Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ތަފާތެއް ނެތި އިދާރީ، މާލީ މިނިވަންކަން ލިބެން ޖެހޭ

ކައުންސިލްތައް ހިންގުމަށްޓަކައި އެއްވެސް ނުފޫޒެއް ހިފަހެއްޓުމެއް ނެތި އިދާރީ އަދި މާލީ ބާރުވެރިކަން ދޭން ޖެހޭ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނަގަން ހިތަދޫ ސިޓީ ސްކެއާގައި ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރާ އިރު، މިނިވަންކަމުގެ ފުރިހަމަ އިހުސާސް ކުރެވެން ޖެހޭ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ތަންފީޒު ކުރުމުގައި މިހާރު ވަރަށް ގިނަ ގޮންޖެހުންތަކާއި ތަފާތު ކުރުންތައް އެބަހުރި ކަމަށް މޭޔަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޓީތަކުގައި އިދިކޮޅު އެމްޑީގެ މެޖޯރިޓީ އޮތް ކަމަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވީ އައްޑޫ ސިޓީގެ އިތުރުންް ރާއްޖޭގެ އެހެން ސިޓީތަކުގެ ހިންގުމުމަށް ތަފާތު ކުރުންތަކުގެ އިހުސާސް ކުރެވޭ ކަމަށެވެ، ނިޒާރު ވިދާޅުވީ އެ ތަފާތު ކުރުން ނައްޠާލައި ހަމަހަމަކަމާ އެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހިދުމަތް ދެވޭނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ނިޒާމު ތަންފީޒު ކުރަން ކައުންސިލްތަކަށް ފުރުސަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ބައްޓަންވެފައިވާ ގޮތުން އެ ނިޒާމު އިދާރާ ގޮތުންނާއި މާލީ ގޮތުން ވެސް ތަންފީޒު ކުރަން ހުރި ހުރަސްތަކާއި ދަތިތަކާ ހެދި ރައްޔިތުން އެންމެ އުންމީދު ކުރާ ގޮތަށް ކަންކަން ނުވެދާ ގޮތަށް މަންޒަރު ފެންނަން ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތަކާއި އުދާސްތައް ރައްޔިތުންފެ ފަރާތުން ކައުންސިލްތަކަށް ހޮވާފައި ތިބި ވެރިންނާ މެދު އުފެދޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެހެންވެ އިދާރީ ގޮތުންނާއި މާލީ ގޮތުންނާއި އެ ސަރަހައްދަކަށް ލިބިގެންވާ ބިންބިމާއި އެ ސަރަހައްދެއްގެ އިހުތިސާސާއި ރައުސުލްމާލުތަކުގެ ފުރިހަމަ ބާރުވެރިކަން ކައުންސިލްތަކަށް ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މިނިވަން ދުވަހެއް ފާހަގަކުރާ އިރު، އެކަންކަމުގައި ހުރި ފިއްތުންތަކާއި ހުރަސްތަކއި ޒާތީވުން ފަދަ ކަންކަން ނެތުމަކީ މިނިވަންކަމުގެ ފުރިހަމަ އިހުސާސް ކުރެވި، ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ދިނުމަށްޓަކައި ފަހިވެފައި އޮންނަން ޖެހޭ ފުރުސަތެއް ކަމަށެވެ.

މޭޔަރުގެ ވާހަކައިގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ތަފާތު ކުރުންތައް ނައްތާލައި ހަމަހަމަކަމާ އެކު ހިދުމަތްތައް ފޯރުކޮށް ދެވޭނެ މަގުތައް ސަރުކާރުން ފަހިކޮށް ދިނުމުގެ މައްޗަށެވެ. އަދި އެކަން އެގޮތަށްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.