުން ބުނެފައިވެއެވެ. އެ ހުރިހާ އަސްކަރީ ސާމާނެއް ހޮޓަލެއްގެ މައްޗަކު ނުބެހެއްޓޭނެއެވެ. މާނައަކީ އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަ އެމީހުންނަށް އެނގެއެވެ. އެމީހުންނަށް އޮތީ ކޮންމެ ގޮތެއްވިޔަސް އެކަން ކުރުމެވެ. އެމީހުން ދާނެ، އަދި ވަންނާނެ އިތުރު ތަނެއް ނެތެވެ. އީރާނަށް އެކަން ވަގުތުން ފާހަގަ ކުރެވުނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ކުރެއްވި ޕޯސްޓެއްގައި އެކަން އާންމުކުރެއްވިއެވެ. އެމެރިކާ ސިފައިން އެމީހުންގެ އަސްކަރީ މަރުކަޒުތަކުން ފިލައިގެން ގޮސް ހޮޓާތަކާއި އޮފީސް ޢިމާރާތްތަކުގައި ބޮނދައިގެން ތިބެ، ގަލްފްގެ އާންމު ރައްޔިތުން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުން ކުރަމުންދާއިރު، ގަލްފުގެ ހުރިހާ ހޮޓާތަކުން އެކަމާ ދެކޮޅު ހަދަން ޖެހެއެވެ. އަދި އީރާނުގެ އަސްކަރީ ތަރުޖަމާނު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާ ސިފައިންނަށް ހިޔާވަހިކަންދޭ ހޮޓާތަކަކީ އީރާނުގެ ނަޒަރުގައި އެއީ އެމެރިކާގެ ތަންތަނެވެ. މާނައަކީ އެފަދަ ހޮޓާތަކަކީ އީރާނުގެ ޖާއިޒު އަމާޒުތަކަކަށް ވެފައިވާ ތަންތަނެވެ. އެމެރިކާ ސިފައިންނަށް ހިޔާވަހިކަންދޭ ޢަރަބި ޢިމާރާތާއި، ބަހުރެއިންގެ ވަކިވަކި ހޮޓާތައް އީރާނުން މިހާރު ވަނީ ފާހަގަ ކޮށްފައެވެ.

ދެން އޮތީ ވޮޝިންޓަންގެ އެއްވެސް ސިޔާސީ މީހަކު ކެމެރާ ކުރިމަތީގައި ޖަވާބު ދޭން ބޭނުން ނުވާ ސުވާލެވެ. ކަލޭމެންގެ އަސްކަރީ މަރުކަޒުތަކަކީ ރައްކާތެރި ތަންތަނަށް ނުވާއިރު، އަދި މިހާރު ކަލޭމެން ތިބޭ ހޮޓާތަކަކީވެސް ރައްކާތެރި ތަންތަނަށް ނުވާއިރު، ގަލްފު ދޫކޮށްފައި ނުދާން ތިޔަ ތިބެނީ އަޅެ ކީއްވެގެން ހެއްޔެވެ؟ ހޮޓަލެއްގެ ކޮންފަރެންސް ރޫމަކުން ބިންމަތީގެ ހަނގުރާމައެއް ނުކުރެވޭނެއެވެ. މެރިއޮޓްގެ ތެރޭގައި އާމަރީއާއި، އާޓިލަރީ އަދި ސިފައިންގެ ޙަރަކާތްތަކެއް ނުހިންގޭނެއެވެ. ބިންމަތީގެ ހަނގުރާމައަކަށް ބޭނުންވަނީ ބިންމަތީގައި ޤާއިމުކޮށްފައިވާ، ސެކިއުރިޓީ ވަރުގަދަ އަސްކަރީ މަރުކަޒެކެވެ.

އީރާނުން ފާއިތުވި ދުވަސްތަކުގައި ނިޒާމީ ގޮތެއްގައި ވަނީ އެފަދަ ހުރިހާ ތަންތަނެއް ނައްތާލާފައެވެ. ވީމާ އެމެރިކާގެ އޮފިޝަލުން، ތިމަންމެން ހަނގުރާމަ މެނޭޖް ކުރަނީ ރިމޯޓު ނުވަތަ މާދުރުގައިވާ ތަންތަނުގައި ތިބެގެން ކަމަށް ބުނާއިރު، އެއީ ހަނގުރާމައިގެ މާނަވީ އިސްތިރާޖީއެއް ނޫނެވެ. އެއީ އަމިއްލައަށް ވެވޭ އިޢުތިރާފެކެވެ. މާނައަކީ، ޙަޤީޤަތުގައި އީރާނަށް އަރައިގަނެ، ފަސޭހައިން އީރާނުގެ ބިން ޙިޞާރުކުރުމަށް ބޭނުންވާނޭ ޖިސްމާނީ ބާރެއް އެމެރިކާގެ ކިބައަކު މިހާރު ނެތެވެ. އެމެރިކާގެ ހަތިޔާރު ކޮށާރުތައް

ހުސްވަންދެން މަތިން ބޮން އަޅާލައަޅާލާ އެމެރިކާއަށް އޮވެވިދާނެއެވެ. އެކަމަކު، ބިންމަތީގެ ހަނގުރާމައެއް ކާމިޔާބެއް ނުކުރެވޭނެއެވެ. އެމެރިކާ ސިފައިން ފުރާނަ ސަލާމަތްކުރުމަށްޓަކާ މަދަނީ ޢިމާރާތްތަކަށް ވަދެތިބެ، އީރާނުގެ ރޭލު މަގުތަކާއި، ބުރިޖުތަކާއި، މުވާޞަލާތީ ނެޓްވޯކްތަކާއި، މަދަނީ ބިނާވެށި ހަލާކުކޮށް އާންމު ރައްޔިތުން މަރަނީއެވެ. އެހެންކަމުން އަމިއްލަ ނަފުސާއި ސުވާލުކޮށްލާށެވެ.

މިވަގުތު ޙަޤީޤަތުގައި ހަނގުރާމައެއް ކުރަނީ ކޮން ބައެއް ހެއްޔެވެ؟ ހަނގުރާމައިގެ މައިދާން ދޫކޮށްލާފައި، ބްރިޖުތަކާއި، އިންޖީނުގެތަކާއި، ސްކޫލްތަކާއި، ހަސްފަތާލުތަކާއި އަދި އާންމު ރައްޔިތުންގެ ބޮލަށް ބޮން އަޅަނީ ކޮން ބައެއް ހެއްޔެވެ؟ އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއިން މަދަނީ ބިނާވެއްޓަށާއި، އާންމު ރައްޔިތުންނަށް ދޭ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި، އީރާނުން ސަރަޙައްދީ ޤައުމުތަކަށް ދޭ ޙަމަލާތަކަކީ އީރާނުގެ ދިފާޢުގައި ދޭ ޙަމަލާތަކެއް ކަމަށް ބުނެ އެކަން ދިފާޢުކޮށްފައެވެ.

ހުރުމޫޒް ކޮއްލަވާނީގައި ބޯޓުތަކަށް ދިން ޙަމަލާތަކަށް ފަހު ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުން ވަނީ އުވިގެން ގޮސްފައެވެ. އަދި އެމެރިކާއިން ވަނީ މަދު ދުވަސްތަކެއްގެ ތެރޭގައި އަލުން ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑުގެ ސަބަބުން މިއަދުވެސް އީރާނަކަށް ތެޔޮ ބޭރުކުރެވޭނޭ ގޮތެއް ނެތެވެ. ދާދިފަހުން، އެމެރިކާގެ ކޮންގްރެސް އިން ވަނީ ހަނގުރާމައިގެ ޚަރަދުތަކަށް 95 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ކަނޑައަޅާފައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބްލޮކޭޑްތަކާއި، ފައިސާއާއެކުވެސް ހަނގުރާމައިގެ ޙަޤީޤީ މަޤުޞަދު ޙާޞިލުކުރަން އެމެރިކާއަށް ވަނީ އުނދަގޫވެފައެވެ. އެހެންކަމުން އެމެރިކާއިން މި ހަނގުރާމަ ކާމިޔާބު ކުރާނެ ކަމަށް މީހަކު ބުނެފިނަމަ، އެމީހަކާއި ސާދާ އެންމެ ސުވާލެއް ކޮށްލާށެވެ. މިރޭ އެމެރިކާ ސިފައިން ނިދަން ތިބޭނީ ކޮންތާކު ހެއްޔެވެ؟ މިވަގުތު ދެވެން އޮންނާނޭ ތެދުވެރި ޖަވާބަކީ އަސްކަރީ މަރުކަޒަކު ނޫނެވެ.

އާދެ، ކޮންމެވެސް ހޮޓަލެއްގެ ކޮންފަރެންސް ރޫމްގައެވެ. އެހެންކަމުން، ނޫސްވެރިންގެ ބައްދަލުވުންތަކުން އެނގޭވަރަށް ވުރެ މާބޮޑަށް، މި ހަނގުރާމައިން ބަލިވަނީ އަސްލު ކޮން ބައެއްކަން އެނގިގެން ދެއެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.