އަބަދު ވެސް ރޮބޮޓުން އުޅޭ އެނިމޭޓެޝަން ފިލްމުތައް ބަލަން ލޯބި ކުރާ ހޮންކޮންގުގެ މީހަކު ފުރަތަމަ ފަހަަަރަށް "އިންސާނަކާ އެއްފަދަ" ރޮބޮޓެއް އުފައްދައި އެތައް ބަޔަކު ހައިިރާންކޮށްލައިފި އެވެ.
ގޭގެ ބެލްކަނީގައި ކުރަމުން ދިޔަ މަަަސައްކަތް ނިންމާލައި، ރޮބަޓް އާންމުކޮށް ދައްކާލި އިރު، އޭތި ވައްތަރީ "އެވެންޖާޒް" އާއި "ކެޕްޓަން އެމެރިކާ" ފަދަ ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހަންސަން އާ އެވެ.
މި ރޮޓޮޓް އޭގެ ބޮލާއި އަތާއި ފައިން ހަރަކާތް ވެސް ކުރެ އެވެ. އަދި އެއަށް ފީޑްކޮށްފައިވާ ޕްރޮގްރާމްތަކުން އިންސާނުންނާ މުއާމަލާތް ވެސް ކުރެ އެވެ.
އެގޮތުން "ތޭންކް ޔޫ" ފަދަ ބަސްތައް ކިޔައި، ލޮލުން ވެސް އިޝާރާތް ކުރެ އެވެ.
އަމިއްލަ އިސްކޮޅާ އެއްވަރަށް މަސްނޫއީ "ސްކާލެޓް ޖޮހަންސަން" ވުޖޫދަށް ގެނައި 42 އަހަރުގެ ގްރެފިކް ޑިޒައިނަރު ރިކީ މާ ބުނީ ކޮންމެވެސް އެއް ދުވަހަކުން އަމިއްލަ އަށް ރޮބޮޓެއް އުފެއްދުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުން އަންހެން ރޮބޮޓް އުފައްދަން ރިކީ ވަނީ އަމިއްލަ ޖީބުން 50،000 ޑޮލަރު ވެސް ހޭދަކޮށްފަ އެވެ. މި ރޮބޮޓް އުފައްދާފައި ވަނީ 3ޑީ ޕްރިިންޓް ވަރަށް ބޮޑަަށް ބޭނުންކޮށްގެންނެވެ.
ރިކީ ބުނީ ސްކާލެޓާ ވައްތަރުކޮށް ރޮބޮޓް އުފެއްދި ނަމަވެސް، އެ ނަން އެއަށް ދޭން ބޭނުން ނުވާ ކަމަށެވެ. އެހެންވެ އޭގެ ނަމަކަށް އޭނާ ކިޔާފައި ވަނީ "މާކް 1" އެވެ.
"އަހެރެން މީތި ހަދަން ފެށީމަ ވަަރަށް ގިނަ މީހުން ޖޯކް ވެސް ޖެހި. އަދި ބުނި ތިއީ ކަލެއަށް ވާނެ ކަމެއް ވެސް ނޫނޭ. ތިކަމެއް ކުރަން ކަލެއަކަށް ނޭނގޭނޭ،" މާކް 1 އާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިކީ ބުންޏެވެ.
އޭނާ ބުނީ ކާމިޔާބުކަމާ އެކު ރޮބޮޓެއް ހަދާލެވުމުން ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.
"އަހަރެން އުންމީދު ކުރަން މީގެ ސަބަބުން ގިނަ ބަޔަކު ފަންޑްކޮށްގެން އަހަރެންގެ މި މަސައްކަތް ފުޅާ ކުރަން އެހީތެރިވެދޭނެ ކަމަށް،" އެކަނި މާއެކަނި އެތައް ދުވަހެއް ހޭދަކޮށްގެން ރޮބޮޓް ހެދި ރިކީ ބުންޏެވެ.
