ހުއްދަ ނެތި ބޭސް އެތެރެކޮށްފި ނަމަ 100،000ރ. އިން ޖޫރިމަނާކޮށް ލައިސެންސް ހިފެހެއްޓޭގޮ ތަށް ބޭހާ ބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ޝާއިއުކުރި ގަވާއިދުގެ މަގުސަދަކީ އާންމުން ބޭނުންކުރާ ބޭސް، އެ ބޭހުގެ ސަބަބުން ކުރަންޖެހޭ އަސަރު އެންމެ އެދެވޭ ގޮތެއްގައި ކުރާ، ފެންވަރު ރަނގަޅު، އަދި ރައްކާތެރި ބޭސްކަމުގައި ކަށަވަރުކޮށް ދިނުމެވެ.
އެގޮތުން ނަހަމަ ގޮތުގައި ބޭސް ބޭނުން ކުރުން ހުއްޓުވުމާއި، ހުއްދަ ނޫން ގޮތުގައި ބޭހުގެ މުޢާމަލާތު ކުރުން ހުއްޓުވުމާއި، އިންސާނުން ބޭނުން ކުރުމަށް އެކަށީގެން ނުވާ ބޭހާއި ކައުންޓރފީޓް ބޭސް ރާއްޖެއަށް އިމްޕޯޓުވިޔަ ނިނުމަކީ އިސްލާމުގެ މައިގަނޑު ބޭނުމެމެވެ. އަދި ބޭސް ވިއްކާ ތަންތަނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އަސާސީ ބޭސް ބެހެއްޓުން ލާޒިމު ކުރުވުމާއި، ބޭސް އިމްޕޯޓުކުރާ ފަރާތްތަކާއި، ބޭސް ވިއްކާ ފަރާތްތަކަށް ލައިސަންސް ދިނުމާއި، މި ފަދަ ތަންތަން ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި ފާސްކުރުމުގެ އިތުރަށް ބޭސް އުފައްދާ ތަންތަނަކީ ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސަސްގެ މިންގަނޑުތަކާ އެއްގޮތަށް ބޭސް އުފައްދާ ތަންތަންތޯ ކަށަވަރުކުރުން ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ގަވާއިދާ ހިލާފުވެއްޖެ ނަމަ، 10،000-100،000ރ. އާ ދެމެދުގެ އަދަދަކުން ބޭހެއް އެތެރެ ކުރި ފަރާތެއް ޖޫރިމަނާކޮށް، 14 ދުވަހަށް އެ ފަރާތެއް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ބޭސް ރަޖިސްޓްރީ ކުރަން ދޮގު މައުލޫމާތެއް ދީފި ނަމަ އެ ކުންފުންޏެއް "ބްލެކްލިސްޓް ކުރުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބިގެންވެ އެވެ.
"ބްލެކްލިސްޓްކުރާ ކުންފުނިތަކުން ހިދުމަތް ފަށަން އަލުން ރަޖިސްޓްރީ ކުރަން ހުށަހެޅޭނީ ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހުއެވެ.
ބޭސް ވިއްކުމަަށް ދޫކުރި ހުއްދަ ބާތިލު ވާނީ ގަވައިދާ ހިލާފަށް ބޭހާ ގުޅޭ އެކިއެކި މުއާމަލާތްތައް ކުރާ ފަރާތްތަކާއި ފޯރުކޮށްދޭ ބޭހަކީ އާންމު ސިއްހަތަށް ރައްކާތެރި ބޭހެއް ކަމުގައި ނުވާނަމަ އެވެ. އަދި ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު ހިދުމަތް ނުފަށާ ހަ މަސް ދުވަސްވުން، ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށް ފަހު، ފާމަސީ ނުހިންގާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވުމުން ވެސް ހުއްދަ ބާތިލު ކުރެވޭނެ އެވެ.
މީގެ އިތުރުން ވެސް ބޭސް ބަހައްޓާފައި ހުރި ތަނުގެ ސާފުތާރިހުކަން ކުޑަވެ، އޭގެ ސަބަބުން ތަނުގައި ހުރި ބޭސްތަކުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދުމާއި ބޭސް ދޫކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ބޭސް ފިހާރައިގައި އެއްވެސް މުއާމަލާތެއްކޮށްފި ނަމަ ވެސް ހުއްދަ ބާތިލު ވާނެ އެވެ.
މި ގަވައިދުގެ ދަށުން އަމިއްލަ ބޭނުމަށް ބޭސް އެތެރެ ކުރެވޭނީ ގިނަވެގެން 3 މަސް ދުވަހަށެވެ. ނަމަވެސް ބަލި މީހާގެ މެޑިކަލް ރެކޯޑުތައް ހުށަހަޅައިގެން 6 މަސް ދުވަހަށް ބޭސް އެތެރެ ކުރެވޭނެއެވެ.
ގަވާއިދު ތަންފީޒު ކުރާނީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތީން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.